ރޮނާލްޑޯ ހުއްޓަސް ޔުވެންޓަސް ސަމާލުވާންޖެހޭ: އަލެގްރީ

ޓިއުރިން (އޮގަސްޓް 18) - ޔުވެންޓަސްގައި ކްރިސްޓިއާނޯ ރޮނާލްޑޯ ހުރުމަކީ މެޗުތަކުން މޮޅުވާނެކަމުގެ ޔަގީންކަމެއް ނޫން ކަމަށާއި އިދިކޮޅަށް ނުކުންނަ ޓީމުތަކާ މެދު ސަމާލުވާންޖެހޭނެ ކަމަށް އެ ޓީމުގެ ކޯޗު މެސިމޯ އަލެގްރީ ބުނެފި އެވެ.


ރެއާލް މެޑްރިޑާ އެކު ހަތަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށް ފަހު މި ސީޒަނުގައި 117 މިލިއަން ޑޮލަރަށް ޔުވެންޓަސް އަށް ބަދަލުވި ރޮނާލްޑޯ އެ ކްލަބް ޖޯޒީގައި ރަސްމީ މެޗެއްގައި ފުރަތަމަ ފަހަރަށް މިރޭ ކުޅޭނެ އެވެ. ރޮނާލްޑޯގެ ފުރަތަމަ މެޗުގައި މިރޭ އިޓާލިއަން ލީގުގެ އާ ސީޒަނުގެ ފުރަތަމަ މެޗުގައި ރަށުން ބޭރުގައި ކުޅޭނީ ކިއޭވޯއާ އެވެ.

"ރޮނާލްޑޯ މި މެޗުގައި ކުޅޭނެ. އަހަރެން ރޮނާލްޑޯ އަށް ވަކި ކަންތައްތަކެއް ބުނެދޭން ނުޖެހޭ. އޭނާ އިސްވެ އަހަރެން ގާތުން އޮޅުންފިލުވައިފި އިޓަލީ ޓީމުތަކާ ބެހޭ ގިނަ އެއްޗެހި،" މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެލެގްރީ ބުންޏެވެ.

އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ޖެހިޖެހިގެން އަށް ވަނަ ފަހަރަށް ހޯދަން ޔުވެންޓަސް އިން އަމާޒުހިފާފައިވާއިރު، މި ސީޒަނުގައި ޔުވެންޓަސް އިން ހަމައެކަނި ރޮނާލްޑޯ އަށް ބަރޯސާނުވާނެ ކަމަށް އެލެގްރީ ވަނީ ބުނެފަ އެވެ.

"އަހަރެމެން މޮޅު ކުޅުންތެރިއެއް ގެނެސްގެން އުފަލުން ދެއްކި ހުރިހާ ވާހަކައެއް ހުއްޓާލަން ޖެހޭ. އަހަރެމެން ހަމަބިމުގައި ތިބުން މުހިއްމު. އަހަރެމެން ޓީމުގައި ރޮނާލްޑޯ ހުރެގެން ހުރިހާ މެޗަކުން މޮޅުވާނެ ކަމަށް ދުށުމަކީ ހެދޭނެ ގޯހެއް. އެކަން އަހަރެމެން ނުކުރާނަން. އޭނާ އަކީ ޓީމަށް އިތުރުވާ ތަފާތު ދެ ވަަނައެއް ނެތް ފަދަ މޮޅު ކުޅުންތެރިއެއް. އަހަރެމެން އެކުވެގެން ކާމިޔާބު ހޯދޭނީ،" އަލެގްރީ ބުންޏެވެ.

އޭނާ ބުނީ މި ސީޒަނަށް އިޓަލީގެ ގިނަ ކްލަބްތަކުން ވަނީ ޓީމު ވަރުގަދަ ކޮށްފައި ކަމަށާއި ކުރިމަތީގައި އޮތީ އުނދަގޫ ސީޒަނެއް ކަމަށް ގަބޫލުކުރަން ޖެހޭ ކަމަށެވެ.

ކިއޭވޯ އާއި ޔުވެންޓަސް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 9 ޖަހާއިރު އެވެ.