މޮރީނިއޯގެ ފާޑުކިޔުން ސިޓީ އަށް، ގާޑިއޯލާ މައާފަށް އެދެފި

މެންޗެސްޓާ (ޑިސެމްބަރު 13) - މިދިޔަ އާދިއްތަ ދުވަހު މެންޗެސްޓާ ސިޓީ އަތުން 2-1 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިވި މެޗަށް ފަހު ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ސިޓީ އަށް ފާޑުކީއިރު، ސިޓީގެ ކޯޗު ގާޑިއޯލާ މައާފަށް އެދެފި އެވެ.


"މިއީ ބޯންމައުތު މެޗުގެ ކުރިން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް. ސިޓީ މެޗަށް ފަހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުން ނިމިއްޖެ،" މިރޭ ބޯންމައުތާ ދެކޮޅަށް ކުޅޭ މެޗު ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންގެ ސުވާލުތަކާ ގުޅިގެން މޮރީނިއޯ ބުންޏެވެ.

ރިޕޯޓްތައް ބުނާގޮތުން ސިޓީ އާއި ޔުނައިޓެޑް ކުޅުނު މެޗަށް ފަހު ސިޓީ ކުޅުންތެރިން ޗޭންޖިން ރޫމު ތެރޭގައި ބޭއްވި އުފާފާޅުކުރުންތަކަށް ފަހު އޭގެ ތެރެއިން ހިނގި ހަމަނުޖެހުމެއްގައި މޮރީނިއޯ ގަޔަށް ވަނީ ފެން ޖަހައިފަ އެވެ. އަދި ސިޓީގެ އެސިސްޓަންޓް ކޯޗު މިކެލް އަޓެޓާ ނިތްކުރި ފަޅައިގެންދިޔަ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

"ސިޓީގެ ނެތް އެއްވެސް އަހުލާގީ މިންގަނޑެއް އުފާފާޅުކުރުމުގައެއް. ފުޓްބޯޅައިގައި ކޮންމެ ކަމެއް ކުރުމުގައި ވެސް އިހުތިރާމް އޮންނަން ވާނެ. އެއީ އަހަރެން ގަބޫލުކުރާ ގޮތަކީ،" މޮރީނިއޯ ބުންޏެވެ.

އޭނާ ބުނީ ލީގު ހޯދުމުގެ ރޭހުގައި މިހާރު ޔުނައިޓެޑަށް ހަމައެކަނި އޮތް ގޮތަކީ މެޗަކަށް ފަހު މެޗެއް ނެގުން ކަމަށެވެ.

ގާޑިއޯލާ ބުނީ ސިޓީގެ ކުޅުންތެރިން އުފާފާޅުކުރިއިރު އިދިކޮޅު ޓީމު ހިތްހަމަ ނުޖެހޭ ގޮތަކަށް ކަމެއް ކުރެވިފައިވާނަމަ އެކަމަށް މައާފަށް އެދޭ ކަމަށެވެ. އެހެން ނަމަވެސް ސިޓީގެ ކުޅުންތެރިން ގަސްދުގައި ކަމެއް ގޯސްކުރަން އެއްވެސް ކަމެއް ނުކުރާ ކަމަށް އޭނާ ބުންޏެވެ.

"އަހަރެން ބުނިން ކުޅުންތެރިން ގާތުގައި އުފާފާޅުކުރަން. ޑްރެސިން ރޫމު ތެރޭގައި. އެކަމަކު އެއްވެސް ކަމެއް ގޯސްކޮށްދާގޮތަކަށް ނޫން. އަހަންނަށް ޔަގީން ސިޓީ ކުޅުންތެރިން ގަސްދުގައި އެއްވެސް ކަމެއް ގޯސްކޮށް ކުރިހެން. އަދި އުފާފާޅުކުރިއިރު މިންގަނޑުން ބޭރަށް ދިޔަ ކަމަށް ވެސް ގަބޫލުނުކުރަން،" ކުރިން ބާސެލޯނާ އަދި ބަޔާން މިއުނިކް ކޯޗުކޮށްދިން ގާޑިއޯލާ ބުންޏެވެ.

އޭނާ ބުނީ ސިޓީން އިދިކޮޅަށް ނުކުންނަ ކޮންމެ ޓީމަކަށް ވެސް އިހުތިރާމް ކުރާނެ ކަމަށާއި ވަކި ކްލަބަކަށް ވެގެން ހާއްސަ ކަމެއް ނުގެންގުޅޭނެ ކަމަށެވެ.

ޕްރިމިއާ ލީގުގެ އެއް ވަނައިގައި ސިޓި މި ވަގުތު އޮތީ 11 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެ ޓީމަށް 16 މެޗުން ވަނީ 46 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާއި ތިން ވަނައިގައި އޮތް ޗެލްސީ އަށް 35 ޕޮއިންޓް ވަނީ ލިބިފަ އެވެ.

ސިޓީ މިރޭ ރަށުން ބޭރުގައި ނުކުންނާނީ ސްވަންސީ ސިޓީއާ ދެކޮޅަށެވެ. ޔުނައިޓެޑް އަމިއްލަ ދަނޑުގައި ބައްދަލުކުރާނީ ބޯންމައުތާ އެވެ.