ބޮޑު ގަވާއިދަށް 10 އަހަރު: ޔޫރަޕް ފުޓްބޯޅަ ބަދަލުވިތަ؟

މީގެ 10 ވަރަކަށް އަހަރު ކުރިން ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާއިން ހިންގި ދިރާސާ އަކަށް ފަހު ނުރައްކަލުގެ ރަނގަބީލުގެ އަޑުގަދަވާން ފެށީ ދުނިޔޭގެ އެކި ގައުމުތަކަށް ނިސްބަތްވާ މަހުޖަނުން ޔޫރަޕްގެ ކްލަބްތައް ހިންގަން ހަވާލުވެ، އެއް ބައި ކްލަބްތަކުގެ ވެރިން އެ މީހުންގެ ވިޔަފާރި އަށް ފައިދާ ވާގޮތަށް ކްލަބް ހިންގަން ފެށުމުންނެވެ. އަނެއް ބައި ކްލަބްތަކުން ލިބޭ ފައިދާ ފޮރުވާން ފެށުމުންނެވެ. މި ކަހަލަ ކަންތައްތަކުގެ ހަބަރުތައް ނޫސްތަކުގެ ފަލަ ސުރުހީ އަށް އަރައި ޒިންމާ ނަގަން ތިބި ފަރާތްތަކުގެ ހަގީގަތް ހާމަކުރަން ފެށުމާ އެކު ޔުއެފާ އިން ނިންމީ ގަވާއިދެއް ވުޖޫދު ކުރާށެވެ. އެއީ ކަމާބެހޭ އެތައް މާހިރުންތަކެއްގެ ލަފަޔާ އެކު 2009 ވަނަ އަހަރު އަމަލުކުރަން ފައިނޭންޝިއަލް ފެއާ ޕްލޭ (އެފްއެފްޕީ) ގަވާއިދެވެ. އެފްއެފްޕީ އަށް މި އަހަރު 10 އަހަރު ފުރޭއިރު ހިނގާދިޔަ ކަންތައްތަކަށް އަލި އަޅުވާލައިފިނަމަ ބޮޑެތި ބަދަލުތަކެއް ފާހަގަކުރެވޭނެ އެވެ.


އެފްއެފްޕީގެ މަޝްވަރާގެ ފެށުން އައިއިރު އެންމެ ގިނަ ފަރާތްކުން އެއްބަސްވި އެއް ކަމަކީ ފުޓްބޯޅައިގައި ދެން "ލިބޭ ފައިދާ ނުފޮރުވޭނެ، މަކަރެއް ނުހެދޭނެ،" މި ކަމެވެ. މި ކަމަށް ޔޫރަޕްގެ ވަރުގަދަ ފަސް ލީގު (އިންގްލެންޑް، ސްޕެއިން، ފްރާންސް، އިޓަލީ އަދި ޖަރުމަން) ގެ ކްލަބްތަކުން ރުހުން ދިނީ ވެސް ހަމަހަމަ އުސޫލެއް އޮންނާނެތީ އެވެ. އެ ޔަގީންކަން ޔުއެފާ އިން ދިނުމުންނެވެ.

މިދިޔަ އަހަރުތަކަށް ބަލާއިރު އެންމެ ވަރުގަދަ އަށް ފުޓްބޯޅައިގެ މާކެޓްގައި ރަސްކަން ކުރީ އިނގިރޭސިންނެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ ރެލިގޭޓްވާ ކްލަބެއްގެ އެވްރެޖް އާމްދަނީ މިހާރު ހުރީ އެހެން ގައުމުތަކުގެ ޗެމްޕިއަނުންނަށް ލިބޭ ވަރަށް ވުރެ މަތީގަ އެވެ. އެކަމަކު އެ ހިސާބަށް ވާސިލްވުމަށް އިނގިރޭސިން ވެސް ރަނގަޅު ދިރާސާތަކެއް ކުރި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ފުރަތަމަ 17 އަހަރު (1990 އިން 2007) އާ ހަމައަށް ފުޓްބޯޅަ ކްލަބްގެ ކަންތައްތަކާ ބެހޭގޮތުން ކުރި ދިރާސާތަކުން ދައްކާ ގޮތުގައި ޕްރިމިއާ ލީގުގެ 20 ކްލަބުން 1996 ވަނަ އަހަރު ލިބޭ އާމްދަނީ އެކި ކަންކަމަށް ހަރަދުކުރާއިރު، 2007 ވަަނަ އަހަރު ލިބޭ އާމްދަނީގެ 80 އިންސައްތަ ހަރަދުކުރަން ޖެހެނީ ކްލަބްގެ މަގާމު ދިފާއުކުރާށެވެ. އޭގެ ސަަބަބުން އަބަދުވެސް އެންމެ ބޮޑަށް ރޭހުގެ ކުރީގައި އޮންނަނީ އެންމެ ބޮޑު ހަރަދުކުރެވޭ ޓީމެކެވެ. އަރަމުން އަންނަ ޓީމުތަކަށް ކުރިއަށްދެވޭނެ މަގެއް ކޮށިފައެއް ނޯވެ އެވެ.

