24 ނޮވެމްބަރ 2019 - 09:30
މެންޗެސްޓާ (ނޮވެމްބަރު 24) – ކްރިސްޓަލް ޕެލަސް 2-1 އިން ބަލިކޮށް ލިވަޕޫލުން އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި މަގާމް ދަމަހައްޓައި އަދި މެންޗެސްޓާ ސިޓީން 2-1 އިން ޗެލްސީ ބަލިކޮށް ތިން ވަނަ އަށް އަރައިފި އެވެ.
ރަށުން ބޭރުގައި ރޭ ލިވަޕޫލް ކުޅުނު މެޗުގައި ސަޑިއޯ މާނޭ 49 ވަނަ މިނެޓުގައި ޖެހި ގޯލުން އެ ޓީމު ނަގާފައި އޮތް ލީޑު 82 ވަނަ މިނެޓުގައި ޕެލަސްގެ ވިލްފްރިއެޑް ޒަހާ ޖެހި ގޯލުން ގެއްލުނެވެ. ލިވަޕޫލް ސަލާމަތްކޮށްދިނީ 85 ވަނަ މިނެޓުގައި ރޮބާޓޯ ފިރްމީނިއޯ އެވެ.
އެ ޓީމު އެއް ވަނައިގައި އޮތީ 13 މެޗުން ހޯދި 12 މޮޅާ އެކު 37 ޕޮއިންޓް ހަމަކޮށްގެންނެވެ. ތާވަލުގެ ދެ ވަނައިގައި 29 ޕޮއިންޓާ އެކު އޮތީ ރަށުން ބޭރުގައި ބްރައިޓަން އަތުން 2-0 އިން މޮޅުވި ލެސްޓާ ސިޓީ އެވެ. މެންޗެސްޓާ ސިޓީ ތިން ވަނަ އަށް އެރީ 28 ޕޮއިންޓް ހަމަކޮށްގެންނެވެ. އަދި ކުރިން އެ މަގާމުގައި، 26 ޕޮއިންޓާ އެކު އޮތް ޗެލްސީ ހަތަރު ވަނަ އަށް ވަނީ ވެއްޓިފަ އެވެ.
ސިޓީގެ އިއްތިހާދު ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުގެ 21 ވަނަ މިނެޓުގައި އެންގޯލޯ ކާންޓޭގެ ގޯލުން ޗެލްސީ ލީޑު ނެގި އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިޓީން ނަތީޖާ އަނބުރާލި އެވެ. ގޯލްތައް ޖަހައިދިނީ ކެވިން ޑި ބްރޭނާ އާއި ރިޔާޒް މާރޭޒެވެ.
ޕްރިމިއާ ލީގުގައި އިއްޔެ އެންމެ ގިނަ ބަޔެއްގެ ސަމާލުކަން ލިބުނީ އެ ލީގުގައި ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑަށް ކުރިން ކޯޗުކޮށްދިން ހޯސޭ މޮރީނިއޯ ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗުގެ ގޮތުގައި ލީގަށް އެނބުރި އައި މެޗަށެވެ. ރަށުން ބޭރުގައި ކުޅެ ޓޮޓެންހަމް ވަނީ މި މެޗުން ވެސްޓް ހޭމް ޔުނައިޓެޑް އަތުން 3-2 އިން މޮޅުވެފަ އެވެ. ސޮން-ހެއުން މިން އާއި ލޫކަސް މޯރާ އަދި ހެރީ ކޭންގެ ގޯލްތަކުން ޓޮޓެންހަމް ލީޑު ނަގާފައި އޮއްވާ ވެސްޓް ހޭމް އަށް ތަފާތު ކުޑަކޮށްދިނީ ސްޓީވް ކުކް އާއި ސިމޮން ފްރަންސިސް އެވެ.
މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދިޔަ ނަމަވެސް މި ސީޒަނުގައި ނަތީޖާ ދަށްވުމުން މައުރީސިއޯ ޕޮޗެޓީނޯ މަގާމުން ވަކިކޮށް މޮރީނިއޯއާ ހަވާލުކުރި އެ ޓީމު މި ވަނީ 17 ޕޮއިންޓާ އެކު ނުވަ ވަނަ އަށް އަރައިފަ އެވެ. އެކަމަކު 16 ޕޮއިންޓާ އެކު 10 ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑް މިރޭ ޝެފީލްޑް ޔުނައިޓެޑް އަތުން މޮޅުވެއްޖެ ނަމަ ޓޮޓެންހަމް ވެއްޓޭނެ އެވެ.
ރޭ އާސެނަލް ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ސައުތުހެމްޓަންއާ 2-2 އިން ވީ އެއްވަރެވެ. މިއީ އެ ޓީމު ލީގުގައި ޖެހިޖެހިގެން މޮޅެއް ނުލިބި ދިޔަ ފަސް ވަނަ މެޗެވެ. އެ ޓީމު އޮތީ 18 ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ. ނަތީޖާތައް ގޯސްވުމުން ކޯޗު އުނާއީ އެމެރީގެ މަގާމް ގެއްލުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޭޑީ ބޯއީ
24 November 2019
މި ވީއޭއާރު އަކީ ސީދާ ލިވަޕޫލް އަށް ބައިޔަތު ހިފަފާފަ ހުންނަ އެއްޗެއް. ލިވީއޭރޕޫލް!!!
ރަދީފް
24 November 2019
ވީއޭއާރް އޮތީ ޓޭބަލްގެ ކިތައްވަނައިގަ ބާ؟؟! މޮޅެއް ހޯދި ހުރިހާ ކްލަބްތަކުގެ ފޭނުންނަށް ވަރަށް މަރުހަބާ.
ޔޫ ނެވަރ ވޯކް އެލޯން
24 November 2019
ޖީޖީ އީޒީ