ވިލާގެ ރިސޯޓުތައް ހުއްޓިދާނެކަމަށް ބުނެ ސަރުކާރުން އިންޒާރު ދީފި

ވިލާ ހޮޓެލްސް އިން ހިންގާ ރިސޯޓުތައް ހުއްޓުމަކަށް އަތުވެދާނެކަމުގެ އިންޒާރު، ސަރުކާރުން ޓުއާ އޮޕަރޭޓަރުންނަށް ދީފި އެވެ.


ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ ޓޫރިޒަމް ކުންފުނިން ދައުލަތަށް ދައްކަން ޖެހޭ 2.9 ބިލިއަން ރުފިޔާ ނުދައްކައިގެން ކަމަށް ބުނެ، އެ ކުންފުނީގެ ރިސޯޓުތަކަށް ދީފައިވާ އޫރުމަހާއި ރާ ވިއްކުމުގެ ހުއްދަ ސަރުކާރުން ވަނީ ހިފަހައްޓައިފަ އެވެ. އަދި އެ މައްސަލައާ ގުޅިގެން ވިލާގެ ބައެއް ރިސޯޓުތަކަށް ކަސްޓަމާއި ފުލުހުން އަރައި، ފަން އައިލެންޑްގައި ހުރި ރާ ސްޓޮކް ވަނީ ގެންގޮސްފަ އެވެ.

އެ މައްސަލައާ ގުޅިގެން، އިކޮނޮމިކް މިނިސްޓްރީން ވަނީ ވިލާ އަށް ދީފައިވާ ރާ ވިއްކުމުގެ ހުއްދަ ބާތިލުކުރުމަށް ފަހު އިންޑަސްޓްރީގެ ޕްރެޝަރާ ހެދި، 14 ދުވަހުގެ ވަގުތީ ލައިސަންސެއް ދީފަ އެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓްރީން އިނގިރޭސި ބަހުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ކުންފުންޏަށް ވަގުތީ ލައިސަންސެއް ދިނީ ދައުލަތަށް ދައްކަން ޖެހިފައިވާ ހުރިހާ ފައިސާއެއް ދެއްކުމަށް ކަމާ ބެހޭ ފަރާތްތަކަށް އެއްބާރުލުން ދޭނެ ކަމަށް އުއްމީދުކޮށްގެން ކަމަށެވެ. އެކަމަކު އެ ކުންފުނީގައި އެ ނިޔަތެއް ނެތް ކަން ހާމަވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ވިލާ އިން ދަނީ އެ ފައިސާ ދެއްކުމަށް ތަފާތު އުޒުރުތައް ދައްކައި ގާނޫނުތަކަށާއި ކަމާ ބެހޭ އިދާރާތަކަށް ގޮންޖަހަމުން ކަމަށެވެ. އަދި އެ ކުންފުނިން ދަނީ ރިސޯޓުތަކުގައި ތިބޭ ޓޫރިސްޓުންނަށް ފެންނަ ގޮތަށް އެ ތަންތަނުގައި ހަމަޖެހުން ނަގާލައި މުވައްޒަފުން ލައްވައި ގާނޫނާ ހިލާފު އެއްވުންތަކާއި މުޒާހަރާތައް ކުރަމުން ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ސަރުކާރުން ކުރިމަގުގައި އިތުރު ލުއިތަކެއް ނުދޭނެ ކަމަށާއި އަދި ރާ ވިއްކަން މިހާރު ދީފައިވާ ހުއްދައިގެ މުއްދަތު ހަމަވުމުން އިތުރު މުއްދަތެއް ނުދޭނެ ކަމަށެވެ. އަދި އެކަމާ ގުޅިގެން އެ ރިސޯޓުތަކުން ދެމުން އަންނަ ހިދުމަތްތައް ހުއްޓުމަކަށް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނެފައި ވަނީ ވިލާ ޝިޕިން އެންޑް ޓްރޭޑިން އާއި ވިލާ ގްރޫޕާ ގުޅުން ހުރި ކުންފުނިތަކުން ޓެކްސްއާ ގުޅުން ހުރި ފައިސާތަކެއް ނުދައްކާ އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި ޓެކުހާއި އެ ކުންފުންޏަށް ސަރުކާރުން ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުން ނުދައްކާ ހުރި ފައިސާ ހިމެނޭ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އެ ފައިސާތައް ދެއްކުމަށް ތަކުރާރުކޮށް އެކި ފަހަރުމަތިން ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުން އެ ކުންފުންޏަށް އެންގުމުން ވެސް ނުދައްކާ ކަމަށެވެ. އަދި އެ ފައިސާ ނުދައްކައިގެން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ވެސް އެކި މައްސަލަތައް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ސަރުކާރުން މަސައްކަތްކުރަނީ ރާއްޖޭގެ ޓޫރިޒަމްގެ ތަސައްވަރު ކިލަނބު ނުކޮށް މަތީ ފެންވަރުގެ މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށް ކަމަށެވެ.