މެސީ ދިއުމުން ސްޕެނިޝް ލީގުގެ ހައިބަތު ކުޑަވާނެ: މޮޑްރިޗް

މެޑްރިޑް (ސެޕްޓެމްބަރު 3) – ލިއޮނަލް މެސީ ބާސެލޯނާ ދޫކޮށްލައިފި ނަމަ އެކަން ވެގެންދާނީ ސްޕެނިޝް ލީގުގެ ހައިބަތަށް ކުރާނެ އަސަރެއް ކަމަށް ރެއާލް މެޑްރިޑުގެ ލޫކާ މޮޑްރިޗް ބުނެފި އެވެ.


ބާސެލޯނާއާ މެދު ހިތްހަމަނުޖެހި މެސީ އަންނަނީ ކްލަބް ދޫކޮށްލަން މަސައްކަތްކުރަމުންނެވެ. އޭނާ ގުޅޭނެ ކަމަށް ބެލެވެނީ ޕްރިމިއާ ލީގުގެ މެންޗެސްޓާ ސިޓީއާ އެވެ. ސްޕެނިޝް ލީގުގައި މެސީއާ ދެން ވިދާލި ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް އެ ލީގު ދޫކޮށްލާފައިވަނިކޮށް މެސީ ދިއުން ވެގެންދާނީ ލީގުގެ މަގުބޫލުކަން ކުޑަވާނެ ކަމަކަށެވެ.

"އެކަން ވެއްޖެ ނަމަ ވެގެންދާނީ ސްޕެނިޝް ލީގުގެ ހައިބަތު ކުޑަވުން ކަމަށް. އެކަމަކު އަހަރެމެން ޖެހޭ ކުރިއަށް ވިސްނަން. އެހެން ކުޅުންތެރިން ތަރިންނަށް ބަދަލުވާނެ،" މޮޑްރިޗް ބުންޏެވެ. "ރޮނާލްޑޯ ދިއުމުން ވެސް އެހެން އެކަންވީ. ރެއާލް މެޑްރިޑުގެ ހަޔާތް ކުރިއަށް ދިޔައީ އޭނާ ނެތި. ބާސެލޯނާ އަށް ވެސް ސްޕެނިޝް ލީގަށް ވެސް ހަމަ އެގޮތަށް ކަންވާނީ މެސީ ދިއުމުން."

މޮޑްރިޗަކީ 2008 ގެ ފަހުން ރޮނާލްޑޯ ފިޔަވައި، ބެލޮންޑިއޯ އެވޯޑުގެ ރޭހުގައި މެސީ ބަލިކުރި ހަމައެކަނި ކުޅުންތެރިޔާ އެވެ.

މެސީ ބާސެލޯނާ ދޫކޮށްލައިފި ނަމަ އެކަން ވެގެންދާނީ ރެއާލަށް ލިބޭ ފައިދާ އަކަށެވެ. ސަބަބަކީ މެސީ ނެތި ބާސެލޯނާ ބަލިކަށިވުމުން އެ ޓީމަށް ލީގު ޑޮމިނޭޓްކުރަން އިތުރު ފުރުސަތެއް ލިބޭނެތީވެ އެވެ. އަދި މާލީ ގޮތުން ވެސް ފައިދާވާނެ އެވެ. އެއީ ސްޕެއިނުގެ ސްޕޮންސާ ޑޮމިނޭޓްކުރެވޭނެތީވެ އެވެ. އެކަމަކު ރެއާލުގެ ކެޕްޓަން ސާޖިއޯ ރާމޯސް ބުނީ މެސީ ދިއުމަށް ނޭދޭ ކަމަށާއި ބޭނުންވަނީ ބާސެލޯނާ ވާދަވެރި ޓީމެއްގެ ގޮތުގައި އޮތުމަށް ކަމަށެވެ.