ވިކްޓޯރިއާ ބެކަމްގެ ބިއުޓީ ކަލެކްޝަނެއް ނެރެފި

ކުރީގެ އިނގިރޭސި އަންހެން މިއުޒިކް ބޭންޑް "ސްޕައިސް ގާލް" ގެ މެމްބަރު އަދި ފުޓްބޯޅަ ތަރި ޑޭވިޑް ބެކަމްގެ އަންހެނުން ވިކްޓޯރިއާ ބެކަމް ފެޝަން ލޭބަލެއް ލޯންޗްކުރިތާ 10 ވަރަކަށް އަހަރު ފަހުން، ބިއުޓީ ކަލެކްޝަނެއް ލޯންޗްކޮށްފި އެވެ.


"ވިކްޓޯރިއާ ބެކަމް ބިއުޓީ" ގެ ނަން ދީފައިވާ މި ކަލެކްޝަން އޭނާ ސިފަކޮށްފައި ވަނީ "ކްލީން ބިއުޓީ މޫވްމަންޓެއް" ގެ ގޮތުގަ އެވެ. އެގޮތުން ކަލެކްޝަނުގައި އެކުލެވޭ މޭކަޕާ ގުޅޭ އައިޓަމްތައް އުފައްދާފައި ވާނީ "ސާފު ބާވަތްތަކުން" ކަމަށް ބުންޏެވެ.

ކަލެކްޝަނުގައި ހިމެނޭ އެއްޗެހީގެ ތެރޭގައި 48 ޕައުންޑަށް ވިއްކާ ސްމޯކް އައި ބްރިކްސް އާއި 28 ޕައުންޑަށް ވިއްކާ ލިޑް ލަސްޓާގެ އިތުރުން 20 ޕައުންޑަށް ވިއްކާ ސެޓިން ކާޖަލް ހިމެނެ އެވެ.

މި ކަލެކްޝަނާ ބެހޭ ގޮތުން ވިކްޓޯރިއާ ބުނީ އޭނާ އަކީ އަބަދުވެސް މޭކަޕަށް ވަރަށް ލޯބިކުރާ މީހަކަށްވާތީ ބިއުޓީ ކަލެކްޝަނެއް ގެނެސްދިނުމަކީ ވަރަށް ބޭނުންވި ކަމަށެވެ. އެގޮތުން މި ކަލެކްޝަނުގެ އުފެއްދުންތައް ތަފާތުވާނެކަން ފާހަގަކޮށް އޭނާ ބުނީ މިއީ ކަސްޓަމަރުންނަށް ދެވޭނެ ވަރަށް ބޮޑު އެހީއަކަށް ވާނެ ކަމަށެވެ.

"މީގެ އެންމެ ހާއްސަ ކަމަކަށް ވާނީ މުޅިން ތަފާތު ފެންވަރު ރަނގަޅު ޕްރޮޑަކްޓްތަކެއް ބޭނުންކޮށްލެވޭކަމުގެ އިހުސާސްކުރެވި މީހާގެ ރީތިކަން އިތުރަށް ގެނެސްދިނުން،" ވިކްޓޯރިިއާ ބުންޏެވެ.

މި ވަގުތު އޮންލައިންކޮށް ވިއްކަން ފަށާފައި ވަނީ ބިއުޓީ ކަލެކްޝަނުގެ ތެރޭގައި ހިމެނޭ ލޮލަށް ހާއްސަ ޕްރޮޑަކްތައް ކަމަށް ވިޔަސް ވަރަށް އަވަހަށް ތުންފަތާއި ހަމަށް ހާއްސަ އުފެއްދުންތައް ވެސް ވިއްކަން ފަށާނެ އެވެ.

"ވިކްޓޯރިއާ ބެކަމް ބިއުޓީ" ކަލެކްޝަނަކީ ތިމާވެއްޓަށް ވެސް އިސްކަންދީގެން ނެރޭ އެއްޗެކެވެ. އެގޮތުން ޕެކެޖިން އަށް ޕްލާސްޓިކް ވީހާ ވެސް މަދުން ޕްލާސްޓިކް ބޭނުންކޮށްފައިވާ އިރު އެ ތަކެއްޗަކީ ރިސައިކަލް ނުވަތަ ބައޮޑިގްރަޑަބިލް ތަކެއްޗެވެ.