ބާސެލޯނާގެ ބްރެޒިލް ފޯވާޑް ނޭމާ. -- ފޮޓޯ: އޭއެފްޕީ
12 ސެޕްޓެމްބަރ 2016 - 08:27
ބާސެލޯނާ (ސެޕްޓެމްބަރު 11) - ބާސެލޯނާގެ ބްރެޒިލް ފޯވާޑް ނޭމާ ގަތުމަށް ފްރާންސުގެ ޕީއެސްޖީން 190 މިލިއަން ޔޫރޯ ހުށަހެޅި ކަމަށް އޭނާގެ އޭޖެންޓް ވެގްނާ ރިބެއިރޯ ބުނެފި އެވެ.
ރިބެއިރޯ ބުނީ، ޕީއެސްޖީގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑުން ވެސް ނޭމާ ގަތުމަށް ބޭނުންވި ކަމަށާއި ނޭމާ ކްލަބް ބަދަލުނުކުރީ ކިރިޔާ ކަމަށެވެ.
"ޕީއެސްޖީ އަށް ބަދަލުވާ ގާތަށް އޭނާ ދިޔަ. އެ ކްލަބަށް ދިޔަ ނަމަ އޭނާ އަށް އަހަރަކު 40 މިލިއަން ޔޫރޯގެ މުސާރައެއް ލިބޭނެ،" ރިބެއިރޯ ބުންޏެވެ.
އެހެން ނަމަ ނޭމާ ވެގެންދާނީ ދުނިޔޭގެ އެންމެ މުސާރަ ބޮޑު ފުޓްބޯޅަ ކުޅުންތެރިޔާ އަށެވެ. މިހާރު އެންމެ ބޮޑު މުސާރައެއް ލިބެނީ އަހަރަކު 32 މިލިއަން ޔޫރޯ ލިބޭ ރެއާލް މެޑްރިޑުގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަށެވެ.
"ނޭމާ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވާން ވެސް އުޅުނު. އެކަމަކު ފަހުން އޭނާ ނިންމީ ބާސެލޯނާގެ ކޮންޓްރެކްޓް އާކުރަން، މުސާރަ ކުޑަވިޔަސް،" އޭޖެންޓް ބުންޏެވެ.
ގަތަރުގެ ބިލިއަނަރު ގްރޫޕަކުން ހިންގަމުން އަންނަ ޕީއެސްޖީގެ އެންމެ މުހިއްމު ކުޅުންތެރިޔާ ޒަލަޓާން އިބްރަހިމޮވިޗް މިދިޔަ ސީޒަނަށް ފަހު އެ ކްލަބް ދޫކޮށްލާފައިވާތީ އެ ކްލަބުން އައީ ދުނިޔޭގެ މަޝްހޫރު ތަރިއަކަށް ބަލަމުންނެވެ.
ބްރެޒިލް ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން ނޭމާ އަށް އޭނާ ބްރެޒިލްގެ ސަންތޯސްގައި ކުޅުނުއިރު ވެސް ދުނިޔޭގެ ބޮޑެތި ކްލަބްތަކުން ބޮޑު އަގު ހުށަހެޅި އެވެ. އޭގެ ތެރޭގައި ޕީއެސްޖީ އާއި ޔުނައިޓެޑުގެ އިތުރުން ޗެލްސީ އާއި ރެއާލް މެޑްރިޑް ހިމެނެ އެވެ.
އުމުރުން 24 އަހަރުގެ ކުޅުންތެރިޔާ ވަނީ 2013 ވަނަ އަހަރު ބާސެލޯނާ އަށް ބަދަލުވި ފަހުން އެ ކްލަބަށް 141 މެޗުން 85 ގޯލް ޖަހައިދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy