އެންމެ ބޮޑެތި ފާސްޓް ފުޑް ފްރެންޗައިޒްތައް އެއާޕޯޓަށް ގެންނަނީ

ދުނިޔޭގެ އެންމެ މަޝްހޫރު ފާސްޓް ފުޑް ފްރެންޗައިޒް ބްރޭންޑުތައް ރާއްޖޭގެ މައި އެއާޕޯޓުގައި މި އަހަރުގެ ތެރޭގައި ހުޅުވަން ނިންމައިފި އެވެ.

އެއާޕޯޓަށް ގެންނަން މަސައްކަތް ކުރަމުން އަންނަ ބްރޭންޑުތަކުގެ ތެރޭގައި މެކްޑޮނާލްޑްސާއި ކޭއެފްސީ އާއި ސްޓާބަކްސް އާއި ޕިއްޒާ ހަޓާއި ޑޮމިނޯޒް އާއި ކްރިސްޕީ ކްރީމާއި ޑަންކިން ޑޯނަޓްސްގެ އިތުރުން ހާޑް ރޮކް ކެފޭ ހިމެނެ އެވެ. އޭގެ ތެރެއިން އެންމެ މަދުވެގެން ހަތަރު ބްރޭންޑް ގެނެވޭނެ ކަމަށް އެމްއޭސީއެލް އިން އުންމީދުކުރެ އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މައި އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވި ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް މީހުން އާއްމުކޮށް ފައިބާ ސަރަހައްދުގައި އާ އެފްއެންޑްބީ އައުޓްލެޓުތަކެއް ތަރައްގީ ކުރަން ވަނީ ނިންމައިފަ އެވެ.

އަލަށް ހަދާ އެފްއެންޑްބީ އައުޓްލެޓުތައް ހުންނާނެ ގޮތުގެ ކުރެހުމެއް.-- ފޮޓޯ: އެމްއޭސީއެލް

ގާތްގަނޑަކަށް 14،000 އަކަފޫޓުގެ ބޮޑު އެ އިމާރާތުގެ ސްޓީލް އޮނިގަނޑު ތައްޔާރުކުރުމުގެ މަސައްކަތް ސިންގަޕޫރުގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރަމުން އަންނަ ކަމަށް އާދިލް ވިދާޅުވި އެވެ. އަދި އެ ތަނުގެ އަމަލީ މަސައްކަތް ކުރި އަށް ގެންދަން މި މަހުގެ ތެރޭގައި ބަޔަކާ ހަވާލުކުރެވޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންގެ ޓާގެޓަކީ ޖޫން، ޖުލައި ހިސާބުގައި އަޅުގަނޑުމެން މި އިމާރާތް ނިންމޭނެ ކަމަށް، އަޅުގަނޑުމެންގެ ޓައިމްލައިން މި ހުރީ. އެހެންވީމަ، އިރާދަކުރެއްވިއްޔާ އެ މުއްދަތުގައި މަސައްކަތް ނިމި، މި ތަނުގައި އިންޓަނޭޝަނަލް ފްރެންޗައިޒް ބްރޭންޑުތަކެއް ގެނެވޭނެ ކަމަށް މި މަސައްކަތް ކުރަނީ،" އާދިލް ވިދާޅުވި އެވެ.

އަލަށް ހަދާ އެފްއެންޑްބީ އައުޓްލެޓުތައް ހުންނާނެ ގޮތުގެ ކުރެހުމެއް.-- ފޮޓޯ: އެމްއޭސީއެލް

އެ ތަންތަން ހިންގާނީ، އޭނާ ވިދާޅުވި ގޮތުގައި، އެމްއޭސީއެލްގެ ބަދަލުގައި، މި ސަރަހައްދުގައި އެ ބްރޭންޑެއްގެ ތަންތަން ހިންގުމުގެ ލައިސަންސް އޮންނަ ފަރާތްތަކުންނެވެ. އެހެންވެ، އެއާޕޯޓުގައި ފްރެންޗައިޒް ރެސްޓޯރަންޓުތައް ހިންގަން ބޭނުންވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތު މި ހަފުތާގެ ތެރޭގައި ހުޅުވާލާނެ ކަމަށް އާދިލް ވިދާޅުވި އެވެ.

"އެކަމަކު، ޑައިރެކްޓްލީ މި ކަން ފެށުމުގެ ކުރިން ވެސް އަޅުގަނޑުމެން ވާނީ އިންޓަނޭޝަނަލް ފްރެންޗައިޒްތަކާ ވާހަކަ ދައްކަމުން ދިޔައީ. ގިނަ ފަރާތްތަކުން މިހާރު ވެސް އިންޓަރެސްޓް ހުށަހަޅާފައި ވަނީ މި ތަނުގައި އޮޕަރޭޝަން ކުރި އަށް ގެންދަން ބޭނުންވާ ކަމަށް،" އޭނާ ވިދާޅުވި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް (ކ) ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެމްއޭސީއެލް އިން ވަނީ އެ ފްރެންޗައިޒް ރެސްޓޯރަންޓުތައް ހިންގާ ފަރާތްތަކަށް، އަލަށް ހަދާ ޓާމިނަލްގައި ވެސް އެ ބްރޭންޑުތަކުގެ ތަންތަން ހުޅުވުމުގެ ފުރުސަތު ދޭން ނިންމައިފަ އެވެ.

މި މަޝްރޫއު އަށް ހޭދަވާ ފައިސާގެ އަދަދެއް އެމްއޭސީއެލް އިން އަދި ހާމައެއް ނުކުރެ އެވެ. އާދިލް ވިދާޅުވި ގޮތުގައި އެ ތަފްސީލުތައް އެނގޭނީ ބިޑަށް ހުޅުވާލުމުން ލިބޭ ހުށަހެޅުންތަކަށް ބެލުމަށް ފަހު އެވެ.

އެއާޕޯޓަށް ދާ މީހުން ފައިބަން މިހާރު ބޭނުންކުރާ ސަރަހައްދުގައި އެ އެފްއެންޑްބީ އައުޓްލެޓުތައް ހަދާއިރު، އެމްއޭސީއެލް އިން އަންނަނީ އާ ޓާމިނަލާ ދިމާވާނެ ގޮތަށް އާ ޖެޓީތަކެއް ހަދަމުންނެވެ. އޭގެ ތެރެއިން ބައެއް ޖެޓީތައް މިހާރު ވަނީ ބޭނުންކުރަން ވެސް ފަށައިފަ އެވެ.

އެއާޕޯޓުގައި މިހާރު ވެސް ބޭރުގެ ބޮޑެތި ބައެއް ފްރެންޗައިޒް ރެސްޓޯރަންޓުތައް އެބަހުއްޓެވެ. އޭގެ ތެރޭގައި ބާގާ ކިންގާއި ކޮފީ ކްލަބާއި ތައި އެކްސްޕްރެސްގެ އިތުރުން، ދަ ޕިއްޒާ ކޮމްޕެނީ އަދި ޑެއިރީ ކުއީން ހިމެނެ އެވެ.