އެތުލެޓިކޯ ކެޓިއިރު، ޔުވެންޓަސް ދެ ވަަނަ ބުރަށް

ލަންޑަން (ޑިސެމްބަރު 6) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޗެލްސީއާ 1-1 އިން އެއްވަރުވެ މުބާރާތުގެ ގްރޫޕް ސްޓޭޖުން އެތުލެޓިކޯ މެޑްރިޑް ކެޓިއިރު، އޮލިމްޕިއާކޯސް 2-0 އިން ބަލިކޮށް އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.


އެތުލެޓިކޯ އަށް މުބާރާތުގެ ދެ ވަނަ ބުރުގެ ފުރުސަތެއް އޮތީ ރޭ އެ ޓީމު ޗެލްސީ އަތުން މޮޅުވެ، ގްރޫޕްގެ އަނެއް މެޗުން ގަރަބަގް އަތުން ރޯމާ އަށް މޮޅެއް ނުހޯދިއްޖެނަމަ އެވެ. އެހެން ނަމަވެސް ރޭ އެތުލެޓިކޯ އެއްވަރުވިއިރު، ގަރަބަގް އަތުން ރޯމާ ވަނީ 1-0 އިން މޮޅުވެފަ އެވެ.

ގްރޫޕް ސީގެ އެއް ވަަނަ ޓީމުގެ ގޮތުގައި ދެ ވަނަ ބުރުން ޖާގަ ހޯދީ 11 ޕޮއިންޓް ހޯދި ރޯމާ އެވެ. ދެ ވަނަ އަށް ދިޔައީ 11 ޕޮއިންޓާ އެކު ޗެލްސީ އެވެ. ޕޮއިންޓުގެ ގޮތުން ޗެލްސީއާ އެއްވަރުވި ނަމަވެސް ރޯމާ އަށް ކުރި ލިބެނީ ހެޑް ޓު ހެޑް ގަވައިދުންނެވެ. ތިން ވަނަ އަށް ދިޔަ އެތުލެޓިކޯ އަށް ލިބުނީ 7 ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް ގަރަބަގަށް ލިބުނީ ދެ ޕޮއިންޓެވެ.

ހަތަރު އަހަރަށް ފަހު މުބާރާތުގެ ގްރޫޕް ސްޓޭޖުން އެތުލެޓިކޯ ކެޓިއިރު، ރޭގެ މެޗުގައި ފުރަތަމަ ޗެލްސީ ކޮޅަށް ލަނޑު ޖެހީ އެ ޓީމުންނެވެ. ދެ ވަނަ ހާފް ފެށިގެން މެޗުގެ 56 ވަނަ މިނިޓްގައި މި ލަނޑު ޖެހީ ސްޕެއިނުގެ މިޑްފީލްޑަރު ސައުލް ނިގޭޒް އެވެ. މެޗު ނިމެން 15 މިނިޓަށް ވެފައި ހުއްޓައި ޗެލްސީން އެއްވަރުކުރި ލަނޑަކީ އެތުލެޓިކޯގެ ފަހަތަށް ކުޅޭ ސްޓެފަން ސަވިޗް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ރޭގެ މެޗަށް ފަހު ޗެލްސީ އަށް ކުޅޭ ބެލްޖިއަމްގެ މިޑްފީލްޑަރު އެޑެން ހަޒާޑް ބުނީ ދެ ވަނަ ބުރުގައި ކިތަންމެ ވަރުގަދަ ޓީމަކާ ޖެހުނު ނަމަވެސް އެ ޓީމުން ޖެހިލުންނުވާނެ ކަމަށެވެ.

ޔުވެންޓަސްގެ ކުއަޑްރާޑޯ (ވ) އޮލިމްޕިއާކޯސް ކުޅުންތެރިއަކު ކައިރިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ

އެތުލެޓިކޯ އަކީ 2014 އާއި 2016 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ރަނަރަޕް އެވެ. މި ފަހަރު ސްޕެނިޝް ލީގުގައި ބަލިނުވެ އެ ޓީމު އޮތް ނަމަވެސް ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ކަޓައި، ދެން އެ ޓީމު ވާދަކުރަން ޖެހެނީ ޔޫރޮޕާ ލީގުގަ އެވެ.

"މިވެސް ފުޓްބޯޅައިގެ ބައެއް. ވަރަށް ދެރަވޭ އެކަމަކު އުޒުރެއް ދެއްކޭކަށެއް ނެތް. ޒިންމާ އޮތީ އަހަރެމެން ބޮލުގައި އެޅިފައި. މި ވެދާނެ އާ ޗެލެންޖަކަށް. ގޯސްކޮށްވެފައި އޮތް ހުރިހާ ކަމެއް ރަނގަޅު ކުރަން ލިބިފައި އޮތް،" ރޭގެ މެޗަށް ފަހު އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުންޏެވެ.

ރޭ ގްރޫޕް ޑީ އިން ޔުވެންޓަސް ދެ ވަނަ ޓީމުގެ ގޮތުގައި އަނެއް ބުރުން ޖާގަހޯދީ ރަށުންބޭރުގައި އޮލިމްޕިއާކޯސް އަތުން މޮޅުވެގެންނެވެ. އެ މެޗުގެ ދެ ވަނަ ހާފުގައި ޔުވެންޓަސްގެ ގޯލުތައް ޖަހައިދިނީ ހުއާން ކުއަޑްރާޑޯ އާއި ފެޑެރީކޯ ބާނަޑޭޝީ އެވެ.

މި ގްރޫޕްގެ އަނެއް މެޗުން ބާސެލޯނާ ވަނީ އަމިއްލަ ދަނޑުގައި 2-0 އިން ސްޕޯޓިން ބަލިކޮށްފަ އެވެ. ބާސެލޯނާ އިން ލީޑުނެގީ ޕަކޯ އަލްކަސޭރުގެ ލަނޑުންނެވެ. އަނެއް ގޯލަކީ ކުރިން ބާސެލޯނާ އަށް ކުޅުނު ޖެރެމީ މަތިއު އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

މި ގްރޫޕްގެ އެއް ވަަނަ ބާސެލޯނާ އިން ހޯދީ 14 ޕޮއިންޓާ އެކު އެވެ. ދެ ވަނަ ދިޔަ ޔުވެންޓަސް އަށް ލިބުނީ 11 ޕޮއިންޓެވެ. ސްޕޯޓިން ތިން ވަނަ ހޯދީ ހަތް ޕޮއިންޓާ އެކު އެވެ. އެންމެ ފުލުން ނިންމާލި އޮލިމްޕިއާކޯސްގެ އޮތީ އެއް ޕޮއިންޓެވެ.