ލިވަޕޫލް 30 އަހަރަށް ފަހު ލީގު ޗެމްޕިއަންކަން ހޯދައިފި!

ލަންޑަން (ޖޫން 26) – ޗެލްސީ އަތުން މިރޭ 2-1 އިން މެންޗެސްޓާ ސިޓީ ބަލިވުމާ އެކު އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ލިވަޕޫލަށް ކަށަވަރުވެއްޖެ އެވެ.


މިއީ ލިވަޕޫލުން 1989/1990 ގެ ސީޒަނުގެ ފަހުން އިނގިރޭސި ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ. އަދި އެ ޓީމުން އިނގިރޭސި ޗެމްޕިއަންކަން ހޯދި ޖުމްލަ 19 ވަނަ ފަހަރެވެ. އެކަމަކު މިއީ 1992 ވަނަ އަހަރު އިނގިރޭސި ފުރަތަމަ ޑިވިޝަން، ޕްރިމިއާ ލީގަށް ރިބްރޭންޑްކުރި ފަހުން އެ ޓީމުން ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ލިވަޕޫލަށް ލީގު ކަށަވަރުވީ، ދެ ވަނައިގައި އޮތް ސިޓީ އަށް ބާކީ އޮތް ހަތް މެޗުން ލިވަޕޫލް އަތުލުމުގެ މެތެމެޓިކަލް ފުރުސަތު ގެއްލުމުންނެވެ. ލިވަޕޫލް 31 މެޗުން 86 ޕޮއިންޓް ހޯދާފައިވާއިރު ސިޓީ އަށް 31 މެޗުން ލިބިފައިވަނީ 63 ޕޮއިންޓެވެ. ބާކީ ހަތް މެޗުން ސިޓީ މޮޅުވިޔަސް އެއްކުރެވޭނީ 84 ޕޮއިންޓެވެ.

އަނެއްކޮޅުން އަމިއްލަ ދަނޑުގައި ހޯދި މި މޮޅާ އެކު، ހަތަރު ވަނައިގައި 54 ޕޮއިންޓް ހަމަކޮށް ޗެލްސީ މި ވަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގައެއް ކަށަވަރުކުރުމުގެ ފުރުސަތު ބޮޑުކޮށްފަ އެވެ. އެމެރިކާ ފޯވާޑް ކްރިސްޓިއަން ޕުލިސިޗްގެ ލަނޑުން އެ ޓީމު ކުރި ހޯދާފައިވަނިކޮށް ސިޓީގެ ކެވިން ޑި ބްރޭނާ އެއްވަރުކުރި މި މެޗުން ޗެލްސީ މޮޅުވީ 78 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ވިލިއަން ޖެހި ގޯލުންނެވެ. މިއީ ގޯލް ރޮނގު މަތިން، ފަހު ޑިފެންޑަރުގެ ގޮތުގައި ހުރެ ސިޓީގެ ފެނާންޑީނިއޯ ބޯޅައިގައި އަތްލުމުން ރަތްކާޑަކާ އެކު ދިން ޕެނަލްޓީއެކެވެ.

މި ސީޒަން ފެށުނީއްސުރެ ލީގު ޑޮމިނޭޓްކުރަމުން އައި ލިވަޕޫލް ސީޒަން ދެބައިވީއިރު ބޮޑު ފަރަގަކުން އެއް ވަނައިގައި އޮތުމުން އެ ޓީމު ތަށި ހޯދާނެކަން އޮތީ ޔަގީނާ ގާތަށް ކަށަވަރުކުރެވިފަ އެވެ. އެކަމަކު އެ ޓީމަށް ޗެމްޕިއަންކަން ކަށަވަރުނުކުރެވި ދުވަސްތައް ފާއިތުވީ، ކޮވިޑް-19 އާ ގުޅިގެން މާޗު މަހު ލީގު މެދުކަނޑާލުމުންނެވެ. ލީގު އަލުން ފެށޭ ގޮތްނުވެ، ކެންސަލްކޮށް ލިވަޕޫލަށް ތަށި ހޯދުމުގެ ފުރުސަތު ގެއްލިދާނެ ކަމުގެ ބިރު ވެސް ހީވި އެވެ.

ތަށި ހޯދި ނަމަވެސް، އަދިވެސް އާއްމު ހާލަތު އެއްކޮށް ބަދަލުނުވާތީ، ލިވަޕޫލަށް ސަޕޯޓަރުންނާ އެކު މި ކާމިޔާބީގެ އުފާފާޅުކުރެވޭނެ ގޮތެއް ނެތެވެ. ދަނޑަށް ކުޅިބަލާ މީހުން ނުވައްދާތީ، އެ ޓީމުން ތަށި އުފުލާލާނީ ފަޅު ދަނޑެއްގަ އެވެ.

ލިވަޕޫލުން ބާކީ ހަތް މެޗު އޮއްވާ ލީގު ކަށަވަރުކުރުމާ އެކު ރެކޯޑެއް މިވަނީ ގާއިމްކޮށްފަ އެވެ. މީގެ ކުރިން ރެކޯޑް އޮތީ ފަސް މެޗު އޮއްވާ 2000/2001 ގައި ލީގު ކާމިޔާބުކުރި މެންޗެސްޓާ ޔުނައިޓެޑާއި 2017/2018 ގައި ކާމިޔާބުކުރި ސިޓީ އަތުގަ އެވެ.

