މެޗު ދިޔައީ އަހަރެންގެ ޕްލޭނާ އެއްގޮތަށް: މޮރީނިއޯ

ލިވަޕޫލް (އޮކްޓޯބަރު 18) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ލިވަޕޫލާ ލަނޑެއް ނުޖެހި އެއްވަރުވި މެޗު ދިޔައީ ޕްލޭނާ އެއްގޮތަށް ކަމަށާއި ނަތީޖާއާ މެދު ހިތްހަމަޖެހޭ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.


ރޭގެ މެޗުން ޔުނައިޓެޑް އެއްވަރުވިއިރު ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުން ޔުނައިޓެޑަށް ހޯދުނީ އެންމެ މޮޅެކެވެ. ލިވަޕޫލް ރޭގެ މެޗަށް ނުކުތްއިރު އެންމެ ފަހުން ލީގުގައި ކުޅުނު ހަތަރު މެޗުން ވެސް ވަނީ މޮޅުވެފަ އެވެ.

މޮރީނިއޯ ބުނީ ޓާގެޓް ހާސިލްވެއްޖެކަމަށާއި ބޭނުންވީ ލިވަޕޫލް ހުއްޓުވަން ކަމަށެވެ.

"އަހަރެމެން މެޗު ކޮންޓްރޯލްކުރީ. ޓެކްޓިކަލީ އެއް ނޫން. އެހެން ހުރިހާ ގޮތަކުން އަހަރެމެންގެ މަސައްކަތް ރަނގަޅު. ގިނަ ބަޔަކަށް ހީވެފައި އޮތީ ޔުނައިޓެޑް ބަލިވާނެކަމަށް. އެކަމަކު މި ވަގުތު ޔުނައިޓެޑް އޮތް ފޯމަށް ބަލާއިރު މިއީ މުހިއްމު ޕޮއިންޓެއް. އެއީ ވާދަވެރި ޓީމުތަކާ މާބޮޑު ފަރަގެއް ނެތުމުން،" މޮރީނިއޯ ބުންޏެވެ.

ލިވަޕޫލުން ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއް ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ ވަނީ މަތަކޮށްފަ އެވެ. މޮރީނިއޯ ބުނީ ޑެހެއާ އެކޭ އެއްވަރަށް ރޭގެ މެޗުގައި ހުރިހާ ކުޅުންތެރިން ކުރި މަސައްކަތް ވެސް ފާހަގަކުރާ ކަމަށެވެ.

"ޑެހެއާގެ ދެ ސޭވް މޮޅު. އެއީ މެޗުގެ އެއް ފަރާތް. އެކަމަކު މުޅި ޓީމު ޑިސިޕްލިންވެ ތިބެ އެކުރި މަސައްކަތް އެބަޖެހޭ ފާހަގަކުރަން. ފެލައިނީ އާއި ހެރޭރާ އަދި ޔަންގް ވެސް ވަރަށް މަސައްކަތްކުރި،" މޮރީނިއޯ ބުންޏެވެ.

ރޭގެ މެޗުން މޮޅުވެގެން ލިވަޕޫލަށް ލީގުގެ އެއް ވަނަ އަށް އެރުމުގެ ފުރުސަތު އޮތެވެ. ލިވަޕޫލް މި ވަގުތު ލީގުގެ ހަތަރު ވަނައިގައި އޮތީ އަށް މެޗުން 17 ޕޮއިންޓާ އެކު އެވެ. ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް އަށް މެޗުން ލިބިފައިވަނީ 19 ޕޮއިންޓެވެ.

ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނީ ރޭގެ މެޗުގެ ނަތީޖާއާ މެދު ހިތްހަމަ ނުޖެހޭ ކަމަށެވެ.

"ބޯޅަ ހިފަހައްޓައިގެން ކުޅުނު ވަގުތަށް ބަލާއިރު އަހަރެމެން ކުރީގައި އޮތަސް މިއީ އަހަރެން އެންމެ އުފާކުރާނެ ނަތީޖާއެއް ނޫން. މޮޅެއް ހޯދޭ ފެންވަރަށް ލިވަޕޫލުން ފުރުސަތު ތަނަވަސް ނުކުރޭ. ޑެހެއާ ކުރި ސޭވްތައް މޮޅު. އެކަމަކު ހަމައެކަނި އެ ވާހަކަ ދައްކައިގެން ފަރުޖައްސާލެވެން ނެތް. އެއީ މޮޅުވާން ބޭނުންނަމަ މިއަށް ވުރެން ރަނގަޅު އެޓޭކިން ގޭމެއް އަހަރެމެން ކުޅެން ޖެހޭ،" ކްލޮޕް ބުންޏެވެ.

އޭނާ ބުނީ ރޭގެ މެޗުގެ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ގިނަ މެޗުތަކަކަށް ފަހު ބައިކޮޅަށް ލަނޑެއް ނުވަނުން ކަމަށެވެ. އަދި ލިވަޕޫލްގެ ކީޕަރު ލޮރިސް ކާރިއަސް އަންނަނީ ވަރަށް ހަލުވި ސްޕީޑެއްގައި އިނގިރޭސި ލީގަށް ހޭނެމުން ކަމަށް ކްލޮޕް ބުންޏެވެ.