އޮޒިލްގެ މުސާރައިގެ ވާހަކަ އާޓެޓާ އަށް މުހިއްމެއް ނޫން

ލަންޑަން (ޖުލައި 1) - ކުޅުމުގެ ފުރުސަތު ނުލިބޭތީ، އާސެނަލްގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާ މެސުޓް އޮޒިލް ހިތްހަމަނުޖެހިފައި ހުރި ކަމުގައި ވިޔަސް އެއީ ވަކި ކުޅުންތެރިއަކަށް ސަމާލުކަން ދީގެން އޭނާ ކަންބޮޑުވާން ޖެހޭ މައްސަލައެއްގެ ގޮތުގައި ނުދެކޭ ކަމަށް އާސެނަލްގެ ކޯޗު އާޓެޓާ ބުނެފި އެވެ.


ކޮވިޑް-19 ގެ މެދުކެނޑުމަށް ފަހު މިދިޔަ މަހު އަލުން އިނގިރޭސި ފުޓްބޯޅަ ސީޒަނުގެ މެޗުތައް ފެށި ފަހުން މިހާތަނަށް އާސެނަލުން ކުޅުނު އެއްވެސް މެޗެއްގައި އޮޒިލް ބޭނުމެއް ނުކުރެ އެވެ. އާޓެޓާ ބުނީ ފުރުސަތު ނުލިބޭތީ އޮޒިލް ހިތްހަމަނުޖެހޭ ކަމަށާއި އެކަމަކު ޓީމުން ޖާގަ ލިބޭނީ ކުރާ މަސައްކަތަށް ވެސް ބަލައިގެން ކަމަށާއި އެއީ އޭނާގެ ނިންމުމެއް ކަމަށެވެ.

"ފުރުސަތު ނުލިބޭ ކޮންމެ ކުޅުންތެރިއަކު ވެސް ހިތްހަމަނުޖެހޭނެ. އަލުން ފުރުސަތު ހޯދަން ޖެހޭނީ މަސައްކަތްކުރަން. އަނެއްކޮޅުން އަނިޔާއަކަށް ފަހު އަންނަ ކުޅުންތެރިން އެބަޖެހޭ ފިޓްނަސް އިން ވެސް ސާބިތުކޮށްދޭން. އޭނަ (އޮޒިލް) ވެސް ހުރީ ހިތްހަަމަނުޖެހިފައި. އެކަމަކު ވަކި ކުޅުންތެރިއަކަށް އެހެންދިމާވެގެން އަހަންނަށް އެ ދިމާލަށް ފޯކަސް އެއް ނުގެންދެވޭނެ. އެއީ އަހަންނަށް އޮތް މައްސަލައެއް ކަމަށް ވެސް ނުދެކެން،" އާޓެޓާ ބުންޏެވެ.

އޮޒިލް އަކީ އާސެނަލްގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކުޅުންތެރިއާ އެވެ. ހަފްތާ އަކު އޮޒިލް އަށް ޖުމްލަ 350،000 ޕައުންޑް ލިބެ އެވެ. އާޓެޓާ ބުނީ މުސާރަ އާއި އެ ފަދަ ކަންކަމަކީ ކުޅުންތެރިޔާ އާއި ކްލަބްގެ ހިންގުންތެރިންގެ ކަމެއް ކަމަށާއި އޭނާއާ ހަވާލުވެ އޮތް ޒިންމާ އަދާކުރާއިރު ކުޅުންތެރިޔާ އަށް ދޭ މުސާރައަކާ މެދު ނުބަލާނެ ކަމަށެވެ.

"މުސާރަ ބޮޑުވުމަކީ ޓީމުން ފުރުސަތު ލިބެން ޖެހޭ ސަބަބެއް ނޫން. އަހަރެން ދެކެނީ އެހެން. ބޮޑު މުސާރައެއް ދޭތީ ޓީމަށް ކުޅެން ޖެހޭ ކަމަށް އޮތުމަކީ ވާނެ ކަމެއް ނޫން. މުސާރަ އަކީ ކްލަބާއި ކުޅުންތެރިންގެ ކޮންޓްރެކްޓްގައި އޮންނަ އެއްޗެއް. ކުޅުމަށް ބަލާއިރު އޮންނާނީ މަސައްކަތް ކުރުން،" އާޓެޓާ ބުންޏެވެ.

ފުޓްބޯޅަ ކެރިއަރުގައި އާސެނަލަށް ކުޅުނުއިރު އާޓެޓާ ވަނީ އޮޒިލްއާ އެއްކޮށް ގިނަ މެޗުތަކެއްގައި ކުޅެފަ އެވެ. އާޓެޓާ ބުނީ އޮޒިލްގެ ފެންވަރާ މެދު އެއްވެސް ވަރަކަށް ޝައްކުނުކުރާ ކަމަށާއި އޭނާ އަކީ އާދަޔާހިލާފު މޮޅު ކުޅުންތެރިއެއް ކަމަށެވެ. އެކަމަކު ޓީމެއްގައި ފުރުސަތު ދޭއިރު ކޯޗެއް ބަލަން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ހުންނާނެކަން އާޓެޓާ ފާހަގަކުރި އެވެ.

ލީގުގައި މިރޭ އާސެނަލް އަމިއްލަ ދަނޑުގައި ކުޅޭނީ އެންމެ ފުލުގައި އޮތް ނޯވިޗް ސިޓީއާ އެވެ. މެޗު ފަށާނީ ރާއްޖެ ގަޑިން 22:00 ގަ އެވެ.