މެސީ ކުޅޭނެ ކަމަށް އުއްމީދުކުރަން: މެޑްރިޑުގެ ކޯޗު

މެޑްރިޑް (ފެބްރުއަރީ 6) – ސްޕެނިޝް ކަޕުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި މިރޭ ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗުގައި ލިއޮނަލް މެސީ ކުޅޭނެ ކަމަށް އުއްމީދުކުރާ ކަމަށް ރެއާލް މެޑްރިޑުގެ ކޯޗު ސެންޓިއާގޯ ސޮލާރީ ބުނެފި އެވެ.


މެސީ އަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން ކުޅެވޭނެކަން ކަށަވަރެއް ނޫނެވެ. އެކަމަކު ހަނި ފުރުސަތެއްގެ ބޭނުން ވެސް ކުރުމަށްޓައި ސްކޮޑުގައި ވަނީ ހިމަނައިފަ އެވެ.

"ފުޓްބޯޅަ ސަޕޯޓަރެއްގެ ހައިސިއްޔަތުން އަހަރެން ބޭނުންވޭ ބޮޑެތި މެޗުތަކުގައި މޮޅު ހުރިހާ ކުޅުންތެރިން ކުޅެން. މޮޅު ކުޅުންތެރިންނާ ވާދަކުރުމަކީ އަހަރެމެންނަށް ވެސް ރަނގަޅެއް. ކުޅިވަރަކީ އެއީ،" ސޮލާރީ ބުންޏެވެ. "މެސީ އަރައިފި ނަމަ ނުވަތަ ނުކުޅެންޏާ ޕްލޭން ބަދަލުވެދާނެތަ؟ އަހަރެމެންގެ އެބައޮތް ޕްލޭނެއް. އޭގައި ދެމި ތިބޭނީ."

މެޑްރިޑުގެ އުއްމީދީ ފޯވާޑް ބްރެޒިލްގެ ވިނީޝަސް ޖޫނިއާ އަންނަނީ މޮޅަށް ކުޅެމުންނެވެ. އެކަމަކު އޭނާ މިރޭ ކުޅޭނެ ކަމުގެ ޔަގީންކަމެއް ސޮލާރީ ނުދެ އެވެ. އަނެއްކޮޅުން މިރޭގެ މެޗަށް ބާސެލޯނާ ނުކުންނާނީ މެޑްރިޑަށް ވުރެ އިތުރު އެއް ދުވަސް އަރާމުކުރުމަށް ފަހު އެވެ.

"ކަލަންޑަރު ހެދުމުގައި އަހަރެމެންގެ ބަހެއް ނޯންނާނެ. އަހަރެމެންނަށް އޮތް ބާރެއްގެ ބޭނުންކޮށްގެން ވީހާ ވެސް މޮޅަކަށް ކުޅުން އޮތީ،" ސޮލާރީ ބުންޏެވެ.

ސޮލާރީ އަކީ މެޑްރިޑުން ފުރަތަމަ ގެނައި ކޯޗު ހުލެން ލޮޕެޓީގަށް ނަތީޖާ ނުނެރެވުމުން ގެނައި ކޯޗެކެވެ. ސޮލާރީ މަޑުމަޑުން ޓީމު ހަމަޔަކަށް އަޅުވަމުން އައި ނަމަވެސް ލީގު ހޯދުމުގެ ފުރުސަތު ވަރަށް ހަންޏެވެ. އެހެންވެ ތަށްޓެއްގައި އަތްލަން އޮތް އެންމެ ރަނގަޅު ފުރުސަތަކީ ކަޕެވެ. މިރޭގެ މެޗު އޮންނާނީ ބާސެލޯނާގެ ދަނޑުގައި 1 ޖަހާއިރެވެ.