ޖަލުގައި ތާށިވި ބަހުރޭނުގެ ފުޓްބޯޅަ ކުޅުންތެރިޔާ ދޫކޮށްލައިފި

މެލްބަން، އޮސްޓްރޭލިއާ (ފެބްރުއަރީ 12) - ބަހްރޭނަށް އުފަން އެކަމަކު އޮސްޓްރޭލިއާގެ ރަށްވެހިކަން ހޯދާފައިވާ ފުޓްބޯޅަ ކުޅުންތެރިޔާ ހަކީމް އަލް-އަރައީބީ، ތައިލެންޑުގެ ޖަލުގައި ތާށިވިތާ 60 އަށް ވުރެ ގިނަ ދުވަހަށް ފަހު އިއްޔެ ދޫކޮށްލައިފި އެވެ.


ތައިލެންޑުގެ ބެންކޮކުގައި އުމުރުން 25 އަހަރުގެ ހަކީމް ހައްޔަރުކުރީ މިދިޔަ އަހަރުގެ ނޮބެމްބަރު މަހުގެ 28 ވަނަ ދުވަހު އޭނާ ހަނީމޫނަށް އެ ގައުމަށް ދިޔަ ދަތުރުގައި އެއާޕޯޓުންނެވެ. ހަކީމް މިނިވަން ކުރުމަށް ބަހްރޭނުގައި އެކި އެއްވުންތައް ބޭއްވިއިރު، އޮސްޓްރޭލިއާގައި ވަނީ އެތައް ކެމްޕެއިންތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އޭނާ އޮސްޓްރޭލިއާ އަށް ދިޔައީ މިއަދު އެވެ.

ތައިލެންޑުގައި ހަކީމް ހައްޔަރުކުރީ އިންޓަޕޯލްގެ ރެޑް ނޯޓިސެއް ނެރެފައި އޮތުމުންނެވެ. މީގެ އަހަރުތަކެއް ކުރިން ބަހްރޭނުގައި ހަކީމްގެ މައްސަލައެއް ކުރިއަށްދަނިކޮށް އޭނާ ވަނީ ފިލައިގެން ގޮސް އޮސްޓްރޭލިއާގެ ރަށް ވެހިކަން ހޯދައިފަ އެވެ. އަދި އޭނާ ވަނީ އެ ގައުމުގައި ދިރިއުޅުމެއް ވެސް ފަށައިފަ އެވެ. ހަކީމް ވަނީ އަލުން އޭނާ ބަހްރޭނަށް ފޮނުވާލައިފިނަމަ ފުރާނަ އަށް ނުރައްކާ ވުމުގެ ބިރު އެބައޮތް ކަމަށެވެ.

ތައިލެންޑުން ހަކީމް ދޫކޮށްލިއިރު އެ ކަމާ ހެދި އެ ގައުމާއި ބަހްރޭނުގެ އިތުރުން އޮސްޓްރޭލިއާގެ ދެމެދުގައި ސިޔާސީ ހިތްހަމަނުޖެހުންތަކެއް ވެސް އުފެދިފައިވަނިކޮށެވެ. ތައިލެންޑުގެ ޕްރޮސެކިއުޓާ އޮފީހުން ބުނީ ހަކީމް ދޫކޮށްލަން ނިންމީ ބަހްރޭނުން އަލުން އޭނާ ގެންދަން ހުށަހަޅާފައި އޮތް ލިޔުން އަނބުރާ ގެންދިއުމުން ކަމަށެވެ.

މިނިވަން ވުމަށް ފަހު ހަކީމް އޮސްޓްރޭލިއާ އަށް އެނބުރި ދިއުމުން އޭނާ އަށް ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

"އަހަރެން އޮސްޓްރޭލިއާ އަށް ޝުކުރު އަދާކުރަން. މިއީ އަހަރެންގެ ގައުމު. އަހަންނަށް އަދި މި ގައުމުގެ ރަށްވެހިކަން މުޅިން ނުލިބޭ. އަހަރެން ދިރިއުޅޭނީ ވެސް މި ގައުމުގައި. އަަހަރެން މަރުވަން ބޭނުމީ ވެސް މި ގައުމުގައި،" އުފަލުން ހުރެ ހަކީމް އޭނާގެ ޝުއޫރުތައް މީޑިއާ އަށް ހިއްސާކުރި އެވެ.

ހަކީމް އަކީ 2011 ވަނަ އަހަރުން ފެށިގެން ބަހްރޭނުގެ ކުޅިވަރު ދާއިރާގައި ނުފޫޒުގަދަ ފަރާތްތަކާ ދެކޮޅަށް އެކި އެއްވުންތަކުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތެކެވެ. އަދި އޭރު އޭނާ ވަނީ މިހާރު އޭއެފްސީގެ ރައީސް އަދި ފީފާގެ ނައިބު ރައީސަކަށް ހުންނެވި ޝެއިހް ސަލްމާނާ ދެކޮޅަށް ވެސް އެއްވުންތަކެއް ބާއްވައިފަ އެވެ. އެ އެއްވުންތަކުގައި ޝެއިހް ސަލްމާނާ ދެކޮޅަށް ހަކީމް އިސްވެ ހުރެ ވަނީ ގިނަ ކެމްޕެއިންތަކެއް ކުރިއަށް ގެންގޮސްފަ އެވެ. ހަކީމްގެ ގާތް ފަރާތްތަކުން ވަނީ އޭނާ ހައްޔަރުކޮށްފައި ބެހެއްޓުމުގެ ފަހަތުގައި ޝެއިހް ސަލްމާނާއި ބަހްރޭނުގެ ސަރުކާރުގެ ނުފޫޒު އޮތް ކަމަށް ތުހުމަތުކޮށްފަ އެވެ.

ހަކީމް ދޫކޮށްލުމުގެ ކަންތައް ލަސްވާތީ މިދިޔަ ހަފްތާގައި ވޯލްޑް ޕްލޭޔާސް އެސޯސިއޭޝަނުން ވަނީ ޝެއިހް ސަލްމާނާ ދެކޮޅަށް ފީފާ އާއި އޭއެފްސީ އަށް މައްސަލަ ހުށަހަޅާނެ ކަމަށް ބުނެފަ އެވެ. އެ ގޮތުން އަންނަ އޭޕްރީލް މަހު އޮންނަ އޭއެފްސީ އިންތިހާބުގައި ޝެއިހް ސަލްމާނަށް ވާދަނުކުރެއްވޭ ގޮތް ހެދުމަށް ހުށަހެޅުމަށް ވެސް ތައްޔާރުވި އެވެ.

އޮސްޓްރޭލިއާގެ ބޮޑު ވަޒީރު ސްކޮޓް މޮރިސަން ވަނީ ބޮޑު ސިޔާސީ ހަމަނުޖެހުންތަކެއް އުފެދުމުގެ ކުރިން ތައިލެންޑުން ހަކީމް މިނިވަންކޮށްދިނީތީ އެ ގައުމަށް ޝުކުރު އަދާކޮށްފަ އެވެ. އަދި ހަކީމް އެނބުރި އައުމަކީ އޮސްޓްރޭލިއާ އަށް ލިބުނު މޮޅެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.

ހަކީމް އަށް މިއަދު އޮސްޓްރޭލިއާ އެއާޕޯޓުގައި އޭނާގެ ބައެއް އާއިލާ މެމްބަރުން މަރުހަބާ ކިޔަނީ. -- ފޮޓޯ: އޭއެފްޕީ