ރޮނާލްޑޯ އާއި ސަލާގެ ތެރެއިން ކުރި ހޯދާނީ ކާކު؟

ޗެމްޕިއަންސް ލީގުގެ ފައިނަލުގައި މިރޭ ރެއާލް މެޑްރިޑާއި ލިވަޕޫލް ބައްދަލުކުރާއިރު ގިނަ ބަޔެއްގެ ލޯ އެންމެ ބޮޑަށް އަމާޒުވާނީ ލިވަޕޫލުގެ ފޯވާޑް މުހައްމަދު ސަލާހާއި މެޑްރިޑުގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަށެވެ. މެޗުން މޮޅުވާ ޓީމެއް ކަނޑައެޅުމުގައި މި ދެ ކުޅުންތެރިންގެ ދައުރު ބޮޑުވާނެ ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.


މުބާރާތުގެ ފައިނަލަށް ލިވަޕޫލް ގެނައުމުގައި އެންމެ ބޮޑު ރޯލެއް އަދާކުރި އެއް ކުޅުންތެރިޔަކީ މިސްރުގެ ސަލާ އެވެ. މި ސީޒަނުގައި 51 މެޗުން 44 ގޯލް ޖަހާފައިވާއިރު ޗެމްޕިއަންސް ލީގުގައި 14 މެޗުން 11 ގޯލް ވަނީ ޖަހައިފަ އެވެ. ސަޑިއޯ މާނޭ އަދި ރޮބާޓޯ ފިރްމީނޯއާ އެކު ސަލާ ދައްކާ ކުޅުމަށް ލިވަޕޫލުގެ ސަޕޯޓަރުންގެ އިތުބާރު އޭނާ އަށް ވަނީ ލިބިފަ އެވެ. ލިވަޕޫލުގެ ޑިފެންސް ލައިނުގައި މައްސަލަތަކެއް އުޅުނު ނަމަވެސް އެތަން ނުފެންނަނީ ވެސް އެ ދެ ކުޅުންތެރިންނާ އެކު ސަލާ ދައްކަމުން އަންނަ ކުޅުމުގެ ސަބަބުންނެވެ.

ހިތްތިރި ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަވާ ސަލާގެ މަގުބޫލުކަން ދަނޑު ބޭރުގައި ވެސް ބޮޑެވެ. ހާއްސަކޮށް އޭނާ އަކީ މުސްލިމް ކުޅުންތެރިޔަކަށް ވުމުން، އެހެން ޓީމުތަކުގެ މުސްލިމް ސަޕޯޓަރުންގެ ލޯބި އޭނާ އަށް ވަނީ ލިބިފަ އެވެ.

އަނެއްކޮޅުން ރޮނާލްޑޯ އަކީ ވެސް އެހާމެ ތާއީދު ބޮޑު ކުޅުންތެރިޔެކެވެ. މެޑްރިޑް ފައިނަލަށް ގެނައުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ ވެސް އޭނާ އެވެ. މި ސީޒަނުގައި އެކަންޏެއް ނޫނެވެ. މިދިޔަ ހަތަރު އަހަރު އެ ޓީމުން ތިން ފަހަރު ފައިނަލަށް ގޮސް ތިން ފަހަރު ތަށި ހޯދިއިރު ރޮނާލްޑޯ ހުރިހާ ގޮތަކުން ވެސް ތަފަތު ދެއްކި އެވެ. މި ސީޒަނުގައި 43 މެޗުން 44 ގޯލް ޖަހާފައިވާއިރު ޗެމްޕިއަންސް ލީގުގައި 12 މެޗުން 15 ގޯލް ޖަހައިފި އެވެ. އަދި 2011/2012 ގެ މުބާރާތުން ފެށިގެން ކޮންމެ ފަހަރަކު މަދުވެގެން 10 ގޯލް އޭނާ ވަނީ ޖަހައިފަ އެވެ.

މިރޭ ތަށި ހޯދައިފި ނަމަ ރޮނާލްޑޯ ވެގެންދާނީ 1992 ވަނަ އަހަރު މުބާރާތުގެ ފޯމެޓް ބަދަލުކުރި ފަހުން މުބާރާތް ފަސް ފަހަރު ކާމިޔާބުކުރާ ފުރަތަމަ ކުޅުންތެރިޔާ އަށެވެ. މެޑްރިޑާ އެކު ތިން ފަހަރު ތަށި ހޯދިއިރު ދެން އެކަން ހާސިލްކުރީ 2008 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑާ އެކު އެވެ. ދޭތެރެއަކުން ކުޅުން ދަށްވި ނަމަވެސް ޗެމްޕިއަންސް ލީގުގައި އޭނާ އަބަދުވެސް ހުންނަނީ ފޯމުގަ އެވެ. ދާދި ފަހުން އަނިޔާއަކާ ކުރިމަތިވި ރޮނާލްޑޯ ވަނީ މިރޭގެ މެޗަށް ފިޓްވެފަ އެވެ.

މި އަހަރުގެ ބެލޮންޑިއޯ އެވޯޑަށް އެންމެ ބޮޑަށް ވާދަކުރާނެ ތިން ކުޅުންތެރިންގެ ތެރޭގައި ބާސެލޯނާގެ ލިއޮނަލް މެސީއާ އެކު ސަލާ އާއި ރޮނާލްޑޯ ހިމެނެ އެވެ. ވަރުގަދަ ޓީމެއް އޮތުމުން ކުރިއަށް އޮތް ވޯލްޑް ކަޕުގައި މެސީ އަށް ކާމިޔާބު ލިބުމުގެ ފުރުސަތު ބޮޑެވެ. އެހެންވެ އޭގެ ކުރިން ދެ ތިން ފިޔަވަޅު ކުރިއަށް ޖެހިލުމަށް މިރޭގެ ފައިނަލަކީ ސަލާ އާއި ރޮނާލްޑޯ އަށް ލިބޭނެ ރަނުގެ ފުރުސަތެކެވެ.

ކިޔުންތެރިންގެ ނަޒަރުގައި މިރޭ ކުރި ހޯދާނީ ރޮނާލްޑޯ ހެއްޔެވެ؟ ނުވަތަ ސަލާ ހެއްޔެވެ؟