ޗެލްސީ އާއި އާސެނަލް ފައިނަލަށް، އިނގިރޭސިންނަށް އީދެއް!

ލަންޑަން (މެއި 10) – ޔުއެފާ ޔުރޮޕާ ލީގުގެ ފައިނަލުން އިންގްލެންޑުގެ އާސެނަލާއި ޗެލްސީ މިރޭ ޖާގަ ހޯދުމާ އެކު، ޔޫރަޕް ފުޓްބޯޅައިގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެ ބައްރުގެ ކްލަބް ދެ މުބާރާތުގެ ފައިނަލުގައި އެއް ގައުމެއްގެ ހަތަރު ޓީމު ފެނިގެންދާނެ އެވެ.


ޔޫރަޕުގެ މައި ކްލަބް މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގުގެ ފައިނަލުން އިންގްލެންޑުގެ ޓޮޓެންހަމް ހޮޓްސްޕާސް އާއި ލިވަޕޫލް ޖާގަ ހޯދާފައިވަނިކޮށް، ޗެލްސީ އާއި އާސެނަލް މިރޭ ޔުރޮޕާ ލީގުގެ ފައިނަލަށް ދިއުމާ އެކު އިންގްލެންޑަށް އެ ހާއްސަ ޝަރަފް ލިބުނީ އެވެ.

އާސެނަލް ފައިނަލަށް ދިޔައީ ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި މިރޭ ރަށުން ބޭރުގައި ޕިއެރޭ އެމެރިކް އޯބަމަޔަންގެ ހެޓްރިކާ އެކު ސްޕެއިނުގެ ވެލެންސިއާ އަތުން 4-2 އިން މޮޅުވެ ދެ ލެގުގެ އެގްރިގޭޓުން 7-3 އިން ކުރި ހޯދައިގެންނެވެ. އާސެނަލް ފުރަތަމަ ލެގުން މޮޅުވީ 3-1 އިންނެވެ.

ވެލެންސިއާގެ ކެވިން ގަމޭރޯ މިރޭ ލީޑު ނަގާފައިވަނިކޮށް އޯބަމަޔަން އާއި އެލެކްޒެންޑާ ލަކަޒޭގެ ގޯލްތަކުން އާސެނަލް ކުރި ހޯދި އެވެ. އޭގެ ފަހުން ގަމޭރޯ އެއްވަރުކޮށްފައިވަނިކޮށް އޯބަމަޔަން އިތުރު ދެ ގޯލް ޖަހައި ހެޓްރިކް ފުރިހަމަކޮށް އާސެނަލް ފައިނަލަށް ގެންގޮސްދިނެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލުން 2006 ވަނަ އަހަރު ބާސެލޯނާ އަތުން ބަލިވި ފަހުން އާސެނަލް ފުރަތަމަ ފަހަރަށް ޔޫރަޕުގެ ފައިނަލުން ފުރުސަތު ހޯދުމުގެ މޭސްތިރިއަކީ، ޔުރޮޕާ ލީގާ އެންމެ ރަށްޓެހި ކޯޗު އުނާއީ އެމެރީ އެވެ. އެނާ ވަނީ 2014، 2015 އަދި 2016 ގައި ސްޕެއިނުގެ ސެވިއްޔާ އަށް މި މުބާރާތް ކާމިޔާބުކޮށްދީފަ އެވެ.

އާސެނަލްގެ ފޯވާޑް އޯބަމަޔަން (ވ) އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ

ޗެލްސީ ފައިނަލަށް ދިޔައީ ޖަރުމަނުގެ އެއިންޓްރެކްޓް ފްރެންކްފަޓް އަތުން ޕެނަލްޓީ ޖަހައިގެން 4-3 އިން މޮޅުވެގެންނެވެ. ފުރަތަމަ ލެގެކޭ އެއްގޮތަށް މިރޭ ވެސް ފުރިހަމަ ވަގުތާއި އިތުރު ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފަ އެވެ. ރުބެން ލޮފްޓަސް-ޗީކް ގެ ގޯލުން ޗެލްސީ ކުރި ހޯދާފައިވަނިކޮށް ފްރެންކްފަޓަށް އެއްވަރުކޮށްދިނީ ލޫކާ ޔޮވިޗެވެ.

