ޝެޑިއުލް މައްސަލައިގައި ގާޑިއޯލާ އާއި ކްލޮޕް އެއްގަލަކަށް

ލަންޑަން (ނޮވެމްބަރު 2) - ކުރިއަށް އޮތް ދެ މަސް ތެރޭ ގިނަ އަދަދެއްގެ މެޗުތައް ގާތްގާތުގައި ކުޅެން ޖެހޭތީ ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ފާޑުކިޔަމުން އަންނައިރު، އޭނާގެ ވާހަކަތަކަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވެސް ތާއީދުކޮށްފި އެވެ.


ކުރިއަށް އޮތް ދުވަސްތަކުގައި ޝެޑިއުލް އޮތްގޮތުން ލިވަޕޫލަށް ދެ މަސް ދުވަހުގެތެރޭ 15 ވަރަކަށް މެޗު ކުޅެން ޖެހިފައިވާއިރު، އެއީ ފަސް މުބާރާތެއްގެ މެޗުތަކެވެ. އިނގިރޭސި ޕްރިމިއާ ލީގާއި އިނގިރޭސި ލީގު ކަޕާއި އެފްއޭ ކަޕްގެ އިތުރުން ޗެމްޕިއަންސް ލީގާއި ކްލަބް ވޯލްޑް ކަޕް އެވެ. ލީގު ކަޕްގެ ކުއާޓާ ފައިނަލުގައި ލިވަޕޫލާއި އެސްޓަން ވިލާ ކުޅެން ޖެހޭ މެޗު ޝެޑިއުލް ކޮށްފައިވާ މުއްދަތުގައި ލިވަޕޫލް ތިބޭނީ ގަތަރުގައި ކްލަބް ވޯލްޑް ކަޕްގައި ކުޅޭށެވެ. ކްލޮޕް ވަނީ އެ މައްސަލައިގައި ހައްލެއް ނުލިބިއްޖެނަމަ ލީގު ކަޕުން ލިވަޕޫލް ވަކިވުމުގެ ފުރުސަތު އެބައޮތް ކަމަށް މީގެ ކުރިން ބުނެފަ އެވެ.

ލީގު ކަޕް ހިންގާ އީއެފްއެލް އިން ވަނީ އެ މެޗު ކުޅެން ރަނގަޅު ތާރީހެއް ލިވަޕޫލާ މަޝްވަރާކުރުމަށް ފަހު ނިންމާނެ ކަމަށް ބުނެފަ އެވެ. ވާހަަކަ ދެކެވުނު އެއްގޮތަކީ ރޭވިފައި އޮތްގޮތަށް ކުރިއަށްދާއިރު ލިވަޕޫލްގެ ދެ ޓީމެއް ކްލަބް ވޯލްޑް ކަޕާއި ލީގު ކަޕްގައި ކުޅޭ ގޮތަށެވެ. އެކަމަކު ކްލޮޕް ވަނީ އެ ގޮތަށް އަމަލުނުކުރާނެ ކަމަށް ބުނެފަ އެވެ.

"އަހަރެމެންނަށް ކުޅުންތެރިން ގޭގައި ނުބެހެއްޓޭނެ ކަރަބާއޯ ކަޕްގައި ކުޅޭކަށް. މީގައި ގޮތެއް ނިންމަން އެބަޖެހޭ އަދި ގޮތެއް ނުނިމުނަސް މީގެ ޖެހޭނީ ފުޓްބޯޅަ އަށް ފައިދާވާނެ ގޮތެއް ނިންމަން. އެންމެން ވެސް ވިސްނަން ޖެހޭނީ ކުޅުންތެރިންނާ މެދު،" ކްލޮޕް ބުންޏެވެ.

ކްލޮޕްގެ ވާހަކަތަކަށް ގާޑިއޯލާ ތާއީދުކުރާ އެންމެ ބޮޑު ސަބަބަކީ މިދިޔަ ދެ ސީޒަނުގައި ސިޓީން 118 މެޗު ކުޅެފައިވުމެވެ. ގާޑިއޯލާ ބުނީ މެޗުތައް ރާވާއިރު ކުޅުންތެރިންނާ މެދު ވިސްނަންޖެހޭނެ ކަމަށެވެ.

"އަހަރެން ކްލޮޕްގެ ވާހަކަތަކަށް ތާއީދުކުރަން. ފުޓްބޯޅައިގައި އަހަރެމެން ކަމެއް ހާސިލްކުރާނަމަ އެބަޖެހޭ ކުޅުންތެރިންގެ ފެންވަރު ހިފެހެއްޓޭނެ ގޮތެއް ބަލަން. އަހަރެމެން 48 ގަޑިއިރު ތެރޭ ދެ މެޗެއް ކުޅެން ޖެހުމަކީ އެންމެ ރަނގަޅަށް ރޭވިގެން ކުރިއަށްދާއިރު ކަންތައްތައް އޮންނަން ޖެހޭ ގޮތްކަމަށް ނުދެކެން،" ގާޑިއޯލާ ބުންޏެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އާ އަހަރާ ދިމާކޮށް ގިނަ މެޗުތަކެއް ކުޅޭތީ މީގެ ކުރިން ވެސް ގިނަ ކޯޗުން ވަނީ ޝަކުވާކޮށްފަ އެވެ. ކްލަބްތަކުގެ އެދުމާ އެކު އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ފެބްރުއަރީ މަހުގެ ތެރޭގައި ބްރޭކެއް ދޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

ލީގުގެ އެއް ވަނައިގައި ލިވަޕޫލް އޮތީ 10 މެޗުން 28 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ސިޓީ އަށް 10 މެޗުން ވަނީ 22 ޕޮއިންޓް ލިބިފަ އެވެ. ލީގުގައި މިރޭ ސިޓީ ކުޅޭ މެޗުގައި އަމިއްލަ ދަނޑުގައި ސައުތެމްޓަނާ ދެކޮޅަށް ކުޅޭއިރު، ލިވަޕޫލް ރަށުން ބޭރުގައި ނުކުންނާނީ އެސްޓަން ވިލާއާ ދެކޮޅަށެވެ.