ޕެޑުން ނަގާ ޓެކްސް ޖަރުމަނުން އުވާލައިފި

އަންހެނުންގެ މައްސަރު މައްސަލަތަކަށް ބޭނުންކުރާ ސެނިޓަރީ އުފެއްދުންތައް "ލަގްޒަރީ" އައިޓަމްތަކެއްގެ ގޮތުގައި ހިމަނާފައި އޮތް އޮތުން ބާތިލުކޮށް، އެފަދަ ބާވަތްތަކުން ނަގަމުން ދިޔަ ޓެކްސް އަންނަ އަހަރުން ފެށިގެން ނުނަގަން ޖަރުމަނުން ބުރާސްފަތި ނިންމައިފި އެވެ.


މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޖަރުމަނަކީ އީޔޫގެ ގައުމުތަކުގެ ތެރެއިން ސެނަޓަރީ އުފެއްދުންތަކުން އެންމެ ބޮޑު ޓެކްސްއެއް ނަގާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އެގޮތުން ޕެޑްގެ ބާވަތްތަކުން 19 ޕަސެންޓުގެ ޑިއުޓީއެއް ނަގާއިރު، މާމެލާމެއްޔާއި ފޮތުން ނަގާ ޓެކްސް އެއަށް ވުރެ ނިސްބަތުން ކުޑަ އެވެ.

ސެނިޓަރީ ބާވަތްތަކުން އެންމެ ބޮޑަށް ޓެކްސް ނަގާ އީޔޫގެ 28 ގައުމުގެ ލިސްޓްގައި ޖަރުމަން އޮތީ 11 ވަނައިގަ އެވެ.

ޓެކްސް އުވާލާފައި މި ވަނީ މިކަމާ ދެކޮޅަށް ޖަރުމަނުގައި ބޮޑެތި ކެމްޕޭންތަކެއް ހިންގައި، ޓެކްސް އުވައިލަން 200،000 އަށް ވުރެ ގިނަ މީހުންގެ ސޮޔާ އެޖު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައި ވަނިކޮށެވެ.

އަންހެނުންގެ ސިއްހަތާ ގުޅުން ހުރި ޒަރޫރީ އުފެއްދުންތަކަކުން ޓެކްސް ނަގާތީ ވަރަށް ގިނަ ބަޔަކު މިހާތަނަށް އެކަމާ ކަންބޮޑުވުންފާޅުކޮށް، ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވެސް ކިޔާފައިވެ އެވެ. އަދި މިކަމަށް މަސައްކަތްކުރި ބައެއް އެކްޓިވިސްޓުން ވަނީ ސެނިޓަރީ އުފެއްދުންތަކުން ނަގާ ޓެކްސް ބޮޑުކަމުން ފޮތުގެ ތެރެއަށް އުފެއްދުންތައް ލައިގެން ވިއްކަން ވެސް މަސައްކަތްކޮށްފަ އެވެ. ސަބަބަކީ ސެނިޓަރީ އުފެއްދުންތަކުން ނަގާ ޓެކްސް އަށް ވުރެ ފޮތުން ނަގާ ޓެކްސް ކުޑަވުމެވެ.

ނަމަވެސް "ލަގްޒަރީ" ޓެކްސް އުވައިލުމުން ގިނަ ބަޔަކު އެކަމަށް މަރުހަބާ ކިޔާފައިވެ އެވެ.

ގާނޫނު ހަދާ މަޖިލީހުން ބުނީ ކުރިން ނަގަމުން ދިޔަ ޓެކްސް އުވައިލި ނަމަވެސް ޖެނުއަރީ 1، 2020 އިން ފެށިގެން އަންހެނުންގެ ސެނިޓަރީ އުފެއްދުންތަކުން 7 ޕަސެންޓްގެ ވެލިއު-އެޑެޑް ޓެކްސް (ވެޓް) ނަގާނެ ކަމަށެވެ.

ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ސެނިޓަރީ އުފެއްދުންތަކުން މި ވަގުތު އެންމެ ބޮޑު ޓެކްހެއް ނަގަނީ ހަންގޭރީންނެވެ. އެއީ 27 ޕަސަންޓެވެ. ޑެންމާކާއި ކްރޮއޭޝިއާ އަދި ސްވިޑްން ފަދަ ގައުމުތަކުން 25 ޕަސަންޓްގެ ޓެކްހެއް ނަގަ އެވެ.

މި އަހަރުގެ މާޗް މަހުން ފެށިގެން އިނގިރޭސިވިލާތުން އަންނަނީ އެ ގައުމުގެ ހުރިހާ ސާނަވީ ސްކޫލްތާއި ކޮލެޖްތަކުގެ ދަރިވަރުންނަށް ހިލޭ ޕެޑް ފޯރުކޮށް ދެމުންނެވެ.