ބޮޑެތި ޓީމުތަކަށް ނާކާމިޔާބު، ސިޓީ އަށް މޮޅެއް

ލަންޑަން (ޑިސެމްބަރު 13) - ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ރޭ ޔޫރަޕުގެ ގަދަބާރުތައް ކަމަށްވާ އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑާއި ސްޕެއިނުގެ ރެއާލް މެޑްރިޑް އާއި އިޓަލީގެ ޔުވެންޓަސް ބަލިވިއިރު މެންޗެސްޓާ ސިޓީ ކުޅުނު މެޗުން މޮޅުވެއްޖެ އެވެ.


ޔުނައިޓެޑް ރޭ ރަށުންބޭރުގައި 2-1 އިން ވެލެންސިއާ އަތުން ބަލިވިއިރު، ސްވިޒަލެންޑްގެ ޔަންގް ބޯއީސް އަތުން ޔުވެންޓަސް ބަލިވީ 2-1 އިންނެވެ. އަދި އެންމެ ފަހުން ތިން ފަހަރުގެ ޗެމްޕިއަން ރެއާލް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ރަޝިއާގެ ސީއެސްކޭއޭ މޮސްކޯ އަތުން ވަނީ 3-0 އިން ބަލިވެފަ އެވެ. ސިޓީ ވަނީ ފަހަތުން އަރައި ހޮފެންހައިމް އަތުން 2-1 އިން މޮޅުވެފަ އެވެ.

ވެލެންސިއާ ދަނޑުގައި ރޭ ކުޅުނު މެޗުގައި ވެލެންސިއާ އަށް ފުރަތަމަ ހާފުގައި ލީޑުނަގައިދިނީ ކާލޮސް ސޮލާ އެވެ. ދެ ވަނަ ހާފްގައި ޔުނައިޓެޑްގެ ފިލް ޖޯންސް އަތުން ބައިކޮޅަށް ވަން ގޯލުން ވެލެންސިއާ އިން ލީޑުފުޅާކުރިއިރު، ޔުނައިޓެޑްގެ ހަމައެކަނި ލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މާކަސް ރެޝްފޯޑް އެވެ.

މި ގްރޫޕްގެ އަނެއް މެޗުގައި ޔުވެންޓަސް ބަލިވިއިރު، އެ ޓީމު ކޮޅަށް ޔަންގް ބޯއީސްގެ ދެ ގޯލު ޖެހީ ކުރިން ޕީއެސްޖީ އަށް ކުޅުނު ފޯވާޑް ގުއިލެމް ހޯރާއު އެވެ. ޔުވެންޓަސްގެ ހަމައެކަނި ލަނޑު މެޗު ނިމެން 10 މިނިޓަށް ވެފައި ހުއްޓައި ޖެހީ ޕައޮލޯ ޑިބާލާ އެވެ.

ގްރޫޕް އެޗްގެ އެއް ވަނަ އަށް ޔުވެންޓަސް ދިޔައީ 12 ޕޮއިންޓާ އެކު އެވެ. ދެ ވަނަ އަށް ދިޔަ ޔުނައިޓެޑަށް 10 ޕޮއިންޓް ލިބުނުއިރު، ވެލެންސިއާ ތިން ވަނައިގައި ނިންމާލީ އަށް ޕޮއިންޓާ އެކު އެވެ. ހަތަރު ވަނަ ދިޔަ ޔަންގް ބޯއީސް އަށް ލިބުނީ ހަތަރު ޕޮއިންޓެވެ.

