ދައުލަތުގެ ދަރަނިން 1.5 ބިލިއަން ކެނޑޭނެ: އަމީރު

އަންނަ އަހަރު ދައުލަތުގެ ދަރަނިން، އިންޑިއާގެ އެހީއާ އެކު، 1.5 ބިލިއަން ކެނޑޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.


ދައުލަތުގެ ދަރަނި ފުރަތަމަ ފަހަރަށް 50 ބިލިއަނަށް އެރުމާ އެކު "މިހާރު" އިން ލިޔެފައިވާ ހަބަރު ޓެގް ކުރައްވާ، އަމީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެތެރޭގެ ދަރަނީގެ ތެރޭގައި ހިމެނޭ 1.5 ބިލިއަން ރުފިޔާގެ ޓީބިލަކީ މިވަގުތަށް ދަރަނި ނަމަވެސް އަންނަ އަހަރު އެ އަދަދު ހިލޭ އެހީއަށް ވާނެ ކަމަށެވެ.

އަމީރު ވަނީ ޓީބިލްގެ އަދަދުތަކުގެ ތަފްސީލުތައް ވެސް ދެއްވައިފަ އެވެ.

"މީގެ އިތުރުން ޓީ-ބިލްސްގެ ގޮތުގައި ޖޫން މަހާ ހަމަޔަށް 325 މިލިއަން ރުފިޔާ ރިކޯޑް ކޮށްފަވާނެ. އިތުރުވެފައިވާ ދަރަނީގައި ޓީ-ބިލުގެ އިތުރުން ލޯނުން ހިންގާ މަޝްރޫޢުތަކުގެ ޑިސްބާޒްމަންޓްތައް ވެސް ހިމެނޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ކުރެއްވި ޓްވީޓް

އަމީރު އެ ވިދާޅުވި 1.5 ބިލިއަން ރުފިޔާ އަކީ މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ބޮންޑާއި ޓީބިލް ވިއްކައިގެން ދައުލަތަށް ހޯދި 1.9 ބިލިއަން ރުފިޔާގެ ބައެކެވެ. މި ދަރަނީގެ ތެރެއިން 1.1 ބިލިއަން ރުފިޔާ އަކީ ކޮމާޝަލް ބޭންކްތަކަށް ވިއްކި މިންވަރެވެ. މާލީ އެހެން އިދާރާތަކަށް ވިއްކި ޓީބިލާއި ބޮންޑުގެ އަދަދު އުޅެނީ 819 މިލިއަން ރުފިޔާގަ އެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭ އިން މި ހަފުތާގައި އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން ދައުލަތުގެ ދަރަނީގެ ބޮޑު ބައި ހިއްސާކުރަނީ އެތެރޭގެ ދަރަންޏެވެ. އެގޮތުން 50.9 ބިލިއަން ރުފިޔާގެ ތެރެއިން 29.7 ބިލިއަން ރުފިޔާ އަކީ އެތެރޭގެ ދަރަންޏެވެ. އެއީ މުޅި ދަރަނީގެ 58 ޕަސެންޓެވެ.