ޕެނަލްޓީ ޝޫޓްއައުޓުގައި ފްރެންކްފަޓްގެ ސެބަސްޓިއެން ހޯލާ އާއި ޗެލްސީގެ ރޮސް ބާކްލޭ ފުރަތަމަ ދެ ޕެނަލްޓީ ކާމިޔާބުކުރި އެވެ. ފްރެންކްފަޓްގެ ދެ ވަނަ ޕެނަލްޓީ ޔޮވިޗް ކާމިޔާބުކޮށްފައިވަނިކޮށް ޗެލްސީގެ ދެ ވަނަ ޕެނަލްޓީ ސެސާ އަޒްޕިލިކުއެޓާ އަތުން ބޭކާރުވި އެވެ. އޭގެ ފަހުން ފްރެންކްފަޓުގެ ޑި ގުޒްމަން އާއި ޗެލްސީގެ ޖޯޖީނިއޯ ތިން ވަނަ ޕެނަލްޓީތައް ވައްދާލި އެވެ. ފްރެންކްފަޓަށް މައްސަލަ ދިމާވީ ހަތަރު ވަނަ ޕެނަލްޓީ މާޓިން ހިންޓެގެރާ ޖެހުމުން ޗެލްސީގެ ގޯލްކީޕަރު ކެޕާ އަރިއްޒަބަލަގާ މަތަކޮށްފައިވަނިކޮށް ޗެލްސީން ހަތަރު ވަނަ ޕެނަލްޓީ ޑަވިޑް ލުއިޒް ކާމިޔާބުކުރުމުންނެވެ. އަދި ފްރެންކްފަޓުގެ ފަސް ވަނަ ޕެނަލްޓީ ޕެސިއެންސިއާ އަތުން ނާކާމިޔާބުވެފައިވަނިކޮށް ޗެލްސީގެ ފަސް ވަނަ ޕެނަލްޓީ އެޑެން ހަޒާޑް ކާމިޔާބުކޮށް އެ ޓީމު ފައިނަލަށް ގެންގޮސްދިނެވެ.

އާސެނަލާއި ޗެލްސީ ވާދަކުރާ ޔުރޮޕާ ލީގުގެ ފައިނަލް އޮންނާނީ މި މަހުގެ 29 ވަނަ ދުވަހުގެރޭ އަޒަރުބައިޖާނުގެ ބަކޫގަ އެވެ. ޓޮޓެންހަމް އާއި ލިވަޕޫލުގެ ޗެމްޕިއަންސް ލީގު ފައިނަލް އޮންނާނީ އަންނަ މަހުގެ އެއް ވަނަ ދުވަހުގެރޭ ސްޕެއިނުގެ ވެރިރަށް މެޑްރިޑުގަ އެވެ.

މީގެ ކުރިން ޔޫރަޕުގެ ފައިނަލްތަކުގައި އެއް ގައުމަކުން އެންމެ ގިނަ އަދަދަކަށް ވާދަކޮށްފައިވަނީ ތިން ޓީމެވެ. އެއީ 1980 ވަނަ އަހަރު ޖަރުމަން ތިން ޓީމާއި، 1989، 1993، 1994، 1995 އަދި 1998 ގައި އިޓަލީގެ ތިން ޓީމު އަދި 1986 އާއި 2014 ގައި ސްޕެއިން ތިން ޓީމެވެ. އަދި މީގެ ކުރިން އެއް ގައުމެއްގެ ހަތަރު ޓީމެއް ޔޫރަޕުގެ ފައިނަލުގައި ވާދަކޮށްފައިވަނީ ޔޫރަޕުގެ ކްލަބް ތިން މުބާރާތް ކުޅުނު އިރެވެ. އެއީ 1990 ވަނަ އަހަރު އިޓަލީގެ ހަތަރު ޓީމެވެ.

މީގެ އިތުރުން މިއީ ޔުރޮޕާ ލީގު (ކުރީގެ ޔުއެފާ ކަޕް) ގެ ފައިނަލުގައި އެއް ގައުމަކަށް ނިސްބަތްވާ ދެ ޓީމު ކުޅޭ 10 ވަނަ ފަހަރެވެ. މީގެ ކުރިން އިޓަލީގެ ދެ ޓީމު ހަތަރު ފަހަރު، ސްޕެއިން ދެ ޓީމު ދެ ފަހަރު އަދި ޖަރުމަނާއި ޕޯޗުގަލް އަދި އިންގްލެންޑުގެ ދެ ޓީމެއް އެއް ފަހަރު ވަނީ އެއްކޮށް ފައިނަލުގައި ކުޅެފަ އެވެ.