ޓޮޓެންހަމަށް ޔުނައިޓެޑް ފަަހަތަށް ޖައްސައިލެވިދާނެ: މޮރީނިއޯ

ލަންޑަން (ޖޫން 19) - އިނގިރޭސި ޕްރިމިއާ ލީގު ކޮވިޑް-19ގެ ސަބަބުން މާޗް މަހު މެދުކަނޑާލިއިރު އޮތް ހާލަތު މިހާރު ބަދަލުވެފައިވާ ކަމަށާއި ރަނގަޅަށް މަސައްކަތްކޮށްފިނަމަ ޓޮޓެންހަމް ހޮޓްސްޕާސް އަށް ގަދަ ހަތަރެއްގެ ރޭހުގައި މެންޗެސްޓާ ޔުނައިޓެޑް ފަހަތަށް ޖައްސާލެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.


ލީގުގައި މިރޭ އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ޓޮޓެންހަމް ނުކުންނާނެ އެވެ. މިއީ ކުރިން މާޗް މަހު ކުޅެން އޮތް މެޗެކެވެ. އެކަމަކު ކޮވިޑް-19 ގެ ސަބަބުން މެޗު ފަސްކުރަން ޖެހުނީ އެވެ. ކުރިން އޮތް ތާރީހުގައި ކުޅުނު ނަމަ ޔުނައިޓެޑާއި ޓޮޓެންހަމްގެ މުހިއްމު ކުޅުންތެރިންތަކަކަށް އަނިޔާގެ ސަބަބުން މި މެޗު ގެއްލޭނެ އެވެ. އެކަމަކު މިރޭގެ މެޗަށް އެ ކުޅުންތެރިން ވަނީ ފިޓްވެފަ އެވެ. އޭގެ ތެރޭގައި ޓޮޓެންހަމްގެ ހެރީ ކޭން އާއި ސޮން ހެއުން މިން އަދި މޫސާ ސިސޯކޯގެ އިތުރުން ޔުނައިޓެޑްގެ މާކަސް ރެޝްފޯޑް އާއި ޕައުލް ޕޮގްބާ ހިމެނެ އެވެ.

"މި މެޗު ކުރިން ކުޅެން އޮތް ތާރީހާއި މިހާރު މި އޮތް ހާލަތު ވަރަށް ތަފާތު. މީގައި ރަނގަޅު ކަންތައްތަކެއް ވެސް ގޯސް ކަންތައްތަކެއް ވެސް އެބަހުރި. ހަގީގަތަކީ އަހަރެމެން ދެ ޓީމު ވެސް ޗެލެންޖް މި ކުރަނީ ގަދަ ހަތަރަކަށް. އެ ޗެލެންޖަށް ބަލާއިރު އަހަންނަށް ފެންނަން އޮތް ބޮޑު މަންޒަރަކީ އެ މަގާމުތަކަށް ހަމަހަމަ ފުރުސަތެއް އޮތްކަން،" މެންޗެސްޓާގެ ކުރީގެ ކޯޗު މޮރީނިއޯ ބުންޏެވެ.

"މީގައި ބަލަން ޖެހޭ ޕޮއިންޓުގެ ފަރަގަށް ވެސް. އެކަމަކު ޕޮއިންޓަށް ބެލުމަށް ވުރެން މި ވަގުތު އަހަރެމެން ދެ ޓީމަށް ބަލާނަމަ އަހަރެމެންނަށް ޔުނައިޓެޑް ފަހަތައް ޖައްސާލެވިދާނެ."

ޕްރިމިއާ ލީގުގެ ގަދަ ހަތަރަކަށް އާންމުކޮށް ޗެމްޕިއަންސް ލީގުން ފުރުސަތު ލިބެ އެވެ. އެކަމަކު އަންނަ ސީޒަނަށް މި ވަގުތަށް ބަލާއިރު ހާލަތު ތަފާތެވެ. އެއީ މެންޗެސްޓާ ސިޓީ އަށް ޔޫރަޕްގެ މުބާރާތްތަކުގައި ކުރިއަށް އޮތް ދެ އަހަރުގައި ނުކުޅެވޭ ގޮތަށް ދީފައިވާ އަދަބު ކޯޓުން ދަމަހައްޓައިފިނަމަ ސިޓީގެ ބަދަލުގައި ޕްރިމިއާ ލީގުގެ ފަސް ވަނަ ޓީމަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ލިބޭނެ އެވެ.

މޮރީނިއޯ ބުނީ ސިޓީ އަށް އަދަބު ދޭނެ ކަމަށް ޔަގީން ނުވަނީސް އެއްވެސް ކަމެއް އޭނާ އަމިއްލަ އަށް ނުނިންމާނެ ކަމަށެވެ. އަދި އޭނާގެ ފޯކަސް އަކީ ފަސް ވަނައެއް ނޫން ކަމަށާއި ގަދަ ހަތަރެއް ކަމަށް ބުންޏެވެ.

ހަތަރެއްގައި މި ވަގުތު ޗެލްސީ އޮތީ 29 މެޗުން 48 ޕޮއިންޓާ އެކު އެވެ. ފަސް ވަނައިގައި އޮތް ޔުނައިޓެޑަށް 29 މެޗުން 45 ޕޮއިންަޓް ލިބިފައިވާއިރު، އަށް ވަނައިގައި ޓޮޓެންހަމް އޮތީ 29 މެޗުން 41 ޕޮއިންޓާ އެކު އެވެ. މިރޭގެ މެޗުން ތިން ޕޮއިންޓް ހޯދުން ޓޮޓެންހަމަށް މަޖުބޫރެވެ.

ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނީ ގަދަ ހަތަރެއްގައި ކުރިއަށް ދިއުމުގެ މަސައްކަތުގައި ޓޮޓެންހަމް އަތުން މޮޅުވުން ވަރަށް މުހިއްމު ކަމަށާއި އެކަަމަކު އެހާ ގިނަ ދުވަސްތައް ފަހުން ކުޅެން ފަށާއިރު އުނދަގޫތަކެއް ހުންނާނެ ކަމަށް ބުންޏެވެ.

އިނގިރޭސި ފުޓްބޯޅަ ސީޒަން މެދުކަނޑާލިއިރު ޔުނައިޓެޑް އެންމެ ފަހުން ކުޅުނު 11 މެޗުން ބަލިނުވެ އެވެ. އެކަމަކު ލީގުގައި އެންމެ ފަހުން ރަށުން ބޭރުގައި ކުޅުނު 18 މެޗުން ޔުނައިޓެޑަށް ލިބުނީ އެންމެ ހަތަރު މޮޅެވެ. ޔުނައިޓެޑަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެންމެ ފަހުން ޓޮޓެންހަމާ ދެކޮޅަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެފައިވުމެވެ.

ޓޮޓެންހަމް ދަނޑުގައި ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:15 ގަ އެވެ. އޭގެ ކުރިން 22:00 ޖަހާއިރު ސައުތެމްޓަން އާއި ނޯވިޗް ސިޓީ ކުޅޭނެ އެެވެ.