ނޭމާ ވިއްކާނެ އަގު ކަނޑައަޅާނީ ފީފާ އިން

ބާސެލޯނާ (ޖެނުއަރީ 3) - ޕީއެސްޖީގެ ތަރި ނޭމާ މި ސީޒަނަށް ފަހު އެ ޓީމު ދޫކޮށްލަން ބޭނުންވެއްޖެނަމަ އޭނާ ވިއްކާލާނެ އަގު ކަނޑައަޅާނީ ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާ އިން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.


ބާސެލޯނާ ދޫކޮށް 2017 ވަނަ އަހަރު އޮގަސްޓް މަހު ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 246 މިލިއަން ޑޮލަރަށް ޕީއެސްޖީ އަށް ބަދަލުވި ނޭމާ މި ސީޒަން ފެށުމުގެ ކުރިން ކުރީގެ ކްލަބް ބާސެލޯނާ އަށް ބަދަލުވާން ގިނަ ގޮތްގޮތުން މަސައްކަތްކުރި އެވެ. އެކަމަކު ބާސެލޯނާ އަށް ގަނެވޭ ވަރަށް ވުރެން ބޮޑުކޮށް ޕީއެސްޖީން އަގު ކިޔާތީ އެ ޑީލު ކުރިއަށް ނުދިޔަ އެވެ. ޕީއެސްޖީ ދޫކޮށްލަން ނޭމާ އުޅުނު ގޮތުން އެ ޓީމުގެ ސަޕޯޓަރުންގެ ނުރުހުންވުން ވަނީ އޭނާ އަށް އަމާޒުވެފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ފާއިތުވި ހަފްތާގައި ބާސެލޯނާގެ ބޯޑް މެމްބަރުން ބޭއްވި ބައްދަލުވުމުގައިވަނީ މި ސީޒަނަށް ފަހު ނޭމާ ގެނައުމުގެ މަސައްކަތް ވަރުގަދަކުރަން ނިންމައިފަ އެވެ. އަދި މި ފަހަރު ބާސެލޯނާ އިން މި ޑީލާ މެދު ބޮޑު އުއްމީދެއްގައި ތިބީ ފީފާގެ އާ ގަވާއިދުގެ އެހީގައި އެކަން ކުރެވޭނެ މަގު އޮތުމުންނެވެ.

ޕީއެސްޖީއާ އެކު ނޭމާ ސޮއިކުރި ކޮންޓްރެކްޓްގައި އެ އެއްބަސްވުން އުވާލާނެ އަގެއް ހިމަނާފައިނުވެ އެވެ. ދާދި ފަހުން ފީފާއިން އެކުވާލި އާ ޓްރާންސްފާ ގަވާއިދުގައިވާ ގޮތުން އެއްބަސްވުން އުވާލަން ދައްކަން ޖެހޭ އަދަދު (ރިލީސް ކްލޯސް) ނުހިމަނައި ހަދާ ކޮންޓްރެކްޓްތަކުގެ ފުރަތަމަ ތިން އަހަރު ހަމަވުމާ އެކު ކުޅުންތެރިޔާ ކްލަބް ބަދަލުކުރަން ބޭނުންވެއްޖެނަމަ އެ ކުޅުންތެރިޔާ ވިއްކާނެ އަގެއް ކަނޑައަޅާނީ ފީފާއިންނެވެ. އެއީ ކުޅުންތެރިޔާގެ ސަލާމަތެއްގެ ގޮތުގައި ފީފާ އިން އެކުލަވާލި ގަވާއިދެކެވެ. އަދި އެއީ ފަހަކަށް އައިސް ކުޅުންތެރިން ލައްވައި ރިލީސް ކްލޯސް ނުލައި ކޮންޓްރެކްޓް ހަދާ މިންވަރު އިތުރުވަމުން އަންނާތީ ގެނައި ބަދަލެކެވެ.

ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ފީފާ އިން ނޭމާގެ ކޮންޓްރެކްޓަށް ބެލުމަށް ފަހު އޭނާގެ އަގު ކަނޑަޅާއިރު އެ އުޅޭނީ 185 މިލިއަން ޑޮލަރުގަ އެވެ. މި އަގަކީ މި ސީޒަން ފެށުމުގެ ކުރިން ބާސެލޯނާ އަށް ދެވެން ނެތް އަގެއް ކަމުގައި ވިޔަސް އަންނަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާ އަށް އެ އަގު ދެއްކޭނެ އެވެ. ބާސެލޯނާ އަށް މި ސީޒަނުގައި ނޭމާ ގަތުމުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ބޮޑު އަގުގައި އެތުލެޓިކޯ މެޑްރިޑުން އެންޓޮއިން ގްރީޒްމަން ގަނެފައިވާތީ އެއް ޓްރާންސްފާ މާކެޓްގައި ގަވާއިދުގެ ތެރެއިން ބޮޑު އަގުގައި ދެ ކުޅުންތެރިޔަކު ގަނެވެން ނެތުމެވެ.

އުމުރުން 27 އަހަރުގެ ނޭމާ އަށް މި ސީޒަނުގައި އޭނާގެ އެންމެ ރަނގަޅު ކުޅުން ދައްކަން ވަނީ އުނދަގޫވެފަ އެވެ. އަދި އަނިޔާވުމުގެ ސަބަބުން ގިނަ މެޗުތަކެއް ވަނީ ގެއްލިފަ އެވެ.