މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ.-- ފޮޓޯ: އޭއެފްޕީ
04 އެޕްރީލް 2017 - 09:18
މެންޗެސްޓާ (އޭޕްރިލް 4) - މެންޗެސްޓާ ޔުނައިޓެޑް ގޮވައިގެން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވާނެ ގޮތަކާ މެދު ވިސްނަމުން އަންނަ ކަމަށް އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ހޯދަން ޔުނައިޓެޑަށް ދެ މަގެއް އެބައޮތެވެ. އެއީ ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން ޖާގަ ހޯދުން ނޫނީ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދުމެވެ.
"ދެގޮތް ވެސް އުނދަގޫ. އެކަމަކު މީގައި އެބަ ވިސްނަން ޖެހޭ ކޮން ގޮތަކަށްތޯ ކިރިޔާ ވެސް ފަސޭހަވާނީ. އެއީ އަހަރެން އެބަޖެހޭ ނަތީޖާ ނެރެން،" މޮރީނިއޯ ބުންޏެވެ.
އޭނާ ބުނީ ޕްރިމިއާ ލީގުގައި ކުރިއަށް އޮތް މެޗުތަކަށް ފަހު ޔުނައިޓެޑުން ވަކި އެއް މުބާރާތަކަށް ސަމާލުކަން އިތުރުކުރާނެ ކަމަށެވެ.
ޔުނައިޓެޑް މި ވަގުތު އޮތީ ޕްރިމިއާ ލީގުގެ ފަސް ވަނައިގައި 28 މެޗުން 53 ޕޮއިންޓާ އެކު އެވެ. ހަތަރު ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ލިބިފައިވަނީ 29 މެޗުން 58 ޕޮއިންޓެވެ. ޔޫރޮޕާ ލީގުގައި ޔުނައިޓެޑް އޮތީ ކުއާޓާ ފައިނަލުގަ އެވެ.
ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ޔުނައިޓެޑް ނުކުންނާނީ އެވަޓަންއާ ދެކޮޅަށެވެ. ލީގުގައި މިދިޔަ ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގައި ލަނޑެއް ނުޖެހި ވެސްޓް ބްރޮމްއާ އެއްވަރުވުމުން މޮރީނިއޯ ވަނީ ޔުނައިޓެޑްގެ ފޯވާޑުންނަށް ފާޑުކިޔައިފަ އެވެ. މިރޭގެ މެޗަށް ނުކުންނައިރު ޔުނައިޓެޑަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ސަސްޕެންޝަނަށް ފަހު ޒަލަޓަން އިބްރަހިމޮވިޗަށް މި މެޗުގައި ކުޅެވުމެވެ.
"ލަނޑު ނުޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުން މުހިއްމު. އެކަމާ މެދު ވިސްނާއިރު ޓީމަށް މި ސީޒަނުގައި އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ (އިބްރަހިމޮވިޗް) އަށް މި މެޗުގައި ކުޅެވުމަކީ ވަރަށް ބޮޑު ހިތްހަަމަ ޖެހުމެއް،" މޮރީނިއޯ ބުންޏެވެ.
އަނިޔާގެ ސަބަބުން ފާއިތުވި މެޗުތަކުގައި ނުފެނުނު ފައުލް ޕޮގްބާ މިރޭގެ މެޗުގައި ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް މޮރީނިއޯ ވަނީ ބުނެފަ އެވެ.
އެވަޓަން ވަނީ މިދިޔަ ހޮނިހިރު ދުވަހު ކުޅުނު މެޗުގައި ވާދަވެރި ލިވަޕޫލް އަތުން 3-1 އިން ބަލިވެފަ އެވެ. އެވަޓަންގެ ކޯޗު ރޮނާލްޑް ކޫމަން ބުނީ ލިވަޕޫލް މެޗުގައި މާ ރަނގަޅަށް އެ ޓީމަށް ނުކުޅެވުނު ނަމަވެސް ޔުނައިޓެޑާ ދެކޮޅަށް ނަތީޖާ ނެރުމަށް ހުރިހާ ގޮތަކުން ވެސް މަސައްކަތް ކުރާނެ ކަމަށެވެ.
ޔުނައިޓެޑާއި އެވަޓަން ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޑިބޯ
04 April 2017
އަބުޖީއަށް ގުޅާ އޭނަ ވ މޮޅުވާނެ ތިފަދަ ހާލަތުން އަރާގަންނަން
ކޮންޓޭ
04 April 2017
އަލި މަގެއް ފެންނަން ނެތް ކަން ހިތާމައާ އެކު ދަންނަވަން
ޖާދޫ
04 April 2017
ތިބުނާ ލީގަކަށް އައްޑޫ ލިންކް ރޯޑުން ދެވޭނެ. އެކަމަކު ސަމާލުވާންޖެހޭނެ.
މޮޔަ މަންސޫރު
04 April 2017
ބުރުޒުމަގުން ހުޅަގަށް އަދި ތަބްރޭޒީ ހިނގުން ދެކުނަށް ގޮސް ބެލީމަ އެއީ މަގު.
ފާގަސަން އަންހެނުންގެ ކޮއްކޮ
04 April 2017
ނޯ ޗާންސް މޮރީނިއޯ.ރެފްޗެސްޓަރ ޔުނައިޓެޑްގެ ޒަމާން އެއީ މާޒީ.
މެންޗެސްޓާ
04 April 2017
ކަޑަވިޔަސް ޔުނައިޓެޑް އަކާ ނުކުޅެވޭނެ. ޢަދި 20 އަހަރުންވެސް ޔުނައިޓެޑް އާއި ހަމައަކަށް ނާދެވޭނެ.
ފާރގަސަން އަންހެނުން
04 April 2017
އެނގިދާނެތާ! ބަލަން ހުރޭ ! 2 މަގުވެސް އަތުއަޅުވާލާނެ އިން ޝާ އައްލާހް :)