ރޮނާލްޑޯއާ ދެކޮޅަށް ކުޅެން އިކާޑީ ކެތްމަދުވެފައި

މިލާން (ޑިސެމްބަރު 7) - އިޓާލިއަން ލީގުގައި މިރޭ ޔުވެންޓަސްއާ ދެކޮޅަށް ކުޅޭ މެޗު އޭނާ އަށް އެންމެ ބޮޑަށް ހާއްސަވަނީ ކްރިސްޓިއާނޯ ރޮނާލްޑޯއާ ދެކޮޅަށް ނުކުންނާތީ ކަމަށް އިންޓަ މިލާނުގެ ކެޕްޓަން މައުރޯ އިކާޑީ ބުނެފި އެވެ.


އިޓާލިއަން ލީގުގެ އެއް ވަނައިގައި ޔުވެންޓަސް އޮތީ 14 މެޗުން 40 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ނަޕޯލީ އަށް 14 މެޗުން 32 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އިންޓަ އޮތީ 14 މެޗުން 29 ޕޮއިންޓާ އެކު އެވެ.

މި ފަހަރުގެ ސީޒަނަށް އެންމެ ވަރުގަދަ އަށް ތައްޔާރުވި އެއް ޓީމަކީ އިންޓަ އެވެ. މިރޭ ރަށުން ބޭރުގައި ޔުވެންޓަސްއާ ދެކޮޅަށް ކުޅޭ މެޗުން ބަލިވެއްޖެނަމަ ލީގުގެ ރޭހުން އިންޓަ ވަރަށް ބޮޑަށް ބޭރުވާނެ އެވެ. އެހެންވެ، މި މެޗުގެ މުހިއްމުކަން އެ ޓީމަށް ވަރަށް މުހިއްމެވެ.

"އަހަރެން ޔުވެންޓަސްއާ ދެކޮޅަށް ވަރަށް ގިނަ މެޗު ކުޅެފިން. އެކަމަކު މިއީ އޭގެތެރެއިން އެންމެ މުހިއްމުވާނެ މެޗު." މިދިޔަ ސީޒަނު އިޓަލީ ލީގުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އިކާޑީ ބުންޏެވެ. "އެއްވަރުކޮށްލައިގެން ފަރުޖައްސާލާކަށެއް ނޫން މި މެޗަށް ދާނީ ބިރުފަހަނައަޅައި ގޮސް މޮޅުވާން."

އިންޓަގެ ފަރިތަކުރުންތަކުގެ ތެރެއިން އިކާޑީ. -- ފޮޓޯ: އޭއެފްޕީ

އިކާޑީ ބުނީ މި މެޗު ވަކިން އޭނާ އަށް ހާއްސަވާ ސަބަބެއް ވެސް އެބައޮތް ކަމަށެވެ.

"ޔަގީނުން ވެސް އަހަރެން މި މެޗު ވަރަށް ހާއްސަ ނަޒަރަކުން ދެކޭ އެހެން ސަބަބެއް އެބައޮތް. އެއީ ރޮނާލްޑޯއާ ދެކޮޅަށް އަހަރެން ނުކުންނަ ފުރަތަމަ މެޗު. މަގާމުގެ ގޮތުން އޭނައަކީ އަހަންނަށް މައްސަލައެއް ނޫން. އަހަރެމެންގެ ޑިފެންޑަރުން ޑި ވްރައި އާއި ސްކްރިނިއޭ އެބަތިބި ރޮނާލްޑޯ އަށް ފާރަވެރިވާން،" އިކާޑީ ބުންޏެވެ.

އިކާޑީ ވަނީ މި ސީޒަނުގައި މިހާތަނަށް ލީގުގައި އަށް ގޯލު އަދި ޖުމްލަ 11 ގޯލު ޖަހައިފަ އެވެ. ރޮނާލްޑޯ ވެސް އެ އަދަދަށް ލަނޑު ހަމަކޮށްފައިވާއިރު، އޭނާ ލީގުގައި ވަނީ 10 ލަނޑު ޖަހައިފަ އެވެ. އަނެއް ލަނޑު ޖެހީ ޗެމްޕިއަންސް ލީގުގަ އެވެ.

ޔުވެންޓަސް އާއި އިންޓަ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:30 ގަ އެވެ.