މި އަހަރުގެ ރަން ލާރި އެވޯޑު 17 ފަރާތަކަށް ލިބިއްޖެ

ކޮންމެ އަހަރަކު މީރާ އަށް އެންމެ ގިނައިން ފައިސާ ދައްކާ ފަރާތްތަކަށް ދޭ ރަން ލާރި އެވޯޑު މި އަހަރު 17 ފަރާތަކަށް ލިބިއްޖެ އެވެ.


މި އެވޯޑުތައް ދީފައިވަނީ މީރާގެ އަހަރީ ދުވަހާ ގުޅިގެން މި މަހުގެ ދެ ވަނަ ދުވަހު ދަރުބާރުގޭގައި ބޭއްވި ހަފްލާއެއްގަ އެވެ. މި އެވޯޑުތައް ހަވާލުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެވެ.

މީރާ އަށް އެންމެ ގިނައިން ފައިސާ ދެއްކި ފަރާތްތަކުގެ ތެރެއިން ހަ ކެޓަގަރީން ވަނީ އެވޯޑުތައް ދީފަ އެވެ. އެގޮތުން ބިޒްނަސް ޕްރޮފިޓް ކެޓަގަރީން ރަން ލާރި އެވޯޑު ލިބިފައި ވަނީ އުރީދު އާއި ޓްރާންސް މޯލްޑިވިއަން އެއާލައިން (ޓީއެމްއޭ) އާއި ޔުނިވާސަލް އެންޓަޕްރައިސަސް އަށެވެ.

ޖީއެސްޓީގެ ޓޫރިޒަމް ކެޓަގަރީން ހަތް ރިސޯޓަކަށް މި އެވޯޑު ލިބިފައިވާއިރު ޖީއެސްޓީގެ ޓޫރިޒަމް ނޫން ކެޓަގަރީން މި އެވޯޑު ލިބިފައިވަނީ ތިން ފަރާތަކަށެވެ. ޓޫރިޒަމް ކެޓަގަރީން މި އެވޯޑު ލިިބުނު ރިސޯޓުތަކުގެ ތެރޭގައި ޝެވަލް ބްލާންކް ރަންދެލި އާއި ފޯ ސީޒަންސް އާއި ލަނޑާ ގިރާވަރާއި ކުރަމަތި އާއި އިންޓުއާ މޯލްޑިވްސްގެ އިތުރުން ހުޅުލޭ އައިލެންޑް ހޮޓަލާއި ފޯ ސީޒަންސް އެކްސްޕްލޯރާ އަދި ސީސަން ޕެރެޑައިޒް ހިމެނެ އެވެ. ޓޫރިޒަމް ނޫން ކެޓަގަރީން ގަލޮޅު އޮޓޯ ގަރާޖާއި ޑީ ބްލޫ ޕްރައިވެޓް ލިމިޓެޑާއި ބެއިޖިން އާބަން ކޮންސްޓްރަކްޝަނަށް ވަނީ މި އެވޯޑު ލިބިފަ އެވެ.

މީގެ އިތުރުން ވިތްހޯލްޑިން ޓެކްސްގެ ކެޓަގަރީން ޓީއެމްއޭ އަށް ރަން ލާރި އެވޯޑު ލިބިފައިވާއިރު ބޭންކް ޕްރޮފިޓް ޓެކްސް ކެޓަގަރީން ބޭންކް އޮފް މޯލްޑިވްސް އިން ވަނީ މި އެވޯޑު ކާމިޔާބުކޮށްފަ އެވެ. އެސްއޯއީގެ ކެޓަގަރީން މި އެވޯޑު ހާސިލް ކުރީ ދިރާގުންނެވެ.

ޓެކުހާއި ޓެކުހަށް ނުވާ ފައިސާ މީރާ އަށް ދައްކާ ފަރާތްތަކުގެ ތެރެއިން ހޮވާލެވޭ ފަރާތްތަކަށް ރަން ލާރި އެވޯޑު ދޭން ފަށާފައިވަނީ 2014 ވަނަ އަހަރުން ފެށިގެންނެވެ. މިދިޔަ އަހަރު ވެސް 17 ފަރާތަކުން ވަނީ މި އެވޯޑު ހާސިލްކޮށްފަ އެވެ.