މެންޗެސްޓާ ސިޓީގެ ނިކްލަސް އޮޓަމެންޑީ އަށް ފުރުސަތު ނުދީ ޓޮޓެންހަމްގެ ގޯލްކީޕަރު ހޫގޯ ލޮރިސް ބޯޅަ ޕަންޗުކޮށްލަނީ. --ފޮޓޯ: އޭއެފްޕީ
18 އޯގަސްޓް 2019 - 08:54
މެންޗެސްޓާ (އޮގަސްޓް 18) – ޕްރިމިއާ ލީގުގައި ރޭ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ޓޮޓެންހަމް ހޮޓްސްޕާސް ކުޅުނު މެޗު 2-2 އިން އެއްވަރުވި އިރު ލިވަޕޫލާއި އާސެނަލް ކުޅުނު މެޗުތަކުން މޮޅުވެއްޖެ އެވެ.
ފުރަތަމަ ދެ މެޗަށް ފަހު ތާވަލުގެ އެއް ވަނައިގައި ހަ ޕޮއިންޓާ އެކު އޮތީ ރޭ ރަށުން ބޭރުގައި ސައުތުހެމްޓަން އަތުން 2-1 އިން މޮޅުވި ލިވަޕޫލެވެ. އެ އަދަދަށް ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުން ދެ ވަނައިގައި އޮތީ އިއްޔެ އަމިއްލަ ދަނޑުގައި ބާންލީ އަތުން 2-1 އިން މޮޅުވި އާސެނަލް އެވެ. ސިޓީ އޮތީ ހަތަރު ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ.
ޓޮޓެންހަމްއާ ދެކޮޅަށް ރަށުން ބޭރުގައި ސިޓީ ކުޅުނު މެޗުގެ 20 ވަނަ މިނެޓުގައި ރަހީމް ސްޓާލިން އެ ޓީމަށް ކުރި ހޯދައިދީފައިވަނިކޮށް ތިން މިނެޓު ފަހުން ޓޮޓެންހަމަށް އެއްވަރުކޮށްދިނީ އެރިކް ލަމޭލާ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ސާޖިއޯ އަގުއޭރޯ އަލުން ސިޓީ އަށް ލީޑު ނަގައިދީފައިވަނިކޮށް ޓޮޓެންހަމުން ދެ ވަނަ ފަހަރަށް އެއްވަރުކުރީ 56 ވަނަ މިނެޓުގައި ލޫކަސް މޯރާ ޖެހި ގޯލުންނެވެ. މި މެޗުގެ އިތުރު ވަގުތު ސިޓީގެ ގެބްރިއަލް ޖީސުސް ލަނޑު ޖަހައި އެ ޓީމުން މޮޅުވި ކަމަށް ބަލައި އުފާފާޅުކުރަމުން އަންނަނިކޮށް ރެފްރީ ވަނީ ވީއޭއާރުން ބަލައިގެން އެ ލަނޑު ކެންސަލްކޮށްފަ އެވެ. އެއީ އެ ހަމަލާ އުފެއްދިއިރު ސިޓީގެ އަޔެމެރިކް ލަޕޯޓޭގެ އަތުގައި ބޯޅަ ޖެހިފައިވާތީވެ އެވެ.
ލިވަޕޫލުން ރޭ ސައުތުހެމްޓަން އަތުން މޮޅުވީ ސަޑިއޯ މާނޭ އާއި ރޮބާޓޯ ފިރްމީނިއޯ ޖެހި ގޯލްތަކުންނެވެ. ސައުތުހެމްޓަންގެ ހަމައެކަނި ގޯލް ވައްދާލީ މެޗުގެ ފަހުކޮޅު ޑެނީ އިންގްސް އެވެ. ބާންލީ އަތުން އަމިއްލަ ދަނޑުގައި އާސެނަލް މޮޅުވި މެޗުގެ 13 ވަނަ މިނެޓުގައި ކުރި ހޯދައިދިނީ އެލެކްޒެންޑާ ލަކަޒޭ އެވެ. ފުރަތަމަ ހާފުގެ ފަހުކޮޅު އޭޝްލީ ބާންސްގެ ގޯލުން ބާންލީ އެއްވަރުކޮށްފައިވަނިކޮށް 64 ވަނަ މިނެޓުގައި އާސެނަލް މޮޅުކޮށްދިނީ ޕިއެރޭ އެމެރިކް އޯބަޔަމަން އެވެ. ލޯން އުސޫލުން އާސެނަލާ ގުޅުނު ރެއާލް މެޑްރިޑުގެ ޑެނީ ސަބަޔޯސް ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޭނަ
19 August 2019
ލިވަޕޫލް ފުރަތަމަ ކޮޅުގައި ކުރީގައި އުޅުނަސް ލީގު ނިމޭއިރު ސިޓީ އޮންނާނީ އެއްވަނައިގައި. ލިވަޕޫލްއެއީ އަބަދުވެސް ޕްރިމިއާރ ލީގުގައި ޗޮކުންދާބައެއް. ބާސާ ޗެމްޕިއަންސް ލީގުން ޗޮކުން ދާގޮތަށް.
އަންްނި
18 August 2019
ހަމަ އެއާއެކު، ބާރސާ ބަލިވި މެޗަށްފަހު ސިޓީ މިވަނީ ބާރސާ ވައްޓާލުމަށްފަހު ޔޫރޯ ކްލަބް އިންޑެކްސްގެ އެއްވަނަ ހޯދާފަ. މަރުހަބާ ސިޓީ.
އޭނަ
19 August 2019
ކަލެޔަށް ބާސާޔާ ނުބެހި ނުހުރެވެނީތަ؟ ތިޔަ ޔޫރޯ އިންޑެކްސްއާއި ޓީމްތަކުގެ ކުޅުމާ ކޮން ގުޅުމެއްއޮތީ. މިތާ އުޅޭ ރަދީފް މާމޮޅުކޮށްގެން އުޅޭ އެއްޗެއްއެއީ. ފުޓްބޯޅައިގައި މޮޅުވާނީ އެއްބައެއް. އެއީ ގިނަފަހަރު ބުރަކޮށް މަސައްކަތްކުރާ ޓީމް.
މެޗް
18 August 2019
ރޭގެ މެޗް ކުޅުނީ ސިޓީ ދަނޑުގަ އެހެން ވީމާ ރަށުން ބޭރުގަ ކުޅުނީ ސްޕާރސް.
ރަދީފް
18 August 2019
މަރުހަބާ އާސެނަލް ލިވަޕޫލް އަދި ސިޓީ.ރޭގަ ސްޕާސް އަދި ސިޓީ މެޗްގެ ކުޅުން ވަރަށް ބެސްޓް.ވަރަށް އެންޓަޓެއިނިގް.
ގާޑިއޯލާ
06 September 2019
އެޑަސަން އެހެދި އެއްޗެއްދޯ.