ރޭގެ މެޗުގެ ތެރެއިން ޔުވެންޓަސްގެ ކުޅުންތެރިން މެޗުގެ ރެފްރީ ކައިރީގައި ޝަކުވާކުރަނީ. -- ފޮޓޯ: އޭއެފްޕީ

ސީއެސްކޭއޭ އަތުން ރޭ ރެއާލް ބަލިވިއިރު، މިއީ އަމިއްލަ ދަނޑުގައި ޗެމްޕިއަންސް ލީގުގެ މެޗަކުން އެންމެ ބޮޑު ތަފާތަކުން ބަލިވި މެޗެވެ. އަދި ސީއެސްކޭއޭ ވެފައިވަނީ 2009 ވަނަ އަހަރު ޔުވެންޓަސް އަށް ފަހު ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ދެ މެޗުން ރެއާލް އަތުން މޮޅުވި ފުރަތަމަ ޓީމަށެވެ. ރޭގެ މެޗުގައި ސީއެސްކޭއޭގެ ލަނޑުތައް ޖެހީ ފެޑޯ ޗަލޯފް، ޖިއޯޖީ ޝެނީކޯފް އަދި އާނޯ ސިގާޑްސަން އެވެ.

ރޭގެ މެޗުން ބަލިވިޔަސް ރެއާލަށް ވަނީ ގްރޫޕް ޖީގެ އެއް ވަަނަ ލިބިފަ އެވެ. އެ ޓީމަށް ލިބުނީ 12 ޕޮއިންޓެވެ. ދެ ވަނައިގައި ނިންމާލި ރޯމާ ވަނީ ރޭގެ މެޗުން ވިކްޓޯރިއާ ޕްލްޒެން އަތުން 2-1 އިން ބަލިވެފަ އެވެ. ރޯމާ ދެ ވަނަ ހޯދީ ނުވަ ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި ނިންމާލި ވިކްޓޯރިއާ އާއި ހަތަރު ވަނައިގައި ނިންމާލި ސީއެސްކޭއޭ އަށް ވެސް ހަތް ޕޮއިންޓް ލިބިފައިވާއިރު، ވިކްޓޯރިއާ ކުރިހޯދީ ހެޑް ޓު ހެޑް ގަވައިދުންނެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ސިޓީ މޮޅުވީ ލެރޯއީ ސާނޭ ޖެހި ދެ ގޯލުންނެވެ. މި މެޗުގައި ފުރަތަމަ ހޮފެންހައިމުން ލީޑުނެގީ ކްރޮއޭޝިއާގެ ފޯވާޑް އަންދްރޭ ކްރަމަރިޗް ޖެހި ގޯލުންނެވެ. ސިޓީ އެ ގްރޫޕްގެ އެއް ވަނަ ހޯދިއިރު، ދެ ވަނަ އަށް ދިޔައީ ރޭ ރަށުންބޭރުގައި ޔޫކްރޭނުގެ ޝަހުތަރު ޑޮނެސްކާ 1-1 އިން އެއްވަރުކުރި ފްރާންސްގެ ލިޔޯން އެވެ.

ރޭ ބަޔާން މިއުނިކް ކުޅުނު މެޗުން ވަނީ ނެދަލެންޑްސްގެ އަޔަކްސްއާ 3-3 އިން އެއްވަރުވެފަ އެވެ.

ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ފުރުސަތު ހޯދި ޓީމުތައް:

ބޮރޫސިއާ ޑޯޓްމަންޑް (ޖާމަނީ)، އެތުލެޓިކޯ މެޑްރިޑް (ސްޕެއިން)، ބާސެލޯނާ (ސްޕެއިން)، ޓޮޓެންހަމް ހޮޓްސްޕާސް (އިންގްލެންޑް)، ޕީއެސްޖީ (ފްރާންސް)، ލިވަޕޫލް (އިންގްލެންޑް)، ޕޯޓޯ (ޕޯޗުގަލް)، ޝާލްކާ (ޖާމަނީ)، ބަޔާން މިއުނިކް (ޖާމަނީ)، އަޔަކްސް (ނެދަލެންޑްސް)، މެންޗެސްޓާ ސިޓީ (އިންގްލެންޑް)، ލިޔޯން (ފްރާންސް)، ރެއާލް މެޑްރިޑް (ސްޕެއިން)، ރޯމާ (އިޓަލީ)، ޔުވެންޓަސް (އިޓަލީ)، މެންޗެސްޓާ ޔުނައިޓެޑް (އިންގްލެންޑް).