ސަންޗޭޒް ހޯދަން ވަރުގަަދަ ތިން ޓީމު ގަދަހިފުމަކަށް

ލަންޑަން (މެއި 11) - އާސެނަލަށް ކުޅެމުން އަންނަ ޗިލީގެ ފޯވާޑް އަލެކްސިސް ސަންޗޭޒް ހޯދުމަށް ޔޫރަޕްގެ ވަރުގަދަ ތިން ޓީމު ކަމަށްވާ ޔުވެންޓަސް އާއި ބަޔާން މިއުނިކް އަދި ޕީއެސްޖީން މަސައްކަތް ފަށައިފި އެވެ.


އުމުރުން 28 އަހަރުގެ ސަންޗޭޒް އާސެނަލާ އެކު ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ނިޔަލަށް ހަމަވާއިރު، އެއްބަސްވުން އާ ކުރުމަށް އާސެނަލުން ކޮށްފައިވާ މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ. އާސެނަލުން ވަނީ ސަންޗޭޒް ވާދަވެރި ޕްރިމިއާ ލީގުގެ ކްލަބަކަށް ނުވިއްކާނެ ކަމަށް ބުނެފަ އެވެ.

އަންނަ ސީޒަނަށް ޕީއެސްޖީ އާއި ބަޔާން އަދި ޔުވެންޓަސް އިން ޓީމު ވަރުގަދަ ކުރަން ގެންނަން ބޭނުންވާ ކުޅުންތެރިންގެ ލިސްޓުގައި ސަންޗޭޒް ހިމެނެ އެވެ. ރިޕޯޓްތައް ބުނާގޮތުން ބަޔާނުން އޮތީ ސަންޗޭޒް ހޯދުމަށް 40 މިލިއަން ޔޫރޯ ހުށަހަޅަން ތައްޔާރަށެވެ. ޕީއެސްޖީން ލޫކަސް މޯރާގެ އިތުރުން 30 މިލިއަން ޔޫރޯގެ ބިޑެއް ކުރާނެ ކަމަށް ބެލެވިފައިވާއިރު، ޔުވެންޓަސް އިން ބޭނުންވަނީ ކުޅުންތެރިއަކާ އެކު ކުޑަ އަގަކަށް ސަންޗޭޒް ގެނައުމަށެވެ.

ސަންޗޭޒް 2014 ވަނަ އަހަރު ބާސެލޯނާ ދޫކޮށް 32 މިލިއަން ޕައުންޑަށް އާސެނަލަށް ބަދަލުވުމުގެ ކުރިން އޭނާ ވަނީ ލިވަޕޫލަށް ބަދަލުވާން ވާހަކަ ދައްކައިފަ އެވެ. އޭރު ވެސް ސަންޗޭޒްގެ ވިސްނުމަކީ ލަންޑަންގެ ކްލަބަކަށް ކުޅުމެވެ. އަދި އާސެން ވެންގާގެ އިރުޝާދު ދަށުން ކުޅެން ބޭނުންވާތީ އޭރު އޭނާ ސޮއިކުރީ އާސެނަލަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި ސަންޗޭޒް އާސެނަލް ދޫކޮށްލަން ބޭނުންވަނީ ޔޫރަޕްގައި އާސެނަލަށް ކާމިޔާބު ނުހޯދޭތީ އެވެ. އަދި މި ސީޒަނުގައި ޕްރިމިއާ ލީގުން އާސެނަލަށް ގަދަ ހަތަރަކުން ޖާގަ ގެއްލިއްޖެނަމަ އޭނާ އެ ކްލަބް ދޫކޮށްލަން ނިންމާފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ލީގުގައި އެންމެ ފަހުން ސައުތެމްޓަނާ ދެކޮޅަށް ކުޅުނު މެޗުގައި ސަންޗޭޒް ވަނީ އާސެނަލް މޮޅުކޮށްދިނުމަށް އެހީތެރިވެފަ އެެވެ. އަދި އާސެނަލް މި ސީޒަނުގެ އެފްއޭ ކަޕް ފައިނަލަށް ގެންގޮސްދިނުމުގައި ވެސް ސަންޗޭޒްގެ ދައުރު ބޮޑެވެ.