ލަނޑު ޖެހުމަށް ފަހު ޗެލްސީގެ ޖިރޫޑް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
23 ފެބުރުއަރީ 2020 - 09:15
ލަންޑަން (ފެބްރުއަރީ 23) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭގެ މެޗުތަކުން މޮޅުވެ ޗެލްސީ އާއި މެންޗެސްޓާ ސިޓީން އެ ދެ ޓީމު ދަމަހައްޓަމުން އައި މަގާމުގައި ލީޑެއް ނަގައިފި އެވެ.
އަމިއްލަ ދަނޑުގައި ޗެލްސީ ވަނީ 2-1 އިން ޓޮޓެންހަމް ހޮޓްސްޕާސް ބަލިކޮށްފަ އެވެ. ލެސްޓާ ސިޓީ ދަނޑުގައި ކުޅުނު މެޗުން މެންޗެސްޓާ ސިޓީ މޮޅުވީ 1-0 އިންނެވެ.
ސިޓީ އަށް ލިބުނު މޮޅާ އެކު އެ ޓީމުން ވަނީ ދެ ވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ސިޓީ އަށް 27 މެޗުން 57 ޕޮއިންޓް ލިބިފައިވާއިރު، ލެސްޓާ އަށް 27 މެޗުން ހަމަކުރެވުނީ 50 ޕޮއިންޓެވެ. ހަތަރު ވަނައިގެ ރޭހުގައި ޗެލްސީން ވަނީ ރޭ ހަތަރު ޕޮއިންޓަށް ލީޑުފުޅާކޮށްފަ އެވެ. ޗެލްސީ އަށް 27 މެޗުން 44 ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަނައިގައި އޮތް ޓޮޓެންހަމްގެ އޮތީ 27 މެޗުން 40 ޕޮއިންޓެވެ. އަދި ރޭ އަމިއްލަ ދަނޑުގައި 1-1 އިން ބްރައިޓަންއާ އެއްވަރުވި ޝެފީލްޑް ޔުނައިޓެޑް ހަ ވަނައިގައި އޮތީ 27 މެޗުން 40 ޕޮއިންޓް ހަމަކޮށްގެންނެވެ.
ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލިވުމުން ޗެލްސީން ރޭގެ މެޗަށް ނުކުތީ ޓޮޓެންހަމް ބަލިކޮށް އަލުން ފޯމަކަށް އެޅުމަށެވެ. ގިނަ ދުވަސްތަކަކަށް ފަހު ފުރަތަމަ އެގާރައިގައި ފްރާންސްގެ އޮލިވިއޭ ޖިރޫޑް ހިމަނައިގެން ޗެލްސީން ނުކުތް މި މެޗުގައި އެ ޓީމަށް ލީޑުނަގައިދިނީ ވެސް އޭނާ އެވެ. ފުރަތަމަ ހާފުގައި ޓޮޓެންހަމުން އެއްވަރުކުރަން ކުރި މަސައްކަތް ކާމިޔާބުނުވެދިޔައިރު، ދެ ވަނަ ހާފް ފެށިގެން ތިން ވަނަ މިނިޓްގައި ޓޮޓެންހަމަށް ލީޑުފުޅާކޮށްދިނީ މާކޯސް އަލޮންސޯ އެވެ.
ޓޮޓެންހަމުން މި މެޗުގައި ޖެހި ގޯލަކީ މެޗުގެ ފަހު މިނިޓްގައި ޗެލްސީގެ ޖަރުމަނު ޑިފެންޑަރު އެންޓޯނިއޯ ރޫޑިގާ ފައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލެކެވެ.
މި މޮޅާ އެކު ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ވަނީ ކޯޗިން ކެރިއަރުގައި ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯއާ ދެކޮޅަށް ނުކުތް ތިން ފަހަރު ވެސް މޮޅުވެފަ އެވެ. ޓޮޓެންހަމް އަތުން މި ފަހަރު ލީގުގައި ދެ ފަަހަރު ވެސް ޗެލްސީ މޮޅުވިއިރު، މިއީ މިދިޔަ 14 އަހަރު ތެރޭ ލީގުގައި އެކަން ހާސިލްވި ފުރަތަމަ ފަހަރެވެ. އެކަމަކު މި ހުރިހާ ކަމެއްގައި ކުރި ލިބުނަސް ލަމްޕާޑް ހިތްހަމަ ނުޖެހުނީ ރޭ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ވެސް ޓޮޓެންހަމްގެ ޖިއޮވާނީ ލޮ ސެލްސޯ ކުރި ނުރައްކާތެރި ފައުލަށް ރަތް ކާޑެއް ނުދެއްކުމުންނެވެ.
