ލުކާކޫގެ ބަދަލުގައި ޔުނައިޓެޑުން އޮބާމަޔަން ގެންނަނީ

ލަންޑަން (ޖޫން 30) - މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް ރޮމެލޫ ލުކާކޫ އިންޓަ މިލާނަށް ދޫކޮށްލުމަށް ފަހު އާސެނަލްގެ ޕިއޭ އެމެރިކް އޮބާމަޔަން ގެންނަން ޔުނައިޓެޑުން މަސައްކަތްކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.


އިންޓަ މިލާނުގެ ކޯޗުކަމާ ޗެލްސީގެ ކުރީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ހަވާލުވުމަށް ފަހު އޭނާ އެންމެ ގެންނަން ބޭނުންވާ ކުޅުންތެރިޔަކީ ލުކާކޫ އެވެ. މީގެ ދެ އަހަރު ކުރިން 95 މިލިއަން ޑޮލަރަށް ޔުނައިޓެޑުން ލުކާކޫ ގަތީ އޭރު ކޮންޓޭގެ ކޯޗުކަމުގައި ކުޅެމުންދިޔަ ޗެލްސީން ވެސް ފާރަލަމުން އަންނަނިކޮށެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި 100 ގޯލު ޖަހާފައިވާ އުމުރުން 26 އަހަރުގެ ލުކާކޫ އަށް މީގެ ކުރިން އިންޓަ އިން ކުރި ބިޑަށް ޔުނައިޓެޑުން ވަނީ ނޫނެކޭ ބުނެފަ އެވެ. އެކަމަކު މިހާރު އިންޓަ އިން ހުށަހަޅާފައިވަނީ ދެ އަހަރުގެ ލޯން އެއްބަސްވުމެއްގެ ދަށުން ލުކާކޫ ގެންނާށެވެ. ޔުނައިޓެޑުން އެ ބިޑަށް އެއްބަސްވާނީ ލޯންގެ އަގެއްގެ ގޮތުގައި ދެ އަހަރަށް އިންޓަ އިން 25 މިލިއަން ޑޮލަރު ދިނުމަށް ފަހު އެ މުއްދަތު ހަމަވުމުން އެއްބަސްވުން ދާއިމީކުރާއިރު އިތުރު 55 މިލިއަން ޑޮލަރު ދައްކާ ގޮތަށެވެ.

ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑުން ލުކާކޫ ދޫކޮށްލާނީ އިތުރު ފޯވާޑެއް ލިބޭނެކަން ޔަގީންކުރުމަށް ފަހު އެވެ. އެ ގޮތުން މިހާރު ޔުނައިޓެޑުން ފާރަލަމުން އަންނަނީ އާސެނަލްގެ ގެބޮން ފޯވާޑް އޮބާމަޔަން އަށެވެ. އުމުރުން 30 އަހަރުގެ އޮބާމަޔަން އާސެނަލްގައި ހުރީ ހިތްހަމަނުޖެހިފައިކަމަށް މީޑިއާ ރިޕޯޓްތައް ބުނާއިރު، އާސެނަލްގެ ބޯޑުން ދީފައިވާ ޓްރާންސްފާ ބަޖެޓް (57 މިލިއަން ޑޮލަރު)އާ މެދު އެ ޓީމުގެ ކޯޗު އުނާއި އެމެރީ ހުރީ ހިތްހަމަނުޖެހިފަ އެވެ.

އާސެނަލްގެ މި ހާލަތުގެ ފައިދާނަގައި ޔުނައިޓެޑުން ނިންމާފައިވަނީ އޮބާމަޔަން އަށް 40 މިލިއަން ޑޮލަރުގެ ބިޑެއް ކުރުމަށެވެ. އަދި އެ އެއްބަސްވުމުގެ ތެރެއިން ޔުނައިޓެޑުން އޮތީ އެ ޓީމުގެ ކުޅުންތެރިޔަކު ވެސް ދޫކޮށްލަން ތައްޔާރަށެވެ. ބޮރޫޝިއާ ޑޯޓްމަންޑް ދޫކޮށް އޮބާމަޔަން އާސެނަލަށް ބަދަލުވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު 71 މިލިއަން ޑޮލަރަށެވެ. އާސެނަލްގެ ވިސްނުން ހުރީ އޮބާމަޔަން ބޮޑު އަގުގައި ދޫކޮށްލައި ކްރިސްޓަލް ޕެލަސްގެ ވިލްފްރެޑް ޒަހާ އަށް ބިޑްކުރުމަށެވެ.

ޔުނައިޓެޑުން ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ދެ ކުޅުންތެރިއަކު ގެނެސްފަ އެވެ. ސްވަންސީ ސިޓީގެ ޑެނިއަލް ޖޭމްސް 19 މިލިއަން ޑޮލަރަށް ސްވަންސީގެ ޑެނިއަލް ޖޭމްސް ގަނެފައިވާއިރު، 63 މިލިއަން ޑޮލަރަށް ކްރިސްޓަލް ޕެލަސްގެ ޒުވާން ފުލްބެކް އާރޮން ވަން ބިސާކާ ވަނީ ގެނެސްފަ އެވެ. ޔުނައިޓެޑްގެ ފްރާންސް ތަރި ޕައުލް ޕޮގްބާ ވިއްކާލަން އެ ކްލަބުން ބޭނުންވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އެއީ ކުޅުންތެރިން ގަންނަން ޓްރާންސްފާ ބަޖެޓް ބޮޑުކުރުމުގެ ގޮތުންނެވެ.