"ބީބާ ބިއުޓީ" ގެ ނަމުގައި ޖަސްޓިން ބީބާގެ އަންހެނުން ކޮސްމެޓިކް ލައިނެއް ނެރެނީ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާގެ އަންހެނުން ހެއިލީ ބޯލްޑްވިން ބީބާގެ ނަން ބޭނުންކޮށްގެން ކޮސްމެޓިކް ލައިނެއް ލޯންޗް ކުރަން ނިންމައިފި އެވެ.


ޕީޕަލް އިން ބުނި ގޮތުގައި ހެއިލީ ވަނީ މި މަހުގެ 10 ވަނަ ދުވަހު "ބީބާ ބިއުޓީ" ޓްރޭޑްމާކެއްގެ ގޮތުގައި ރަޖިސްޓްރީކުރަން އެމެރިކާގެ ޕެޓެންޓް އެންޑް ޓްރޭޑްމާކް އޮފީހަށް ލިޔުންތައް ވެސް ހުށަހަޅައިފަ އެވެ.

ނަމަވެސް "ބީބާ ބިއުޓީ" ރަސްމީކޮށް ލޯންޗްކުރާނެ އިރެއް އަދި ނޭނގެ އެވެ. ޕީޕަލް އިން ބުނި ގޮތުގައި އެ ނަމުގެ ދަށުން ހެއިލީ އޭނާގެ އަމިއްލަ ކޮސްމެޓިކް އަދި ބިއުޓީ އުފެއްދުންތަކެއް ނެރޭނެ އެވެ.

އެމެރިކާގެ ފެޝަން ކުންފުނި "ބެއާމިނެރަލްސް" ގެ އެމްބެސެޑަރެއްގެ ގޮތުގައި ވެސް މި ވަގުތު މަސައްކަތް ކުރަމުން އަންނަ 22 އަހަރުގެ މޮޑެލް މިދިޔަ އަހަރު ވަނީ "ހެއިލީ ބީބާ" ގެ ނަމުގައި ފެޝަނުގެ އުފެއްދުންތަކަށް ހާއްސަ ޓްރޭޑްމާކެއް ވެސް ރަޖިސްޓްރީކޮށްފަ އެވެ. އޭގެ ދަށުން އެކި ވައްތަރުގެ ކެޝުއަލް އަދި ކުޅިވަރު ހެދުމާއި ބޫޓް ފަދަ ތަކެތި ނެރެން ވަނީ ނިންމައިފަ އެވެ.

މީގެ އިތުރުން ހެއިލީ ވަނީ ހަވާއީގެ މަޝްހޫރު އަންހެން ޕްރޮފެޝަނަލް ސާފަރު ކީލިއާ މޮނީޒްއާ ގުޅިގެން މިދިޔަ މަހު "ސިސްޓާ" ގެ ނަމުގައި ސްވިމްވެއާ ލައިނެއް ވެސް ލޯންޗްކޮށްފަ އެވެ.