ނޭމާ ރެއާލަށް ބަދަލުވުން ވެސް ރަނގަޅު: ރިވާލްޑޯ

މެޑްރިޑް (އޮގަސްޓް 15) - ޕީއެސްޖީގެ ތަރި ނޭމާ ސްޕެއިނުގެ ރެއާލް މެޑްރިޑަށް ބަދަލުވުމަކީ ވެސް ރަނގަޅު ނިންމުމަކަށްވާނެ ކަމަށް ބްރެޒިލްގެ ކުރީގެ ތަރި ރިވާލްޑޯ ބުނެފި އެވެ.


މީގެ ދެ އަހަރު ކުރިން ޕީއެސްޖީން ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 246 މިލިއަން ޑޮލަރަށް ގެނައި ނޭމާ އެ ކްލަބް ދޫކޮށްލަން ބޭނުންވެފައިހުރިއިރު، މީގެ ކުރިން ޕީއެސްޖީގެ މެނޭޖްމަންޓުން އޭނާ ވިއްކާނުލައި ގަދަދެއްކީ އެންމެ އެކަށޭނެ ބިޑެއް އެއްވެސް ޓީމަކުން ނުކުރާތީ އާއި އެކަމާ މެދުގައި ކްލަބް ތެރޭގައި ހިޔާލުތަފާތުވުންތަކެއް އޮތުމުންނެވެ. އެކަމަކު ޕީއެސްޖީއާ އެކު ކުރިއަށް ދިއުމުގެ މާ ބޮޑު ވިސްނުމެއް ނޭމާގެ ނެތުމުން އެ ކްލަބުން މިހާރު ތައްޔާރުވަމުން އަންނަނީ އޭނާ ދޫކޮށްލާށެވެ. އަދި އެންމެ ފަހުން ޕީއެސްޖީ ކުޅުނު މެޗުގައި ނޭމާ އަށް ސަޕޯޓަރުންގެ ނުރުހުން އަމާޒުވުމުން ދެން އޭނާ އަށް ކްލަބުން ކުރިން ލިބުނު ސަޕޯޓް ނުލިބޭނެތީ މިހާރު ނޭމާ އެ ޓީމު ދޫކޮށްލާނެކަން ވަނީ ގާތްގަނޑަކަށް ޔަގީންވެފަ އެވެ.

ނޭމާ ބޭނުވްނީ ބާސެލޯނާ އަށް ބަދަލުވާން ކަމުގައި ވިޔަސް ޕީއެސްޖީން އަންނަނީ އޭނާގެ ޑީލުގެ ކަންތައްތަކުގައި ރެއާލާ ވެސް މަޝްވަރާކުރަމުންނެވެ.

"ޒިނެދިން ޒިދާން ބޭނުންވެގެން ނޭމާ ރެއާލަށް ސޮއިކޮށްފިނަމަ މީގެ އޮޅުވާލުމެއް އަހަންނަށް ނުފެނޭ. އެއީ ނޭމާ އަށް ވެސް ރަނގަޅު ނިންމުމަކަށްވާނެ. މިއީ ބާސެލޯނާއަށް ކުރެވޭ ބޭއިހުތިރާމެއް ނޫން. ނޭމާ ބާސެލޯނާ ދޫކޮށްލީ ރެއާލަށް ބަދަލުވާކަށް ނޫން. އޭނާ ޕީއެސްޖީ އަށް ދިއުމަށް ފަހު ރެއާލަށް ބަދަލުވުން ވާން ޖެހޭނީ ޕްރޮފެޝަނަލް ނިންމުމަކަށް،" ރިވާލްޑޯ ބުންޏެވެ.

ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާ އިން ނޭމާ ހޯދަން ހުށަހަޅާފައިވަނީ ފިލިއްޕޭ ކުޓީނިއޯ އާއި 100 މިލިއަން ޔޫރޯ އެވެ. އަދި އެ ޑީލުގެ ތެރެއިން ބާސެލޯނާގެ ކްރޮއޭޝިއާ މިޑްފީލްޑަރު އިވާން ރަކިޓިޗް ދޫކޮށްލަން ވެސް އެ ކްލަބް އޮތީ ތައްޔާރަށެވެ. އަނެއްކޮޅުން ރެއާލުން ހުށަހަޅަނީ ގިނަ ވެގެން 50 މިލިއަން ޔޫރޯ އާއި ގަރެތު ބޭލް އާއި ހަމޭސް ރޮޑްރިގޭޒް އެވެ. މީގެ ތެރެއިން އެއް ކުޅުންތެރިއަކު ދޭނީ ލޯން އުސޫލުންނެވެ. ޕީއެސްޖީން ވަނީ ނޭމާ ޑީލްގެ ތެރެއަށް ރެއާލުގެ ވިނީޝިއުސް ޖޫނިއާ ހިމަނަން އެދިފަ އެވެ.

ސްޕެއިނާއި ފްރާންސްގެ ބައެއް މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި ނޭމާ އަންނަނީ އޭނާގެ ގާނޫނީ ޓީމު މެދުވެރިކޮށް ޕީއެސްޖީއާ މަޝްވަރާތަކެއް ކުރަމުންނެވެ. އެ ގޮތުން ޕީއެސްޖީގައި ނޭމާ ބޭނުންވާ ބައެއް ކަންތައްތައް ފުރިހަމަނުވާ ކަމަށް ބުނެ، އަގު ކުޑަކޮށް ބާސެލޯނާ އަށް އޭނާ ދޫކޮށްލައިދޭން ވެސް އެދުނެވެ. އެކަމަކު ޕީއެސްޖީގެ ޑިރެކްޓަރު ލިއޮނާޑޯ ވަނީ އެ ހުށަހެޅުމަށް ފުރަގަސްދީފަ އެވެ.

ނޭމާ ހޯދަން މިހާރު މަސައްކަތްކުރަނީ ރެއާލާއި ބާސެލޯނާ އެކަންޏެވެ. މި ފަހަރުގެ ޓްރާންސްފާ މާކެޓް ތެރޭގައި ޕީއެސްޖީން ވަނީ މެންޗެސްޓާ ސިޓީ އަށް ލޯން އެއްބަސްވުމެއްގައި ނޭމާ ދޫކޮށްލަން ހުށަހަޅައިފަ އެވެ. އެކަމަކު ސިޓީން އެ ހުށަހެޅުމަށް އިންކާރުކުރި އެވެ.