ހުސްއަތާ ސީޒަން ނިންމާލަން ބޭނުމެއް ނޫން: މޮރީނިއޯ

ލަންޑަން (އޭޕްރީލް 21) - މެންޗެސްޓާ ޔުނައިޓެޑަކީ އެއްވެސް ސީޒަނެއް ހުސްއަތާ ނިންމާލަން ބޭނުންވާނެ ކްލަބެއް ނޫން ކަަމަށާއި އެހެން ކަމުން މި ސީޒަން ސަލާމަތްކުރަން ބޭނުންނަމަ އެފްއޭ ކަޕް ކާމިޔާބު ކުރުން މުހިއްމު ކަމަށް އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.


އެފްއޭ ކަޕް ސެމީ ފައިނަލުގައި ޔުނައިޓެޑް މިރޭ ކުޅޭނީ ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށެވެ. މިރޭގެ މެޗު ކުޅޭނީ ވެމްބްލީ ސްޓޭޑިއަމްގަ އެވެ. ވެމްބްލީ އަކީ ޓޮޓެންހަމްގެ ހޯމް މެޗުތައް ކުޅެމުން އަންނަ ސްޓޭޑިއަމް އެވެ. މޮރީނިއޯ ބުނީ މިއީ އޮތް މައްސަލައެއްގެ ގޮތުގައި ނުދެކޭ ކަމަށެވެ.

"އެއީ ޓޮޓެންހަމަށް އެޑްވާންޓޭޖެއް ނޫން. އަހަރެން އެއް ކަޕް ފައިނަލް ކުޅުނިން ރޯމާ ދަނޑުގައި އެ ޓީމާ ދެކޮޅަށް. މޮޅުވީ އަހަރެން ކޯޗުކޮށްދިން ޓީމު. އަހަރެން ކަޕް ފައިނަލެއް ކުޅުނިން އަހަރެން ކޯޗުކޮށްދިން ޓީމެއްގެ ދަނޑުގައި އެކަމަކު ވެސް ބަލިވި. މި ކަހަލަ ބޮޑެތި މެޗުތަކަށްދާއިރު އެންމެ މުހިއްމީ އެ ދުވަހެއްގެ މަސައްކަތް،" މޮރީނިއޯ ބުންޏެވެ.

ޓޮޓެންހަމާ ދެކޮޅަށް އެންމެ ފަހުން މި މުބާރާތުގައި ކުޅުނު ތިން މެޗުން ވެސް ޔުނައިޓެޑް ވަނީ މޮޅުވެފަ އެވެ. އެއީ 1997، 2008 އަދި 2009 ގަ އެވެ. އެފްއޭ ކަޕް ސެމީ ފައިނަލުގައި ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ތިން ފަހަރުގެ ތެރެއިން ދެ ފަަހަރު ވަނީ ބަލިވެފަ އެވެ.

ޔުނައިޓެޑަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ މި މުބާރާތުގައި އެ ޓީމުގެ ކުރިއަށް ކުޅޭ ދެ ކުޅުންތެރިން ކަމަށްވާ އަލެކްސިސް ސަންޗޭޒާއި ރޮމެލޫ ލުކާކޫ ރަނގަޅު ފޯމެއްގައި ތިބުމެވެ. ލުކާކޫ ވަނީ މި ފަހަރު މި މުބާރާތުގައި ކުޅުނު ހުރިހާ މެޗެއްގައި ލަނޑު ޖަހައިފަ އެވެ. އަދި ވެމްބްލީގައި ސަންޗޭޒްގެ ލަނޑު ޖެހުމުގެ ރެކޯޑް ވެސް ރަނގަޅެވެ.

ޓޮޓެންހަމް އެންމެ ފަހުން އެފްއޭ ކަޕް ތަށި އުފުލާލީ 1991 ވަނަ އަހަރު އެވެ. އެ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ އެފްއޭ ކަޕް ކާމިޔާބު ކުރުމަކީ ޓޮޓެންހަމް އެހެން ލެވެލަކަށް ގެންދެވޭނެ ކަމެއް ނޫން ކަމަށެވެ.

"ކްލަބް އެހެން ލެވެލަކަށް ގެންދަންޏާ ޖެހޭނީ ޕްރިމިއާ ލީގު ނޫނީ ޗެމްޕިއަންސް ލީގު ޗެމްޕިއަންކަން ހޯދަން. އެކަމަކު ކްލަބާއި ސަޕޯޓަރުންގެ ހިތްހަމަ ޖެހުމާއި ކުޅުންތެރިންގެ ކޮންފިޑެންސަށް ބަލާއިރު އެފްއޭ ކަޕް ވެސް ވަރަށް މުހިއްމު،" ޕޮޗެޓީނޯ ބުންޏެވެ.

މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ރެއާލް މެޑްރިޑް އަތުން މޮޅުވެ، އޭގެ ފަހުން މުބާރާތުގެ ދެ ވަނަ ބުރުގައި ޔުވެންޓަސްއާ ދެކޮޅަށް ދެއްކި ހިތްވަރުން ގިނަ ބަޔަކު ޓޮޓެންހަމާ ދެމެދު ދެކޭ ގޮތް ބަދަލުވެއްޖެ ކަމަށާއި މިހާރު އެންމެ މުހިއްމު ކަމަކީ ތަށްޓެއް ހޯދުން ކަމަށް އޭނާ ބުންޏެވެ.

ޓޮޓެންހަމް ވަނީ މި ފަހަރު އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެފަ އެވެ. މިރޭ މި ދެ ޓީމު ކުޅޭ ސެމީ ފައިނަލް މެޗު ފަށާނީ ރާއްޖެ ގަޑިން 21:15 ގަ އެވެ.