މި އަހަރުގެ މިހާތަނަށް ޓޫރިޒަމް ދާއިރާ އިން 17،000 ވަޒީފާ ނެރެވޭނެ :ރައީސް

މި އަހަރުގެ ތެރޭގައި ޓޫރިޒަމް ދާއިރާ އިން 17،000 ވަޒީފާގެ ފުރުސަތު އުފެއްދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.


ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ގިނަ އަދަދެއްގެ ވަޒީފާތަކެއް އުފެއްދުނު ނަމަވެސް އެ ވަޒީފާތަކަށް މީހުން ހޯދުމަކީ ދަތިކަމެއް ކަމަށެވެ. އެގޮތުން، އެ ދާއިރާ އަށް ގިނަ ބަޔަކު ތަމްރީން ވެފައި ނުވުމަކީ ދިމާވާ ދަތިކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑާ މި ދޭތެރެ އިން ދިމާވި ރާއްޖޭގައި އިންވެސްޓް ކޮށްގެން އުޅޭ ބޭރުގެ އިންވެސްޓަރަކާ. އޭނާ ބުނީ ތިމަންނާ މިހާރު އިއުލާން ކޮށްފީމޭ 450 ވަޒީފާ އަށް. ރާއްޖޭން ކުރިމަތިލީ އެންމެ 42 ފަރާތެކޭ. ބޭރުން އެބައޮތޭ 20،000 މީހުން ކުރިމަތިލާފައި. އެހެންވީމާ އަޅުގަނޑުމެންނަށް މި ފެންނަނީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރަން ބޭނުންވެފައިވާ މީހުންނަށް ދަތިތަކެއް ނުވަތަ އެކަމަށް ތަމްރީން ވެފައި ތިބި ބަޔަކު ނެތްކަން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ހުރި ދަތިތައް ނައްތާލުމަށް ކުރެވެން އޮތް ކަމަކީ މިނިމަމް ވޭޖެއް ކަނޑައެޅުމެވެ. މި ބިލް މި އަހަރުގެ ތެރޭގައި މަޖިލީހަށް ހުށަހެޅޭވަރު ވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން، ޓޫރިޒަމް ދާއިރާ އަށް މީހުން ތަމްރީން ކުރުމަކީ މުހިންމު ކަމެއް ކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ އެ މަސައްކަތް މިހާރުގެ ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި އެޑިއުކޭޝަން މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެން ޓޫރިޒަމް ދާއިރާ އަށް ދިވެހިން ތަމްރީން ކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ސަތާރަ ހާސް ވަޒީފާ ބާޒާރަށް ނެރެވިއްޖެ. ސުވާލަކީ މި ވަޒީފާތަކަށް ބޭނުންވާނެ މީހުން އެބަތިބިތޯ؟ މިއަދު ޓޫރިޒަމް މިނިސްޓްރީން މިވަނީ މިކަމާ ގުޅޭ ދިރާސާތައް ހަދައި މިދާއިރާ އަށް މީހުން ތަމްރީން ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީއާ އެކު މަސައްކަތް ފަށާފައި،" ރައީސް ވިދާޅުވި އެވެ.

މި އަހަރުގެ މިހާތަނަށް ޓޫރިޒަމް ދާއިރާ އިން ލިބިފައިވާ ކުރިއެރުންތަކުގެ ތެރޭގައި 12 ރިސޯޓެއް ހުޅުވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އިތުރު ނުވަ ރިސޯޓެއް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ރައީސް ފާހަގަކުރެއްވި އެވެ.