ލިވަޕޫލާއި ޗެލްސީ މޮޅުވިއިރު، މެސީ އަށް ރެކޯޑެއް

ލަންޑަން (އޮކްޓޫބަރު 24) - ޗެމްޕިއަންސް ލީގުގައި ރޭ ޗެލްސީ، ބާސެލޯނާ އަދި ލިވަޕޫލް މުހިއްމު މޮޅުތަކެއް ހޯދިއިރު އޭގެ ތެރެއިން ބާސެލޯނާގެ މެޗުގައި ގޯލް ޖަހައި އެ ޓީމުގެ ތަރި ލިއޮނަލް މެސީ މުބާރާތުގައި ރެކޯޑެއް ގާއިމްކޮށްފި އެވެ.


އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލުން ގެންކް 4-1 އިން ބަލިކުރީ ރަށުން ބޭރުގަ އެވެ. މިދިޔަ އަހަރުގެ ސެމީ ފައިނަލުގައި ކުޅުނު އަޔަކްސްގެ މައްޗަށް ފަހު ވަގުތު ވައްދާލި ގޯލުން ޗެލްސީ ކުރިހޯދިއިރު، ސްލަވިއާ ޕްރާގް އަތުން 2-1 އިން މޮޅުވި މެޗުގައި ޖެހި ގޯލާ އެކު ޗެމްޕިއަންސް ލީގުގައި ޖެހިޖެހިގެން 15 ސީޒަނުގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް މެސީ ވަނީ ހޯދައިފަ އެވެ.

ސްލަވިއާ ދަނޑުގައި ކުޅުނު މެޗުގައި މެސީގެ ލަނޑުން ބާސެލޯނާ ލީޑުނަގާފައިވަނިކޮށް ޗެކް ރިޕަބްލިކްގެ ޗެމްޕިއަން ސްލަވިއާ އަށް އެއްވަރުކޮށްދިނީ ޔޭން ބޮރީލް އެވެ. ބާސެލޯނާ މޮޅުވި ގޯލަކީ ސްލަވިއާގެ ޕީޓަ އޮލޭޔިންކާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

މި ގްރޫޕްގެ އަނެއް މެޗުން ރޭ އިންޓަ މިލާނުން ވަނީ 2-0 އިން ބޮރޫޝިއާ ޑޯޓްމަންޑް ބަލިކޮށް އުއްމީދުއާ ކޮށްފަ އެވެ. ގްރޫޕް އެފްގެ އެއް ވަނައިގައި ބާސެލޯނާ ހަތް ޕޮއިންޓާ އެކު އޮތްއިރު، ދެ ވަނައިގައި އޮތް އިންޓަ އާއި ތިން ވަނައިގައި އޮތް ޑޯޓްމަންޑަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. އެންމެ ފުލުގައި އޮތް ސްލަވިއާ އަށް ޕޮއިންޓެއް ނުލިބެ އެވެ.

މިދިޔަ އަހަރުގެ ގްރޫޕް ސްޓޭޖުގައި ރަށުން ބޭރުގައި ކުޅުނު ތިން މެޗުން ވެސް ބަލިވި ލިވަޕޫލް މި ފަހަރުގެ ގްރޫޕްގައި ފުރަތަމަ ރަށުން ބޭރުގައި ކުޅުނު މެޗުން ވަނީ ނަޕޯލީ އަތުން ބަލިވެފަ އެވެ. އެކަމަކު ރޭގެ މެޗުގައި ގެންކާ ދެކޮޅަށް އެ ޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. މި މެޗުގައި ލިވަޕޫލްގެ އަލެކްސް އޮކްސްލޭޑް ޗަމްބަލެއިން ދެ ގޯލް ޖެހިއިރު ސަޑިއޯ މާނޭ އަދި މުހައްމަދު ސަލާހު ގޯލެއް ޖެހި އެވެ.

ލަނޑު ޖެހުމަށް ފަހު ޗަމްބަލެއިން (ކ) ލިވަޕޫލްގެ އެހެން ކުޅުންތެރިންނާ އެކު. -- ފޮޓޯ: އޭއެފްޕީ

ފުރަތަމަ ހާފްގައި ގެންކްގެ ކެޕްޓަން ބުވާނާ ސަމައްޓާ ޖެހި ގޯލު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަަށް ފަހު ބަލައިނުގަންނަން ރެފްރީ ނިންމިއިރު، މެޗުގައި އެ ޓީމުގެ ހަމައެކަނި ގޯލު ކާމިޔާބުކުރީ ސްޓެފެން އޮޑޭ އެވެ.

ގްރޫޕް އީގެ އެއް ވަނައިގައި އޮތީ ރޭ ސަލްޒްބާގު އަތުން 3-2 އިން މޮޅުވި ނަޕޯލީ އެވެ. ނަޕޯލީ އަށް ތިން މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، ލިވަޕޫލް ދެ ވަނައިގައި އޮތީ ހަ ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ސަލްޒްބާގަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ގެންކްގެ އޮތީ އެންމެ ޕޮއިންޓެކެވެ.

އަޔަކްސް ދަނޑުގައި ކުޅުނު މެޗުން އެ ޓީމުގެ މައްޗަށް ޗެލްސީ އަށް ކުރިހޯދައިދިިނީ މެޗު ނިމެން ހަތަރު މިނިޓަށް ވެފައި ހުއްޓައި ބެލްޖިއަމްގެ ފޯވާޑް މިޝީ ބަޓްޝުއާޔީ ޖެހި ގޯލުންނެވެ. މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ.

ގްރޫޕް އެޗްގެ އެއް ވަނައިގައި ޗެލްސީ އޮތީ ދެ ވަނައިގައި އޮތް އަޔަކްސްއާ އެއްވަރަށް ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. މި ގްރޫޕްގައި ރޭ ކުޅުނު މެޗުން ފްރާންސްގެ ލިލްއާ 1-1 އިން އެއްވަރުވިއިރު، ތިން ވަނައިގައި އޮތް ވެލެންސިއާ އަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. އަދި ލިލް އަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.