ބޭރުގެ ދަރަނި ބޮޑުވެ، ރިޒާވުން ބޮޑު ބައެއް ގެއްލިދާނެ: ގަވަރުނަރު

ބޭރުގެ ދަރަނި އިތުރުވަމުންދާ ނިސްބަތަށް ބަލާއިރު، ރާއްޖޭގެ ރަސްމީ ރިޒާވުން ބޮޑު ބައެއް ގެއްލިދާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހުމަދު ނަސީރު އިންޒާރު ދެއްވައިފި އެވެ.


ބަޖެޓާ ބެހޭ ގޮތުން އެމްއެމްއޭގެ ގަވަރުނަރު ދެއްވި ލަފާ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މެމްބަރުންނާ ހިއްސާ ކުރައްވަމުން މުގައްރިރު އަހުމަދު ނިހާން ވިދާޅުވީ އެ ލަފާގައި ބަޖެޓަށް ފައިނޭންސް ކުރުމަށް ޑޮމެސްޓިކް މާކެޓުން ފައިސާ ހޯދޭ މިންވަރު ދަށްވެ، ބޭރުން ފައިސާ ހޯދުމަށް ބަރޯސާވެފައިވާ މިންވަރު އިތުރުވެފައިވާކަން ގަވަރުނަރު އަހުމަދު ނަސީރު ފާހަގަ ކުރައްވާފައިވާ ކަމަށެވެ. އަދި ތަރައްގީގެ މަޝްރޫއުތަކަށް ނަގާ ބޭރުގެ ލޯނުތަކާއެކު ބޭރުގެ ދަރަނި ޖީޑީޕީގެ ނިސްބަތުން އިތުރު ވަމުންދާ ކަން ވެސް ގަވަރުނަރުގެ ލަފާގައި ފާހަގަ ކުރައްވާފައިވެ އެވެ.

އެ ގޮތުން 2016 ވަނަ އަހަރު ނިމުނު އިރު ބޭރުގެ ދަރަނި 760.4 މިލިއަން ޑޮލަރު (11.7 ބިލިއަން ރުފިޔާ) އަށް އަރާފައިވާއިރު މި އަހަރު ނިމޭއިރު އެ އަދަދު 1.1 ބިލިއަން ޑޮލަރު (17.4 ބިލިއަން ރުފިޔާ) އަށް އަރާނެ ކަން ގަވަރުނަރު ފާހަގަ ކުރައްވާފައިވެ އެވެ. އަދި އަންނަ އަހަރު ނިމޭ އިރު ބޭރުގެ ދަރަނި 1.4 ބިލިއަން ޑޮލަރު (21.7 ބިލިއަން ރުފިޔާ) އަށް އަރާނެ ކަމަށް ވެސް އެ ލަފާގައިވެ އެވެ.

"މިހެންކަމުން ދައުލަތުގެ ރަސްމީ ރިޒާވުން ކުރިޔަށް އޮތް ތަނުގައި ނިސްބަތުން ބޮޑު އަދަދެއް ހޭދަވެގެންދާނެ ކަމަށާއި މިކަމުގެ ސަބަބުން ރަސްމީ ރިޒާވަށް ކުރާނެ ނޭދެވޭ އަސަރު ކުޑަކުރުމަށްޓަކައި ރިޒާވް އިތުރުކުރެވޭނެ ފަދަ ފިޔަވަޅުތަކެއް އެޅުން މުހިންމުކަން ފާހަގަ ކުރައްވާފައިވޭ،" ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓްގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީ އާއި ހަރަދާއި ދައުލަތުގެ ޑެފިސިޓް ފައިނޭންސް ކުރަން ހުށަހަޅާފައިވާ ގޮތްތަކަށް ރިއާޔަތްކޮށްފައިވާ ކަމަށެވެ. އަދި ފާއިތުވި އަހަރުތަކުގެ ތަޖުރިބާ އަށް ބަލާއިރު ރިކަރަންޓް ހަރަދަށް އަންޑައެސްޓިމޭޓްކުރެވި އާމްދަނީ އޯވަ އެސްޓިމޭޓް ކުރެވެމުންދާކަން އެ ލަފާގައި ފާހަގަކޮށްފައިވެ އެވެ.