ވީއޭއާރް މައްސަލައިގައި ރޭ ލެސްޓާ އިން ވެސް ވަރަށް ބޮޑަށް ހިތްހަމަނުޖެހުނެވެ. އެއީ އޭރިއާ ތެރެއިން ކެވިން ޑިބްރޭނާ އަތުގައި ޖެހުނު ބޯޅައެއްގައި ޕެނަލްޓީ ނުދިނުމުންނެވެ. އެކަމަކު ލެސްޓާގެ ޑެނިސް ޕްރައެޓް އަތުގައި ޖެހުނު ބޯޅައެއްގައި ސިޓީ އަށް ޕެނަލްޓީ ދިނެވެ. އެ ޕެނަލްޓީން ސިޓީގެ ސާޖިއޯ އަގުއޭރޯ ޖެހި ބޯޅަ ލެސްޓާގެ ކީޕަރު ކެސްޕާ ޝްމައިކަލް ވަނީ މަތަކޮށްފަ އެވެ. މި މެޗުގައި ސިޓީގެ ހަމައެކަނި ގޯލު ޖެހީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި ގަބްރިއެލް ޖީސޫސް އެވެ. މެޗުގެ ކުރީކޮޅުގައި ލެސްޓާ އަށް ލީޑުނަގައިދޭން ޖޭމީ ވާޑީ ޖެހި ބޯޅައެއް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
ސިޓީން އެންމެ ފަހުން ފޮނުވާލި ހަތަރު ޕެނަލްޓީ ވެސް ނާކާމިޔާބުވެފައިވާއިރު، މިއީ އޮތް ކަންބޮޑުވުމެއް ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗެލްސީ ފޭން ބޭސް
23 February 2020
ޕްރިމިއާ ލީޣްގަ މިިސީޒަނުގައެންމް ރަނގަޅު ކުރިއެރުމެއް ހޯދި ކުލަބަކީ ރާއްޖޭގެ އެންމެ ސަޕޯޗަރުންގިނަ ކުލަބް ޗެލްސީ.ތޮޓެންހަމް ހީކުރީ ޗަމްޕިއަންސްލީގްގެ ފައިނަލް ކުޅެވުނީމަ ބޮންތިއަށް އެރުނީކަމަށް.މޮރީނިއޯއަށް ޓޮޓްހަމް މޮޅުކުރުން ފަސޭހަނުވާނެ.ޗެލްސީ ހޮޕ ހޮޕް.
ރަދީފް
23 February 2020
ތޮޓެންހަމް.ޕަކާސް.
ޕްލާސްޓިކް ފޭން ބޯއީސް
26 February 2020
ރާއްޖޭގަ އެންމެ ސަޕޯޓަރުން ގިނަވާނީ މެންޗެސްޓަރ ޔުނައިޓެޑްގަ، ދެން ލިވަޕޫލް، އަދި އެއަށް ފަހު ރެއާލް މެޑްރިޑް ދެން އާސެނަލް. ޗެލްސީގެ އަސްލު ސަޕޯޓަރުންނެއް ނުވެސް ތިބޭނެ، ޗެލްސީއަށް ސަޕޯޓްކުރަނީ 2005 ގެ ފަހުން ފުޓުބޯޅަ ބަލަން ފެށި ޕްލާސްޓިކް ފޭން ބޯއީސް ކިޔާ ބައެއް، ޗެލްސީ މެންޗެސްޓަރ ސިޓީ، ބާސެލޯނާ އަދި ޕީ.އެސް.ޖީ އަށް ސަޕޯޓްކޮށް އުޅެނީ އިއްޔެ މެންދުރު ފުޓުބޯޅަ ފެނިގެން އުޅޭ ޕްލާސިޓިކު ފޭނުން. އެމީހުންނަށް ފުޓުބޯޅަ ފެނުނީ 2005 އާ 2008 ހިސާބުގަ