މީރާގެ ވެރިން ވަކިކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ދެނީ

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސްސޭޝަން އާއި ޑެޕިއުޓީ ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަން ވަކިކުރުމުގެ ބާރު ރައްޔިތުންގެ މަޖިލިހަށް ލިބޭ ގޮތަށް ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން މަޖިލިހަށް މިއަދު ހުށަހަޅައިފި އެވެ.


ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގައި މިހާރު އޮންނަ ގޮތުން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އާއި ޑެޕިއުޓީ ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަން މަގާމުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާ އަށް ފެނިއްޖެ ހާލަތެއްގައި މަޖިލިހުގެ ރުހުމާ އެކު، އެމަނިކުފާނު ފޮނުއްވާ ސިޓީއަކުން މަގާމުން ވަކިކުރެވިދާނެ އެވެ.

އެކަމަކު، ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިލްޔާސް ލަބީބް ހުށަހެޅުއްވި އިސްލާހުގައި އެ ބާރު ދީފައި ވަނީ ރައްޔިތުންގެ މަޖިލީހަށެވެ. އެ އިސްލާހުގައި ވަނީ އެ ދެ މަގާމުގައި ތިއްބެވި ބޭފުޅުން މަސްއޫލިއްޔަތު އަދާކުރެއްވުމުގައި އިހުމާލުވި ކަމަށް ނުވަތަ މަގާމުގެ ނުފޫޒު ނާޖައިޒު ގޮތުގައި ބޭނުން ކުރާ ކަމަށް ނުވަތަ ބޯޑުން ފާސްކޮށްފައިވާ ސުލޫކީ މިންގަނޑާ ހިލާފުވެފައިވާ ކަމަށް މަޖިލިހުގެ ކޮމިޓީ އަށް ފެނިގެން ދެ ބޭފުޅުން މަގާމުން ވަކިކުރުމަށް މަޖިލިހުގެ ޖަލްސާއެއްގައި ނަގާ ވޯޓުގައި މެމްބަރުން އަޣުލަބިއްޔަތު ލިބިއްޖެ ނަމަ، މަގާމުން ވަކިވާނެ ކަމަށެވެ.

އެ ގާނޫނަށް ހުށަހެޅި އެހެން އިސްލާހެއްގައި ވަނީ ކޮމިޝަނާ ޖެނެރަލާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލްގެ މަގާމަށް އައްޔަން ކުރާ މީހެއްގެ މުއްދަތަކީ ފަސް އަހަރު ދުވަސް ކަމަށެވެ.

މިހާރު އަމަލު ކުރަމުންދާ ގާނޫނުގައި ކޮމިޝަނަ ޖެނެރަލާއި ޑެޕިއުޓީ ކޮމިޝަނަ ޖެނެރަލްގެ ދައުރުގެ މުއްދަތަކީ ކޮބައި ކަމެއް ބުނެފައެއް ނުވެ އެވެ.

އިސްލާހުގައި ވަނީ މީރާގެ ބޯޑަށް ބައެއް ބަދަލުތައް ގެނައުމަށާއި ޓެކްސްއާ ބެހޭ ބައެއް ކަންކަމަށް ބަދަލު ގެންނަން ހިމަނައިފަ އެވެ. އެޓާނީ ޖެނެރަލް އޮފީހުން ކުރިން ބުނެފައިވާ ގޮތުގައި ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނު އިސްލާހު ކުރުމުގެ ބޭނުމަކީ މީރާ ހިންގުމުގެ ނިޒާމް އިތުރަށް ހަރުދަނާ ކުރުމާއި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އާއި ޑެޕިއުޓީ ކޮމިޝަނަރު ޖަވާބުދާރީ ކުރުވޭ ގޮތް ހެދުމުގެ އިތުރުން ޓެކުހާ ގުޅޭ ކަންކަމަށް ބައެއް ލުއި ދިނުމަށެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރުކަން ކުރައްވާ އިލްޔާސް ބިލް ހުށަހެޅުއްވި ސަބަބެއްގައި ވަނީ ޓެކްސް ގާނޫނުތައް ތަންފީޒު ކުރުމަށް ދިމާވާ ބައެއް އިދާރީ ދަތިތައް ހައްލު ކުރުމެވެ.

އެގޮތުން، ގާނޫނަށް ގެނައި އިސްލާހުގައި ވަނީ ބޯޑުގެ ހަތް މެމްބަރުންގެ ގޮތުގައި ތިއްބަވަން ވާނީ ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަނާއި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ ފަސް މެމްބަރުންނާއި ދައުލަތުގެ މާލިއްޔަތު ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ވުޒާރާގައި ޓެކުހާ ބެހޭ ސިޔާސަތުތަކާ ގުޅޭ ކަންކަން ބެލެހެއްޓުމަށް މިނިސްޓަރު ކަނޑައަޅާފައި ހުންނަވާ ބޭފުޅެއް ކަމަށެވެ.

ގާނޫނުގައި މިހާރު އޮންނަ ގޮތުން ބޯޑަށް މެމްބަރުން އައްޔަން ކުރާނީ ރައްޔިތުންގެ މަޖިލިހުގެ ރުހުމާ އެކު ރައީސުލްޖުމްހޫރިއްޔާ އެވެ. އެގޮތުން އާންމުކޮށް އިއުލާންކޮށްގެން ކުރިމަތިލާ މީހުންގެ ނަންތައް ފޮނުވައި މަޖިލިހުން ރުހުން ހޯދަން ވާނެ ކަމަށް ވެސް ގާނޫނުގައި ބުނެފައިވެ އެވެ. މީރާގެ މެމްބަރުން އައްޔަން ކުރުމުގައި ގާނޫނުގައި މިހާރު ބުނާ މާއްދާ އަށް މާ ބޮޑު ބަދަލެއް ގެނެސްފައެއް ނުވެ އެވެ.

އިސްލާހުގައި ބުނެފައިވަނީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ބޯޑުގައި ހިމެނޭނީ ވޯޓު ނުދެވޭ މެމްބަރެއްގެ ގޮތުގައި ކަމަށެވެ.

މީގެ އިތުރުން، ޓެކްސްގެ މައްސަލައެއް އިސްތިއުނާފު ކުރަން ބޭނުންވާ ނަމަ ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ދެއްކުމަށް ފަހު އިސްތިއުނާފު ކުރެވޭ ގޮތަށް އޮތް އޮތުމަށް ބަދަލު ގެނެސް ދައްކަން ޖެހޭ ފައިސާގެ 30 ޕަސެންޓް ދެއްކުމުން އިސްތިއުނާފު ކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ވަނީ ހުށަހަޅައިފަ އެވެ.

ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަންގެ ގޮތުގައި މިހާރު ހުންނެވީ ޔަޒީދު މުހައްމަދެވެ. ޑެޕިއުޓީ ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަން އަކީ ހަސަން ޒަރީރެވެ.