ލިވަޕޫލަށް މި ސީޒަނުގައި އަދިވެސް ރެކޯޑްތައް ހެދުމުގެ ފުރުސަތު އެބައޮތެވެ. އެއީ އެންމެ ގިނަ މޮޅު ހޯދުމާއި އަމިއްލަ ދަނޑުގައި އެންމެ ގިނަ މޮޅު ހޯދުމާއި ރަށުން ބޭރުގައި އެންމެ ގިނަ މޮޅު ހޯދުން އަދި އެންމެ ބޮޑު ފަރަގަކުން ލީގު ކާމިޔާބުކުރުމުގެ ރެކޯޑެވެ.

ލިވަޕޫލަކީ، 1970 އިން ފެށިގެން 1980 ގެ އަހަރުތަކުގައި އިންގްލެންޑާއި ޔޫރަޕުގައި ވެސް އެންމެ ކާމިޔާބު އެއް ޓީމެވެ. އެ މުއްދަތުގައި އެ ޓީމުން 11 ފަހަރު ލީގު ކާމިޔާބުކުރި އެވެ. އަދި އޭގެ ފަހުން ލީގު ކާމިޔާބުނުކުރެވި މިދިޔަ 30 އަހަރުގެ ތެރޭގައި ޔުއެފާ ޗެމްޕިއަންސް ލީގު ދެ ފަހަރު، ޔުއެފާ ކަޕް އެއް ފަހަރު އެފްއޭ ކަޕް ތިން ފަހަރު އަދި ލީގު ކަޕް ހަތަރު ފަހަރު ހޯދި އެވެ. އެކަމަކު ޕްރިމިއާ ލީގު ނުލިބޭތީ އެ ކާމިޔާބީގެ އުފާ އޮތީ ނުލިބިފަ އެވެ. އަމުދުން ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް އެ މުއްދަތުގެ ތެރޭގައި 13 ލީގު ހޯދައިދީފައިވާތީވެ އެވެ.

ލިވަޕޫލުގެ ޒަމާންވީ އުއްމީދު ހާސިލްކޮށްދިނުމުގެ މޭސްތިރިޔަކީ ޖަރުމަނުގެ ކޯޗު ޔާގަން ކްލޮޕެވެ. އޭނާ އަކީ، 2014 ވަނަ އަހަރު އެ ޓީމު ލީގު ކާމިޔާބުކުރުމާ ދާދި ގާތަށް ގެންގޮސްދިން ބްރެންޑަން ރޮޖާސް ވަކިކުރުމަށް ފަހު 2015 ވަނަ އަހަރު ގެނައި ކޯޗެވެ. ބޮރޫޝިއާ ޑޯޓްމަންޑަށް ޖަރުމަން ލީގު ކާމިޔާބުކޮށްދީފައިވާ ކްލޮޕް ހަވާލުވެ، މަޑުމަޑުން ވަރުގަދަ ޓީމެއް ބިނާކުރަން ފެށީ އެވެ. އެގޮތުން މަޑުމަޑުން ކުރިއަށް ޖެހި 2018 ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ ފައިނަލަށް ގެންގޮސްދިނެވެ. އެ ފަހަރު ރެއާލް މެޑްރިޑް އަތުން ބަލިވި ނަމަވެސް ޖެހިގެން އައި ސީޒަނުގައި، މިދިޔަ އަހަރު އަލުން ފައިނަލަށް ގޮސް ޓޮޓެންހަމް ހޮޓްސްޕާސް ބަލިކޮށް ތަށި ހޯދި އެވެ. އަދި ޕްރިމިއާ ލީގު ދެ ވަނަ ވެސް ހޯދި އެވެ އެހެންވެ މި ސީޒަނަށް ނުކުތީ ދޭތިން އެކައްޗަށް ލީގު ކާމިޔާބުކުރުމަށެވެ.

މި ކާމިޔާބީގައި އޭނާގެ ރޭވުންތެރިކަމާއި، ކުޅުންތެރިން މޯޓިވޭޓްކުރުމުގައި ގެންގުޅޭ އުސޫލުތައް މުހިއްމު ދައުރެއް އަދާކުރާއިރު، އޭނާގެ ޓްރާންސްފާ އުސޫލުތަކަށް ވެސް ކްރެޑިޓް ހައްގުވެ އެވެ. އެގޮތުން ކްލޮޕް ބޮޑުއަގުގައި ގެނައި ނެދަލެންޑްސް ޑިފެންޑަރު ވާޖިލް ވެން ޑައިކް އާއި ބްރެޒިލް ގޯލްކީޕަރު އެލިސަން ބެކާ އާއި ކެމަރޫން ފޯވާޑް ސަޑިއޯ މާނޭ އަދި މިސްރު ފޯވާޑް މުހައްމަދު ސަލާހު ފާހަގަކޮށްލެވެ އެވެ.