ރޮނާލްޑޯ އަލުން ޔުނައިޓެޑާ ނުގުޅޭނެ: މޮރީނިއޯ

މެންޗެސްޓާ (ޖެނުއަރީ 26) - ރެއާލް މެޑްރިޑްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާ ކުރިން ކުޅުނު ކްލަބް މެންޗެސްޓާ ޔުނައިޓެޑާ ނުގުޅޭނެ ކަމަށް އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.


މޮރީނިއޯ ވަނީ ޔުނައިޓެޑާ އެކު ހަދާފައިވާ އެއްބަސްވުން 2020 ވަނަ އަހަރުގެ ނިޔަލަށް އާ ކޮށްފަ އެވެ. އަދި ޔުނައިޓެޑުން ބޭނުންނަމަ އިތުރު އެއް އަހަރަށް އެ އެއްބަސްވުން އިތުރު ކުރުމުގެ އިހުތިޔާރު މި ކޮންޓްރެކްޓްގެ ދަށުން ޔުނައިޓެޑަށް ލިބިދެ އެވެ.

ޔުނައިޓެޑުން މޮރީނިއޯ އަށް އާ އެއްބަސްވުމެއް ދޭން ނިންމީ އޭނާ ފުރަތަމަ ސީޒަނުގައި އެ ޓީމަށް ހޯދައިދިން ކާމިޔާބަށް ބެލުމަށް ފަހު އެވެ. މޮރީނިއޯ ވަނީ އެ ޓީމަށް ލީގު ކަޕާއި ޔޫރޮޕާ ލީގު ކާމިޔާބު ކޮށްދީފަ އެވެ.

މޮރީނިއޯގެ މުސްތަގުބަލުގައި ޔުނައިޓެޑަށް ނަން މަޝްހޫރު ކުޅުންތެރިން އަންނަނީ ގެންނަމުންނެވެ. އެހެން ނަމަވެސް ރޮނާލްޑޯ އައުމުގެ ފުރުސަތު ނެތް ކަމަށް މޮރީނިއޯ ވަނީ ބުނެފަ އެވެ.

"މެޑްރިޑް އޮތީ އަނދައަނދާ އޮތް އަލިފާންފަނޑެއް ހެން. އަހަރެން އެއްޗެއް ބުނެފިނަމަ ވާނެ އެ އަލިފާންގަނޑު އިތުރަށް އަންދާ މީހާ ކަމަށް. އަހަރެން ދެކޭ ގޮތުގައި ރޮނާލްޑޯ އަކީ ކޮންމެ ކޯޗަކު ވެސް އޭނާގެ ޓީމަށް ބޭނުންވާނެ ފަދަ ކުޅުންތެރިޔެއް. އެކަމަކު އޭނާ ލިބޭނީ އެއް ކޯޗަކަށް އެއް ކްލަބަކަށް. އެއީ ރެއާލް މެޑްރިޑާ އެ ޓީމުގެ ކޯޗު ޒިދާނަށް. މިއީ އަހަރެން ދެކޭ ގޮތް،" މޮރީނިއޯ ބުންޏެވެ.

އޭނާ ބުނީ ރެއާލަކީ އޭނާ ތިން އަހަރު މަސައްކަތްކުރި ކްލަބެއް ކަމަށާއި އެ ޓީމަށް ދިމާވެގެން އުޅޭ މައްސަލަތަކަށް އަވަހަށް ހައްލެއް ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

އަންނަ މަހު ރޮނާލްޑޯ އަށް 33 އަހަރު ފުރޭއިރު، ފަހަކަށް އައިސް އޭނާގެ ކުޅުން ދަށްވުމުން ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. މި ސީޒަނުގައި މިހާތަނަށް ލީގުގައި ރޮނާލްޑޯ އަށް ޖެހުނީ 15 މެޗުން ތިން ގޯލެވެ.

ސްޕެއިނުގެ ތަޖުރިބާކާރު ރިޕޯޓަރު ހުއިލެމް ބަލަގޫ ރިޕޯޓްކުރާ ގޮތުގައި ރޮނާލްޑޯ މިހާރު ޑިމާންޑް ކުރަމުން އަންނަ އަހަރަކު 50 މިލިއަން ޔޫރޯގެ މުސާރަ ދޭން ރެއާލުން އެއްބަހެއް ނޫނެވެ. އޭގެ ބަދަލުގައި ރެއާލުން ރޮނާލްޑޯ ވިއްކާލުމުގެ ވިސްނުމެއް ވެސް ގެންގުޅެ އެވެ.