ތަށި ދެން ގެއްލޭނީ ހިތްދަތި ގޮތަކަށް: ޒިދާން

މެޑްރިޑް (މެއި 21) - ސްޕެނިޝް ލީގުގެ ފަހު މެޗުތަކާ މިރޭ ކުރިމަތިލާއިރު ރެއާލް މެޑްރިޑް އަތުން ދެން ލީގު ގެއްލޭނީ ހިތްދަތި ގޮތަކަށް ކަމަށް އެ ޓީމުގެ ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ.


ލީގުގެ އެއް ވަނައިގައި ރެއާލް އޮތީ 37 މެޗުން 90 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ބާސެލޯނާ އޮތީ 37 މެޗުން 87 ޕޮއިންޓް ހޯދައިގެންނެވެ. ރެއާލް މިރޭ ރަށުން ބޭރުގައި ނުކުންނާނީ މަލާގާއާ ދެކޮޅަށެވެ. ބާސެލޯނާ އަމިއްލަ ދަނޑުގައި ކުޅޭނީ އެއިބާއާ އެވެ.

ރެއާލް އެންމެ ފަހުން ސްޕެނިޝް ލީގު ކާމިޔާބުކުރީ 2012 ވަނަ އަހަރު އެވެ. ފަސް އަހަރު ތެރޭ ފުރަތަމަ ލީގު ކަށަވަރުކުރުމަށް ރެއާލަށް މިރޭގެ މެޗުން ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ. ޒިދާން ބުނީ އަމިއްލަ ބާރުގައި އޮތް ފުރުސަތު ނަގާލަން ބޭނުންނުވާ ކަމަށެވެ.

"އަމިއްލަ ބާރުގައި އެބައޮތް ލީގު ކަށަވަރު ކުރުމުގެ ފުރުސަތު. މި ވަގުތު އަހަރެމެންނަށް ލީގު ގެއްލޭނީ އަމިއްލަ އަށް ހެދޭ ގޯހަކުން. އެކަންވެއްޖެނަމަ އެއީ ކުޅުންތެރިންނާއި ސަޕޯޓަރުންނަށް ވެސް ލިބޭނެ ހިތްދަތިކަމެއް. ވަރަށް ގިނަ މީހުން ބޭނުމެއް ނުވޭ ރެއާލަށް ލީގު ލިބޭކަށް،" ޒިދާން ބުންޏެވެ.

މަލާގާ އަކީ ވަރުގަދަ ޓީމެއް ކަމަށާއި ރެއާލުން މެޗު ފަސޭހަ ނުކޮށްލުން މުހިއްމު ކަމަށް ޒިދާން ވަނީ ބުނެފަ އެވެ.

"މަލާގާ އަކީ އުނދަގޫ ޓީމެއް. ހާއްސަކޮށް އަމިއްލަ ދަނޑުގައި އެޓީމުން ނެރެފައިވާ ނަތީޖާތަކަށް ބަލާއިރު އެކަން އެނގޭ. ރެއާލުން މި މެޗު ފަސޭހަކޮށެއް ނުނަގާނަން،" ޒިދާން ބުންޏެވެ.

މިރޭ އެއިބާއާ ދެކޮޅަށް ކުޅޭ މެޗަކީ ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ ސްޕެނިޝް ލީގުގައި އެ ޓީމަށް އިރުޝާދުދޭ ފަހު މެޗެވެ. މި ސީޒަނަށް ފަހު އެންރީކޭ ވަނީ ބާސެލޯނާ ދޫކޮށްލަން ނިންމައިފަ އެވެ. އޭނާ ވަނީ ސްޕެނިޝް ލީގާއި ޗެމްޕިއަންސް ލީގު ބާސެލޯނާ އަށް ކާމިޔާބު ކޮށްދީފަ އެވެ.

އެންރީކޭ ބުނީ މި ފަހަރު ލީގު ކާމިޔާބު ކުރުމުގެ ހަނި ފުރުސަތެއް ބާސެލޯނާ އަށް އޮތް ނަމަވެސް އެ ޓީމުން އުއްމީދު ދޫކޮށްނުލާ ކަމަށެވެ.

"އަހަރެމެންނަށް އަމިއްލަ ބާރެއް ނެތް. އޮތީ ހަނި ފުރުސަތެއް. ދޮގެއް ހަދާކަށް ނެތިން. އަހަރެމެން އަދިވެސް އުއްމީދު ދޫކޮށް ނުލަން. އެއީ ބާސެލޯނާ އަކީ ވެސް އެންމެ ފަހު ވަގުތަށް ވެސް ކާމިޔާބު ހޯދަން މަސައްކަތް ކުރާ ޓީމެއް،" އެންރީކޭ ބުންޏެވެ.

މިރޭ ރެއާލާއި ބާސެލޯނާ ކުޅޭ ދެ މެޗު ވެސް ފަށާނީ އެއް ގަޑިއެއްގަ އެވެ. މެޗު ފަށާނީ ރާއްޖެ ގަޑިން 23:00 ގަ އެވެ.