އިނގިރޭސިންގެ މި ދިރާސާގައި މަޝްވަރާ ކުރެވުނު ކަންތައްތައް ޔުއެފާ އިން ހެދި އެފްއެފްޕީ ގަވާއިދުގައި ހިމަނަން މަޖުބޫރުވީ ވެސް އެހެންވެ އެވެ. އެފްއެފްޕީ އައުމުގެ އެންމެ ފަހު އަހަރުގައި އިނގިރޭސި ހުރިހާ ކްލަބެއްގައި ބޭނުންކުރެވޭނެ އާމްދަނީ ރެކޯޑް ކުރެވިފައިހުރީ އެވްރެޖް ގޮތެއްގައި 84 މިލިއަން ޑޮލަރުގަ އެވެ. އެކަމަކު މިދިޔަ އަހަރުގެ ނިޔަލަށް ބަލާއިރު އެ އަދަދު ވަނީ 880 މިލިއަން ޑޮލަރުގަ އެވެ. މިއީ އެފްއެފްޕީގެ ސަބަބުން އައި ކުރިއެރުމެކެވެ.

މެދު އިރުމަތީގެ ގިނަ މަހުޖަނުން ޔޫރަޕްގެ ކްލަބްތައް ގަންނަން ޝައުގުވެރިކަން އުފެދެން ފެށީ ވެސް ވިޔަފާރި ފުޅާކުރުމުގެ ބޭނުމުގައި ކަމަށް ޔޫރަޕްގެ ނަން މަޝްހޫރު ނޫސްތަކުން މީގެ 10 ވަރަކަށް އަހަރު ކުރިން ތުހުމަތުކުރި އެވެ. ބޮޑު އަގުގައި ކުޅުންތެރިން ގަނެ ކްލަބްތަކުގެ ހިއްސާ މާކެޓްގައި ކުރިއެރުވުމަށް ފަހު އަމިއްލަ ވިޔަފާރި އަށް ފައިދާނަަގައި ވާހަކަތައް މީޑީއާގައި ދެކެވެން ފެށި އެވެ. މި ކަންކަމަށް ވެސް ހުއްޓުން އައީ އެފްއެފްޕީއާ އެކު އެވެ.

ކްލަބްތަކުން ކުޅުންތެރިންގެ ޓްރާންސްފާ ފީ އާއި އޭޖެންޓް ފީ އަދި މުސާރަ ދިނުމުގައި އޮޅިގަނޑެއް އެފްއެފްޕީގެ ތެރެއިން ހެދިގެން ދިއުމަކީ މި ގަވާއިދުގެ ތެރެއިން އައި އެންމެ ބޮޑު ރަނގަޅު ބަދަލު ކަމަށް ޔޫރަޕް ފުޓްބޯޅައިގެ ގިނަ ފަރާތްތަކުން އިއްތިފާގުވެ އެވެ. އެފްއެފްޕީގައިވާ ގޮތުން ކްލަބެއްގެ ދަރަނި 40 އިންސައްތަ އަށް ވުރެ މަތީގައި އުޅޭނަމަ އެއް ޓްރާންސްފާ މާކެޓެއްގައި 160 މިލިއަން ޔޫރޯ އަށް ވުރެ ބޮޑު ހަރަދެއް ނުކުރެވޭނެ އެވެ. އަދި ކްލަބްތަކުން ހަރަދުކުރާއިރު އެ ކްލަބަކަށް ލިބޭ އާމްދަނީގެ ރިޕޯޓްތައް ގަަވާއިދުން ކޮންމެ ޓްރާންސްފާ މާކެޓެއްގައި ޔުއެފާ އަށް ހުށަހަޅަން ޖެހެ އެވެ.

