ރޭގެ މެޗުގައި ލަނޑު ޖެހުމަށް ފަހު ބަޔާން ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
17 ޖޫން 2020 - 09:02
މިއުނިކް (ޖޫން 17) - ރަށުން ބޭރުގައި 1-0 އިން ވާޑާ ބްރެމެން ބަލިކޮށް ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ޖެހިޖެހިގެން އަށް ވަނަ ފަހަރަށް ހޯދައި ބަޔާން މިއުނިކުން އިޓަލީގެ ޔުވެންޓަސް އިން ގާއިމްކޮށްފައިވާ ޔޫރަޕުގެ ރެކޯޑަކާ ހަމަކޮށްފި އެވެ.
ޔޫރަޕްގެ ބޮޑު ފަސް ލީގު (އިންގްލެންޑް، ސްޕެއިން، އިޓަލީ، ޖަރުމަނު، ފްރާންސް)ގެ ތެރެއިން ޖެހިޖެހިގެން އަށް ފަަހަރު ލީގުގެ ޗެމްޕިއަންކަން ހޯދުމުގެ ރެކޯޑް އޮތީ މީގެ ކުރިން ޔުވެންޓަސް އަތުގައި އެކަންޏެވެ. ބަޔާނަކީ އެ ރެކޯޑް ގާއިމްކުރި ދެ ވަނަ ޓީމެވެ.
ބަޔާނުން ބާކީ ދެ މެޗު އޮއްވައި ލީގުގެ ޗެމްޕިއަންކަން ހޯދީ 32 މެޗުން 76 ޕޮއިންޓް ހަމަކޮށްގެންނެވެ. ބަޔާން މި ވަގުތު އެއް ވަނައިގައި 10 ޕޮއިންޓުގެ ލީޑަކާ އެކު އޮތްއިރު ދެ ވަނައިގައި އޮތް ޑޯޓްމަންޑަށް 31 މެޗުން ލިބިފައިވަނީ 66 ޕޮއިންޓެވެ.
ބްރެމެން ދަނޑުގައި ރޭ ކުޅުނު މެޗުގެ ހަަމައެކަނި ގޯލު މެޗުގެ 43 ވަނަ މިނިޓްގައި ކާމިޔާބުކުރީ ޕޮލެންޑުގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ އެވެ. ލެވަންޑޯސްކީ ވަނީ މި ފަަހަރު ލީގުގައި ޖެހި 31 ވަނަ ގޯލާ އެކު ކުރިން ޑޯޓްމަންޑަށް ކުޅުނު ޕިއޭ އެމެރިކް އޮބާމަޔަން ހެދި ރެކޯޑާ ހަމަކޮށްފަ އެވެ. މީގެ ކުރިން ލީގުގައި އެ އަދަދަށް ލަނޑު ޖެހި ޖަރުމަނު ނޫން އެހެން ގައުމަކަށް ނިސްބަތްވާ ހަމައެކަނި ކުޅުންތެރިއަކީ އޮބާމަޔަން އެވެ. އޭނާ އެ އަދަދަށް ގޯލު ޖެހީ 2016-2017 ގެ ސީޒަނުގަ އެވެ.
ކޮވިޑް-19 ގެ މެދުކެނޑުމަށް ފަހު އެންމެ ފުރަތަމަ ފެށި ވަރުގަދަ ލީގު ކަމަށްވާ ޖަރުމަނު ލީގު މިދިޔަ މަހުގެ ކުރީކޮޅުގައި ފެށިއިރު ބަޔާނުން ވަނީ ކުރިން މޮޅުވަމުން އައި ފޯމު ދަމަހައްޓައިފަ އެވެ. ބަޔާން ވަނީ ލީގުގައި އެންމެ ފަހުން ކުޅުނު 11 މެޗުން މޮޅުވެފަ އެވެ. ބަޔާނުން ރޭގެ މެޗު ނިންމާލަން ޖެހުނީ ފަހުކޮޅުގައި އަލްފަންސޯ ޑޭވިސް އަށް ދެއްކި ރަތް ކާޑުގެ ސަބަބުން އެއް ކުޅުންތެރިއަކު މަދުކޮށެވެ.
ބަޔާނުން މި ސީޒަން ފެށީ ކްރޮއޭޝިއާގެ ކޯޗު ނިކޯ ކޮވަޗްއާ އެކު އެވެ. އެކަމަކު އޭނާގެ ކޯޗުކަމުގައި މި ސީޒަނުގެ ކުރީކޮޅުގައި ނަތީޖާ ނެރުމުގައި ގިނަ މައްސަލަތަކެއް ދިމާވެ ބަޔާނުން ވަނީ ކޮވަޗް ވަކިކޮށް ނޮވެމްބަރު މަހު ހަންސީ ފްލިކްއާ އެ ޓީމު ހަވާލުކޮށްފަ އެވެ. ކުރިން އެސިސްޓަންޓަކަށް ހުރި ފްލިކްގެ މަސައްކަތް ރަނގަޅުވުމުން ފަހުން ބަޔާނުން ވަނީ އޭނާ އަށް ދާއިމީ ކޮންޓްރެކްޓެއް ދީފަ އެވެ.
"ބަޔާނުގެ އުއްމީދުތައް އަބަދުވެސް ހުންނާނީ އެންމެ އުހުގައި. އެހެންވީމަ އަހަރެން ޖެހޭ މި ޓީމުގައި ހުންނައިރު ތަށި ހޯދަން. ބޭނުންވަނީ މި ކާމިޔާބީގެ އަލީގައި ކުރިއަށްދާން،" ޖަރުމަނު ގައުމީ ޓީމު 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރިއިރު އެސިސްޓަންޓް ކޯޗަކަށް ހުރި ފްލިކް ބުންޏެވެ.
ރޭ ޔޫނިއަން ބާލިން އަތުން 1-0 އިން ބަލިވުމުން ލީގުގެ އެންމެ ފުލުގައި އޮތް ޕާޑެބޯން ވަނީ ރެލިގޭޓްވެފަ އެވެ. ލީގުގައި ކުޅުނު 32 މެޗުން ޕާޑެބޯން އަށް ލިބިފައިވަނީ 20 ޕޮއިންޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝިއަލް
17 June 2020
މަރުހަބާ ބަޔާން.