ހުޅުލޭގައި ހަދާ އާ ރަންވޭގެ މަސައްކަތް އޮގަސްޓް މަހު ނިންމާލެވޭނެ: ސައީދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ރަންވޭގެ މަސައްކަތް އަންނަ އޮގަސްޓް މަހު އެއްކޮށް ނިންމާލެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.


ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޮގަސްޓް މަހު ރަންވޭގެ މަސައްކަތްތައް އެއްކޮށް ނިމި، މި އަހަރުގެ ފިނި މޫސުމަށް އިތުރު އެއާލައިންތަކަށް ރާއްޖެ އަށް ދަތުރުތައް ފެށޭނެ ކަމަށެވެ. އާ ރަންވޭ ނިމުމާ އެކު ރާއްޖެ އަށް ދަތުރުތައް ފަށާ އެއާލައިންތަކުގެ ތެރޭގައި ޔޫރަޕްގެ ގިނަ އެއާލައިންތައް ހިމެނޭނެ ކަމަށް ވެސް ސައީދު ވިދާޅުވެފައި ވެއެވެ.

"[އާ ރަންވޭ ނިމުމާއި އެކު] ޔޫރަޕްގެ ގިނަ އެއާލައިން ތަކުން ވެސް ރާއްޖެ އަށް ދަތުރުތައް ފަށާނެ. މިއާ އެކު ރާއްޖެ އަށް މުޅިން އަލަށް [ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާބޯތުތަކުގެ ތެރޭގައި ހިމެނޭ] އޭ380 މަރުކާގެ ބޯޓުތައް ވެސް ޖައްސަން ފަށާނެ،" ސައީދުގެ ޓްވީޓުގައި ވިދާޅުވި އެވެ.

ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުންނަ އާ ރަންވޭގެ މަސައްކަތް މި އަހަރުގެ ފަހު ކުއާޓަރުގެ ކުރިން ނިންމަން ހަމަޖެހިފައިވާ ކަމަށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ ހަވާލުކޮށްގެން ކުރިޔަށްގެންދާ މަޝްރޫއުގެ ދަށުން، އާ ރަންވޭ ހަދަނީ ޗައިނާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެންނެވެ. މި ލޯނުގައި ރަންވޭގެ އިތުރުން 45 މިލިއަން ލީޓަރުގެ ތެޔޮ ރައްކާކުރެވޭނެ ފިއުލް ފާމަކާއި 120،000 ޓަނުގެ ކާގޯ ފެސިލީޓީއެއް ހެދުން ވެސް ހިމެނެ އެވެ.

އޮގަސްޓް މަހު އާ ރަންވޭގެ މަސައްކަތް ނިންމާއިރު، މިހާރު ވަނީ ފަސް ދިމާލަކުން، ދެ ރަންވޭ ގުޅާލުމުގެ މަސައްކަތް ފަށައިފަ އެވެ. ދެ ރަންވޭ ގުޅާލުމުގެ މަސައްކަތް ކުރަމުން ދަނީ ރޭގަނޑު 12 އިން ހެނދުނު ހައެއް ޖަހަންދެން އެއާޕޯޓުގެ ރަންވޭ ބަންދުކޮށްގެން ކަމަށެވެ.