މިދިޔަ އަހަރު ޔުއެފާގެ އޮފިޝަލަކު މީޑިއާ އަށް ބުނީ ކްލަބްތަކުން މާލީ ރިޕޯޓް ހުށަހަޅާ އަދަދު އަހަރުން އަހަރަށް އިތުރުވަމުން އަންނަ ކަމަށާއި ފައިދާ ރެކޯޑް ކުރެވޭ އަދަދު ވަކިން ހުށަހެޅުމަށް ދިން ލަފާގެ އަޑު ވެސް ކްލަބްތަކުން އަހާފައިވާ ކަމަށެވެ. އަދި އެންމެ ފުރަތަމަ މަސައްކަތް ފެށިއިރާ އަޅާކިޔާއިރު ސައްހަ ލިޔެކިޔުންތައް ހުށަހެޅުމުގެ ކަންތައްތަކުގައި 71 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ.

ޔުއެފާ އިން އޭރު ބުނީ އެފްއެފްޕީ އަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އަކީ ޔުއެފާގެ 54 ގައުމުގެ އެންމެ މަތީ ޑިވިޝަނުގައި ވާދަކުރާ ކްލަބްތަކުގެ މާލީ ހިސާބުތަކަށް ބަލާއިރު 2011 ވަނަ އަހަރު އެ ހުރިހާ ކްލަބެއްގެ ޖުމްލަ ދަރަނީގެ އަދަދު 1.7 ބިލިއަން ޔޫރޯގައި ހުރި ހުރުން ބޮޑުތަނުން މި ދިޔަ އަހަރުގެ ނިޔަލަށް މަދުކުރެވިފައިވުމެވެ. މިދިޔަ އަހަރު އެ ހުރިހާ ކްލަބެއްގެ ދަރަނި ރެކޯޑް ކުރެވިފައި ހުރީ 615 މިލިއަން ޔޫރޯގަ އެވެ.

އަހަރުން އަހަރަށް އެފްއެފްޕީ ގަވާއިދު ރިވިއު ކުރުމުގެ ފައިދާ ވެސް ފެންނަ ކަމަށް ޔުއެފާ އިން ވަނީ ބުނެފަ އެވެ. އެ ގޮތުން ގިނަ ކްލަބްތަކުން ލިބޭ އާމްދަނީ އަށް ވުރެ އިތުރަށް ލޯން ނަގައިގެން ހަރަދުކޮށްފައިވާތީ ކްލަބްތައް ބަގުރޫޓްވާ ހާލަތުގައި އޮއްވައި ސަލާމަތްކޮށްފައިވާ ކަމަށް ޔުއެފާ އިން ވަނީ ބުނެފަ އެވެ.

އެފްއެފްޕީގެ އެންމެ މުހިއްމު އަސާސަކީ ފީފާގެ އެންމެ ބޮޑު ސްލޯގަން "ފެއާޕްލޭ" ދެމެހެއްޓުމެވެ. ހުރިހާ ބަޔަކަށް އެއް ހަމައެއްގައި ވާދަކުރުމުގެ ފުރުސަތު ތަނަވަސްވެފައި އޮންނަ އޮތުން ރެގިއުލޭޓް ކުރެވޭނެ ގޮތްތަކެއް ހެދުމެވެ. އެފްއެފްޕީގެ ތެރެއިން ހާސިލްވި އަނެއް ކަމަކީ ކުޅުންތެރިންގެ މުސާރަ ވެސް ކޮންޓްރޯލް ކުރެވުމެވެ.

މުއްސަނދި އަދި މަޝްހޫރު ކްލަބްތަކުގެ ނުފޫޒު

ނަން މަޝްހޫރު ކްލަބްތަކަށް އެފްއެފްޕީގެ ތެރެއިން އަދަބު ދެވިފައިނުވި ނަމަވެސް ބައެއް މަހުޖަނުން ހިންގި ކްލަބްތަކަށް ވަނީ އެފްއެފްޕީގެ ދަށުން ފިޔަވަޅު އަޅައިފަ އެވެ. އެ ގޮތުން ގަތަރުގެ މަހުޖަނު ނާސިރު އެލް ހެއްލާފީ ހިންގަމުން އަންނަ ޕީއެސްޖީ އާއި ޔޫއޭއީގެ ބިލިއަނަރު ހަލްދޫން މުބާރަކް ހިންގާ މެންޗެސްޓާ ސިޓީ އަކީ އެފްއެޕްޕީން ގިނަ މައްސަލަތަކެއް ބެލި ދެ ކްލަބެވެ.

