ދައުލަތުގެ ދަރަނި އަދި ރިޒާވްތައް މިހާރު ހުރި މިންވަރުގައި ދެމެހެއްޓޭނެ، ފިޗް އިން މި ފަަހަރު ވެސް ދިނީ "ބީ ޕްލަސް"

ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ، ހޮންކޮންގްގެ ފިޗް ރޭޓިންސް އިން މިދިޔަ އަހަރު ރާއްޖެ އަށް ދިން "ބީ ޕްލަސް" ރޭޓިން މި އަހަރު ވެސް ދެމެހެއްޓުމަށް ނިންމައިފި އެވެ.


"ބީ ޕްލަސް" ރޭޓިން ދެމެހެއްޓީ ފިޗްގެ އޮފިޝަލުން ރާއްޖެ އައިސް، ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުގެ އިތުރުން އަމިއްލަ ވިޔަފާރިތައް ހިންގާ ފަރާތްތަކާ އެކު ބޭއްވި މަޝްވަރާތަކަށް ބެލުމަށް ފަހު އެވެ.

ފިޗް އިން ބުނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދެމެހެއްޓީ، އިގްތިސާދީ ދުވެލީގެ ތަސައްވުރު ރަނގަޅު ވުމާއި ބާރު ދުވެލީގައި ޓޫރިޒަމް އިންޑަސްޓްރީ ކުރިއަރަމުން ދިއުން އަދި ދައުލަތުގެ އާމްދަނީ އިތުރު ކުރުމުގެ ގާބިލްކަން ލިބިފައި ވާތީ ކަމަށެވެ.

ފިޗް އިން ގަބޫލުކުރާ ގޮތުގައި އާމްދަނީ އިތުރު ކުރުމުގެ ގާބިލްކަން ލިބިފައި ވުމުން، ދައުލަތުގެ ދަރަނި އަދި ރިޒާވްތައް މިހާރު ހުރި މިންވަރުގައި ދެމެހެއްޓޭނެ އެވެ.

ރާއްޖެ އަށް ދެ ވަނަ ފަހަރަށް "ބީ ޕްލަސް" ރޭޓިން ލިބުނުއިރު، ފިޗް އިން އެ ރޭޓިން ދެނީ، ގޮންޖެހުންތަކެއް ހުއްޓަސް ދަރަންޏާއި މާލީ ގޮތުން އަދާކުރަންޖެހޭ އެހެން ޒިންމާތައް އަދާކުރުމުގެ ގާބިލްކަން ލިބިފައިވާ ގައުމުތަކަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ފިޗް ރޭޓިން ކުރިއެކޭ އެއްގޮތަށް ދެމެހެއްޓުމަކީ ސަރުކާރުގެ އިގްތިސާދީ އެޖެންޑާ އަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި އެއިން ދައްކުވައި ދެނީ ސަރުކާރުގެ ސިޔާސަތު ތަކަކީ ވިޔަފާރިތަކަށް މަގުފަހި ކޮށްދީ، އިގްތިސާދީ ފުރުސަތުތަކަށް ހުރި ދޮރުތައް ހުޅުވާލައިދޭ ސިޔާސަތުތައް ކަމަށް ވެސް އެ މިނިސްޓްރީން ނެރުނު ބަޔާނުގައުި ވެ އެވެ.

"ފާއިތުވި އަހަރު ތަކުގައި މި ސަރުކާރުން ވަނީ ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށާއި، ރާއްޖޭގެ އިގްތިސާދީ ވަސީލަތްތައް ތަރައްގީ ކުރުމަށް ބޮޑު ހޭދައެއް ކޮށްފަ އެވެ. މީގެ ނަތީޖާ އަކީ ރާއްޖޭގެ އިގްތިސާދު ފުޅާވެ، އިގްތިސާދީ ހަރަކާތްތައް އިތުރުވެ އޭގެ މަންފާ ހުރިހާ ރައްޔިތުންނަށް ވެސް ލިބިގެން ދިއުމެވެ." ފިނޭންސް މިނިސްޓްރީން މިދިޔަ އަންގާރަ ދުވަހު ނެރުނު ބަޔާނުގައި ބުންޏެވެ.

ރާއްޖޭގެ އިގްތިސާދަށް ހުރި ގޮންޖެހުންތައް ވެސް ފިޗްގެ ރިޕޯޓުގައި ފާހަގަ ކޮށްފައި ވެ އެވެ. އެގޮތުން، ދަރަނި އިތުރުވުމާއި އެއް ސިނާއަތަކަށް އިގްތިސޯދު ބިނާވެފައި ވާ ކަން އެ ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.

ފިނޭންސް މިނިސްޓްރީން ބުނިގޮތުގައި އެއީ ސަރުކާރުން ވެސް ފާހަގަކޮށް، ފިޔަވަޅުތައް އަޅަމުން އަންނަ ކަންތައްތަކެވެ. އެގޮތުން، ރާއްޖޭ އިގްތިސާދު ފުޅާކޮށް، ޑައިވާސިފައި ކުރުމަކީ ފޮރިން އިންވެސްޓްމަންޓް ތަކާއި ވިޔަފާރިތަކުގެ އިތުރުން އުމްރާނީ ތަރައްގީގެ ސިޔާސަތުގެ ތެރެއިން ސަރުކާރުން ވަރަށް ބޮޑަށް އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.

"ދައުލަތުގެ ދަރަނި އިތުރުވުމުން ދިމާވެދާނެ ރިސްކުތައް ކުޑަކުރުމަށް 2017 ވަނަ އަހަރުން ފެށިގެން ސޮވަރިން ޑިވެލޮޕްމަންޓް ފަންޑެއް އެކުލަވާލައި މި ފަންޑަށް ދަނީ ފައިސާ ޖަމާކޮށް، ފަންޑް ފުޅާކުރަމުންނެވެ،" ރާއްޖޭގެ އިގްތިސޯދީ ހާލަތު ރަނގަޅު ކުރުމަށް ކުރާ ކަންކަމާ ގުޅޭ ގޮތުން ފިނޭންސުން ބުންޏެވެ.

ފިޗްގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮންޖެހުންތަކަކީ ތަރައްގީ ވަމުން އަންނައިރު ކޮންމެ ގައުމަކުން ވެސް ކުރިމަތިލާން ޖެހޭ ކަންތައްތައް ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި ފިޗްގެ ރިޕޯޓަކީ، ސަރުކާރުގެ އިގްތިސާދީ އެޖެންޑާ ކުރިއަށް ދިއުމަށް ލިބުނު އިތުރު ބާރެއް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ރާއްޖެ އަށް ފުރަތަމަ ކްރެޑިޓް ރޭޓިން އެއް ދީފައި ވަނީ ދުނިޔޭގެ އެންމެ ބޮޑު ކްރެޑިޓް ރޭޓިން އެޖެންސީގެ ތެރޭގައި ހިމެނޭ މޫޑީސް އިންވެސްޓާސް ސާވިސް އިން 2016 ވަނަ އަހަރު އެވެ. މޫޑީސް އިން ރާއްޖެ އަށް ދީފައި ވަނީ "ބީ2" ރޭޓިން އެކެވެ. އެއީ ފިޗްގެ "ބީ ޕްލަސް" ރޭޓިންއާ ގާތްގަނޑަކަށް އެއް ވަރެއްގެ ރޭޓިން އެކެވެ. ފިޗް އިން ރާއްޖެ އަށް ރޭޓު ކުރަން ފެށީ މިދިޔަ އަހަރު އެވެ.