ލަނޑު ޖެހުމަށް ފަހު ސިޓީ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
04 އެޕްރީލް 2019 - 09:00
ލަންޑަން (އޭޕްރީލް 4) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކާޑިފް ސިޓީ އަތުން 2-0 އިން މޮޅުވެ މެންޗެސްޓާ ސިޓީ ލީގުގެ އެއް ވަނަ އަށް އެރިއިރު، ޓޮޓެންހަމްގެ އާ ދަނޑުގައި ކުޅުނު ފުރަތަމަ މެޗުން 2-0 އިން ކްރިސްޓަލް ޕެލަސް ބަލިކޮށް ގަދަ ހަތަރެއްގެ އުއްމީދު ބޮޑުކޮށްފި އެވެ.
ސިޓީ އެއް ވަނަ އަށް އެރީ 32 މެޗުން 80 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެ ވަނައިގައި އޮތް ލިވަޕޫލަށް 32 މެޗުން ލިބިފައިވަނީ 79 ޕޮއިންޓެވެ. ރޭގެ މޮޅާ އެކު ޓޮޓެންހަމް އަލުން ތިން ވަނަ އަށް އެރީ 32 މެޗުން 64 ޕޮއިންޓް ހަމަކޮށްގެންނެވެ. އާސެނަލް ހަތަރު ވަނައިގައި އޮތީ 31 މެޗުން 63 ޕޮއިންޓާ އެކު އެވެ. ރޭ އަމިއްލަ ދަނޑުގައި 3-0 އިން ބްރައިޓަން ބަލިކޮށް ޗެލްސީ ވަނީ ފަސް ވަނަ އަށް އަރައިފަ އެވެ. ޗެލްސީ އަށް 32 މެޗުން 63 ޕޮއިންޓް ލިބިފައިވާއިރު، ހަ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 32 މެޗުން ލިބިފައިވަނީ 61 ޕޮއިންޓެވެ.
ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފަށައިގެން ހަ ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދިނީ ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިން ޑިބްރޭނާ އެވެ. އެއިމެރިކް ލަޕޯޓް ހުސްކޮށްލާފައި ދިން ބޯޅަ ޑިބްރޭނާ ވަނީ ހަނި އޭންގަލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. ފުރަތަމަ ހާފުގެ ފަހު މިނިޓްގައި ސިޓީގެ ދެ ވަަނަ ގޯލު ޖެހީ ލެރޯއި ސާނޭ އެވެ. އަނިޔާގެ ސަބަބުން ރޭގެ މެޗުގައި ނުފެނުނު ސާޖިއޯ އަގުއޭރޯގެ ބަދަލުގައި ކުޅުނު ގަބްރިއެލް ޖީސޫސް ދިން ބޯޅަަ ސާނޭ ވަނީ ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިފަ އެވެ.
ޓޮޓެންހަމްގެ އާ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ތެރެއިން. -- ފޮޓޯ: އޭއެފްޕީ
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ މި މެޗުގައި ޓީމަށް ހަތް ބަދަލެއް ގެނެސްގެން ކުޅެން ޖެހުނީ ކުރިއަށް އުނދަގޫ މެޗުތަކެއް ހުރުމުން ހުރިހާ ކުޅުންތެރިން ވެސް ފިޓްކޮށް ބޭތިއްބުމަށް ކަމަށެވެ. އޭނާ އިތުރަށް ބުނީ މި މެޗުގައި ދިމާވި ހަމައެކަނި މައްސަލައަކީ ޔޫކްރޭނުގެ އޮލެކްސަންޑަ ޒިންޗެންކޯ އަށް ލިބުނު އަނިޔާ ކަމަށާއި އުއްމީދުކުރަނީ އޭނާގެ އަނިޔާ ސީރިއަސް ނުވާނެ ކަމަށެވެ.
ޓޮޓެންހަމްގެ އެއް ބިލިއަން ޑޮލަރުގެ އަގުހުރި ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފެށުމުގެ ކުރިން ހާއްސަ ހަރަކާތްތަކެއް ވަނީ ކުރިއަށްގެންގޮސްފަ އެވެ. އެންމެ ފަހުން ކުޅުނު މެޗުތަކުން ބޭނުންވި ނަތީޖާ ނުނެރެވޭތީ ޓޮޓެންހަމް ރޭގެ މެޗަށް ނުކުތްއިރު އޮތީ ޕްރެޝަރު ބޮޑުވެފަ އެވެ. ރޭގެ މެޗުގައި ޓޮޓެންހަމްގެ ގޯލުތައް ޖަހައިދިނީ ސޮން ހެއުން މިން އާއި ކްރިސްޓިއަން އެރިކްސަން އެވެ.
ޗެލްސީގެ ސްޓެމްފޯޑް ބްރިޖްގައި ރޭ ކުޅުނު މެޗުގައި އެ ޓީމުގެ ލަނޑުތައް ކާމިޔާބުކުރީ އޮލިވިއޭ ޖިރޫޑް، އެޑެން ހަޒާޑް އަދި ރުބެން ލޮފްޓަސް-ޗީކް އެވެ. މި މޮޅާ އެކު ލީގުގެ ގަދަ ހަތަރެއްގައި އޮވެ ސީޒަން ނިންމާލުމަށް ޗެލްސީން ކުރަމުން އަންނަ މަސައްކަތަށް އުއްމީދު އާ ވެއްޖެ ކަމަށާއި އެކަމަކު އެންމެ ބޮޑު ހުރަހަކީ ގާތްގާތުގައި މެޗުތައް ކުޅެން ޖެހިފައި އޮތުން ކަމަށް ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ ވަނީ ބުނެފަ އެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައްބެ
04 April 2019
ޑިބްރޭނާ ފިޓްވުން އެއީ ސިޓީ މިފަހަރުގެ ލީގުތަށި ނަގާނެކަމުގެ ފެހި ސިގްނަލެއް...