ކޮންޓޭ ނޫނެކޭ ބުނުމުން ޕީއެސްޖީގެ އަމާޒު ކްލޮޕަށް

ޕެރިސް (މާޗް 23) - ޕީއެސްޖީގެ ހުށަހެޅުމަށް ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ނޫނެކޭ ބުނުމުން ޕީއެސްޖީން ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ފްރާންސްގެ މީޑީއާ ރިޕޯޓްތައް ބުނެފި އެވެ.


މި ސީޒަނަށް ފަހު ޗެލްސީ ކޯޗުކަމުން ކޮންޓޭ ވަކިކުރާނެ ކަމަށް ރިޕޯޓްތައް ބުނާއިރު، ޕީއެސްޖީން ވަނީ ކޮންޓޭގެ އޭޖެންޓް ފެޑެރީކޯ ޕަސްޓޮރެއްލޯއާ މަޝްވަރާތަކެއް ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި ފެޑެރީކޯ ވަނީ ޕީއެސްޖީއާ ކޮންޓޭ ނުގުޅޭނެ ކަމަށާއި އޭނާގެ ވިސްނުން ހުރީ އެނބުރި އިޓަލީ އަށް ދިއުމަށް ކަމަށެވެ.

އިޓަލީގެ ގައުމީ ޓީމަށް ދާއިމީ ކޯޗަކު ހޯދުމުގެ މަސައްކަތް އިޓަލީގެ ފެޑެރޭޝަނުން ކުރަމުން އަންނައިރު، އެ މީހުން ބޭނުންވާ ލިސްޓުގެ އެންމެ ކުރީގައި އޮތީ ކޮންޓޭގެ ނަމެވެ.

އަންނަ ސީޒަނުގައި ޕީއެސްޖީގެ ކޯޗުގެ މަގާމުގައި މިހާރުގެ ކޯޗު އުނާއި އެމެރީ ނުބަހައްޓަން އެ ޓީމުގެ ބޯޑުން ވަނީ ނިންމައިފަ އެވެ. ޕީއެސްޖީގެ ބޯޑުން އެ ގޮތަށް ނިންމީ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ރެއާލް މެޑްރިޑް އަތުން ޕީއެސްޖީ ބަލިވި މެޗަށް ފަހު އެވެ.

ޕީއެސްޖީގެ ރައީސް ނާސިލް އަލް ހެއްލާފީ ވަނީ އެ ޓީމުގެ ކޯޗަކަށް ބާސެލޯނާގެ ކުރީގެ ކޯޗު ލުއިސް އެންރީކޭ ގެންނަން ވެސް މަސައްކަތް ކޮށްފަ އެވެ. އެހެން ނަމަވެސް އެންރީކޭގެ ވިސްނުން ހުރީ އިނގިރޭސި ޕްރިމިއާ ލީގުގެ ޓީމަކާ ހަވާލުވުމަށެވެ.

ހެއްލާފީ އާއި ޕީއެސްޖީގެ ސްޕޯޓްސް ޑައިރެކްޓަރު އެންޓެރޯ ހެންރީކޭ ދާދި ފަހުން ބޭއްވި ބައްދަލުވުމުގައި ވަނީ ކްލޮޕާ އެ ޓީމު ހަވާލުކުރަން މަޝްވަރާ ކޮށްފަ އެވެ. އަދި ވަރަށް އަވަހަށް ކްލޮޕާ މަޝްވަރާ ކުރާނެ ކަމަށް ފްރާންސްގެ މީޑިއާތަކުން ރިޕޯޓްކުރެ އެވެ.

ކްލޮޕް މި ވަގުތު ހުރީ 2022 ގެ ނިޔަލަށް ލިވަޕޫލްގެ ކޮންޓްރެކްޓުގަ އެވެ. އަދި ދާދި ފަހުން ކްލޮޕް ވަނީ ލިވަޕޫލަކީ އޭނާ ކޯޗުކޮށްދޭނެ ފަހު ކްލަބަށް ވުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެފަ އެވެ.