އެ ދެ ކްލަބްގެ މައްސަލައެއް ބަލަން ފަށާ ކޮންމެ ފަަހަރަކު ތުހުމަތުގެ އިނގިލި ދިއްކުރަނީ ބޮޑެތި ކްލަބްތަކަށެވެ. ރެއާލް މެޑްރިޑް، ބާސެލޯނާ، މެންޗެސްޓާ ޔުނައިޓެޑް، ލިވަޕޫލް، ޔުވެންޓަސް އަދި ބަޔާން މިއުނިކަށެވެ. އެ ތުހުމަތަށް ބޮޑެތި ކްލަބްތަކުން އިންކާރު ކުރަނީ ސިޓީ އާއި ޕީއެސްޖީ އަށް މިހާތަނަށް ބޮޑު އަދަބެއް ދީފައިނުވާތީ އެވެ. އެއީ ސިޓީ އާއި ޕީއެސްޖީ އެއް ސީޒަނަށަށް ޔޫރަޕްގައި ވާދަނުކުރެވޭ ގޮތަށް ތަކުރާރުކޮށް މަޝްވަރާކުރި ނަމަވެސް ޔުއެފާ އިން އެ ގޮތަށް އެކަން ކޮށްފައިނުވާތީ އެވެ.

އެފްއެފްޕީ އުފެދުނު ފަހުން ޔުވެންޓަސް އިން ވަނީ ޖެހިޖެހިގެން އަށް ފަހަރު އިޓާލިއަން ލީގު ކާމިޔާބުކޮށްފަ އެވެ. ބަޔާނުން ޖެހިޖެހިގެން ހަތް ފަހަރު ޖަރުމަނު ލީގު ކާމިޔާބުކުރިއިރު، ޕީއެސްޖީން ވަނީ ހަތް އަހަރުގެ ތެރެއިން ހަ އަހަރު ފްރެންޗް ލީގު ތަށި އުފުލާލައިފަ އެވެ. އަދި އެފްއެފްޕީ ވުޖޫދުވި ފަހުން މިހާތަނަށް ސްޕެނިޝް ލީގުގައި ބާސެލޯނާ އާއި ރެއާލް މެޑްރިޑް ނޫން ކްލަބަކަށް ލީގު ކާމިޔާބު ކުރެވުނީ އެންމެ ފަހަރަކު އެވެ. އެއީ 2014 ވަަނަ އަހަރެވެ.

ޝެފީލްޑް ހާލުމް ޔުނިވާސިޓީގެ ފުޓްބޯޅަ ފައިނޭންސް އެކްސްޕާޓް ރޮބް ވިލްސަން ބުނީ އެފްއެފްޕީ ކަހަލަ ގަވާއިދެއް ނެތްނަމަ އެތައް މައްސަލަތަކެއް ފެންނާނެ ކަމަށާއި އެކަމަކު އެ އޮތުމަކީ ހުރިހާ މައްސަލައެއްގެ ނިމުން ކަމަށް ވެސް ބެލެވިގެން ނުވާނެ ކަމަށެވެ.

"ފުޓްބޯޅަ މާކެޓް ބިލިއަނުން އެތައް ގުނައަކަށް މައްޗަށް ދާއިރު މީގެ ވިސްނައިގެން ނުވާނެ އޮތް ގަވާއިދެއްގެ ސަބަބުން ހުރިހާ ކަމެއް ނިމުނީއޭ. މި ރެގިއުލޭޓްކުރާ ގޮތަށް އެބަޖެހޭ ފާރަވެރިވާން. މީގައި ގޯސް ހެދިފައި އެބަހުރި އެކި ލެވެލްގައި އެކަމަކު އެ ރަނގަޅުކުރަން ކުރެވޭ މަސައްކަތުން ފުޓްބޯޅައިގެ ކުރިމަގަށް ކުރާ ފައިދާ ބަލަން ޖެހޭނީ." ވިލްސަން ބުންޏެވެ.

ޔޫރަޕްގެ މެދު ފަންތި އާއި އެންމެ އާދައިގެ ގައުމުތަކުގެ ލީގުތަކުގެ އެންމެ ބޮޑު ޝަކުވާ އަކީ އެފްއެފްޕީ އޮތް ކަމުގައި ވިޔަސް ބޮޑެތި ކްލަބްތަކުގެ ނުފޫޒު އަދި ވެސް ފުޓްބޯޅަ ތެރޭގައި އޮތުމެވެ. ޔޫރަޕްގެ ފުޓްބޯޅަ ރަނގަޅު ކުރަން އެފްއެފްޕީއާ އެކު ގެނެވުނު ބޮޑު ބަދަލާ އެކު ވެސް އަދި ވެސް އެންމެ އެކަށީގެންވާ ގޮތުގައި ކުރަން ޖެހޭ މަންފާ ނުކުރާ ކަމަށް އެ ކްލަބްތަކުން ގަބޫލުކުރެ އެވެ.