މަޖިލީހުގެ ބަޖެޓް ކޮމިޓީގައި މުގައްރިރު ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން މިއަދު ވާހަކަދައްކަވަނީ. ފޮޓޯ: ހުސެއިން ވަހީދު /މިހާރު

"އެ އަސާސީ މައްސަލަ 2018 ވަނަ އަހަރު ތަކުރާރުވިޔަ ނުދިނުމުގެ ގޮތުން ބަޖެޓްގައި ހިމަނާފައިވާ އާމްދަނީ ލިބޭނެކަން ޔަގީންކުރުމާ އެކު ހަރަދުތައް ބަޖެޓާ އެއްގޮތަށް ކުރިޔަށް ގެންދަން ލަފާ އަރުވާފައިވޭ،" ނިހާން ވިދާޅުވި އެވެ.

އެ ލަފާގެ ޕޮއިންޓްތައް އިއްވަމުން އޭނާ ވިދާޅުވީ 2016 ވަނަ އަހަރު ޑެފިސިޓް އަންދާޒާ ކުރެވިފައި އޮތީ 3.4 ބިލިއަން ރުފިޔާ އަށް ކަމަށާއި މިހާރު ހުށަހެޅިފައިވާ ބަޖެޓްގެ ހިސާބުތަކަށް ބަލާއިރު 2016 ވަނަ އަހަރުގެ އަސްލު ޑެފިސިޓަކީ 6.7 ބިލިއަން ރުފިޔާ ކަމަށް ވެސް ވިދާޅުވި އެވެ.

އޭގެ އިތުރުން މި އަހަރު ފުރަތަމަ ހުށަހެޅި ބަޖެޓްގައި އަންދާޒާ ކޮށްފައިވާ ޑެފިސިޓް އަދަދަށް ވުރެ މިހާރު ރިވައިސްކޮށްފައިވާ ޑެފިސިޓް އަދަދުގެ ބޮޑުކަން ވެސް ގަވަރުނަރު ފާހަގަ ކުރައްވާފައިވެ އެވެ.

"މިކަންތައް ދެނެގަނެވި ތަކުރާރުވިޔަ ނުދިނުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުން މުހިންމު ކަމަށް މި ލަފާގައި ބަޔާންކޮށްފައިވޭ. މި ގޮތުން ޕަބްލިކް ފައިނޭންސިން ކަންކަން ހަރުދަނާކުރުމުގެ ގޮތުން ބަޖެޓާ ބެހޭ ގާނޫނެއް، އެޕްރޮޕްރިއޭޝަން އެކްޓްގެ ނަމުގައި އެކުލަވާލައި އެއަށް އަމަލުކުރަން ފެށުން މުހިންމުކަން ބަޔާންކުރައްވާފައިވޭ،" ގަވަރުނަރުގެ ލަފާގެ ބައެއް ކިޔައިދެއްވަމުން ނިހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ލަފާގައި ކޮންމެ އަހަރެއްގެ ބަޖެޓާއެއްގޮތަށް ކަންކަން ކުރިޔަށް ގެންދޭތޯ ޔަގީންކުރުމަށް މަޖިލީހުން އަހަރުގެ މެދުތެރޭގައި ބަޖެޓް ރިވިއުކުރުން ކުރިޔަށް ގެންދިއުމަށް އަންގާފައިވާ ކަމަށެވެ. އަދި އެ މަސައްކަތަކީ މީގެ ކުރިން ވެސް ކުރި މަސައްކަތެއް ކަމަށް ނިހާން ވިދާޅުވި އެވެ.

ޓެކްސް ނިޒާމަށް ގެންނަން ހުށަހަޅާފައިވާ ބަދަލާ ބެހޭ ގޮތުން ގަވަރުނަރު ވިދާޅުވެފައި ވަނީ އެ ބަދަލުތަކަކީ އުފެއްދުންތެރިކަމަށާއި އަމިއްލަ ވިޔަފާރިތަކަށް، ވަކިން ހާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރާނެ އަސަރު ދިރާސާކުރެވިގެން ގެނެވޭ ބަދަލުތަކަށް ވާން ޖެހޭ ކަމަށެވެ. އަދި ރާއްޖޭގެ ޓެކްސް ނިޒާމަކީ ހަމަހަމަ އަދި އާމްދަނީގެ ފަރަގު ކުޑަކުރުމަށް ބާރު އެޅޭ ނިޒާމަކަށް ހެދުމަށް އާއްމު ފަރުދުންގެ އިންކަމް ޓެކްސް ނެގުމަށް ވެސް ގަވަރުނަރު ލަފާދެއްވާފައިވެ އެވެ.