އިންޑިއާގައި ފިޔާ އުފުލާ ޓްރަކްތަކަށް ބިރުވެރިކަން

އިންޑިއާ އިން ހައްދާ ފިޔާގެ ސަޕްލައި މަދުވެ، ޑިމާންޑް އުފުލި ދޭތެރެދޭތެރެ އިން ފިޔާގެ އަގު ރަނަށް ވުމަކީ ވަރަށް ގިނަ ބަޔަކު ތަޖުރިބާ ކުރާ ކަމެކެވެ. މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ވެސް އެކި ގޮތްގޮތަށް ފިޔާގެ ވާހަކަ އަންނަނީ ދެއްކެވެމުންނެވެ. ހާއްސަކޮށް މަޖާ ގޮތްގޮތަށެވެ.


އެކަމަކު، އިންޑިއާގައި ފިޔާގެ ވާހަކަ ދައްކަން ޖެހެނީ ތަންކޮޅެއް ސީރިއަސް ކޮށެވެ. ސަބަބަކީ ބައެއް ސްޓޭޓްތަކުގައި ފިޔާ އުފުލާ ޓްރަކްތައް ހައިޖެކްކޮށް، ފޭރޭ މައްސަލަތައް އިތުރުވަމުން ދިއުމެވެ.

މި ހަފުތާ ފެށިގެން އައީ އިންޑިއާގައި ހިނގި މިފަދަ ބޮޑު ފޭރުމެއްގެ ވާހަކަ މީޑިއާތަކުގެ ސުރުހީތަކަށް ވެސް އެރުމާ އެކީގަ އެވެ. އެ ގައުމުގެ ޚަބަރު ފަތުރާ ވަސީލަތްތައް ބުނާގޮތުން ބިހާރު ސްޓޭޓްގައި މިދިޔަ ބުރާސްފަތި ދުވަހު ވަނީ ފިޔާ ބަރުކޮށްގެން ދިޔަ ޓްރަކެއް ހައިޖެކްކޮށް، އޭގެ ޑްރައިވަރުގެ ބޮލުގައި ބަޑި ޖައްސައި، ފަސް ޓަނުގެ ފިޔާ ފޭރިގެންގަ އެވެ. އޭގެ އަގު 3.5 ލައްކަ ރުޕީސް (22,659.65 ޑޮލަރު) އަށް އަރަ އެވެ. ފޭރިގަތް ފިޔާގެ ޓަނުގައި 50 ކިލޯގެ 102 ބަސްތާ ފިޔާ ހުއްޓެވެ.

އިންޑިއާގެ މި ވަގުތު ފިޔާ ކިލޯއެއް އާންމުކޮށް ލިބެނީ 100-120 ރުޕީސްއާ ދެމެދުގެ އަގުތަކެއްގަ އެވެ. އެހެންވެ ފިޔާ އަކީ މިހާރު އާދައިގެ މީހުން އަތްފޯރާ ހިސާބެއްގައި ހުރި އެއްޗެއް ނޫނެވެ.

މީޑިއާ އިން ބުނިގޮތުގައި ފިޔާގެ މައްސަލަ ބޮޑުވެފައި ވަނިކޮށް، ފަސް ޓަނުގެ ފިޔާ ފޭރިގެންފައި ވަނީ ޖެހާންއާބާދުން އިލާހްއާބާދަށް ފިޔާ ޓްރަކް ދަތުރުކުރަނިކޮށް، ކާރެއްގައި ދިޔަ ހަ މީހަކު، ހައިވޭގައި އެ ޓްރަކް ހައިޖެކް ކުރުމަށް ފަހު އެވެ.

މި މައްސަލަ މިހާރު ބިހާރުގެ މޮހާނިއާ ޕޮލިސް ސްޓޭޝަނުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ޓްރަކްގެ ޑްރައިވަރާ ހަވާލާދީ ފުލުހުންގެ އޮފިޝަލެއް ކަމަށްވާ ސީނިއާ ހައުސް އޮފިސަރު އުދޭ ބާނޫ ސިންގް ވިދާޅުވީ، ފިޔާ ޓްރެކް ހައިޖެކްކޮށް، ފިޔާ ފޭރިގަތީ ކާރެއްގައި ދިޔަ ހަ މީހަކު، ޓްރަކް ދަތުރުކުރަމުން ދަނިކޮށް ހުއްޓުވުމަށް ފަހު، ބުރާސްފަތި ދުވަހު ހެނދުނުގެ ވަގުތެއްގަ އެވެ. އަދި އެ މީހުން ޑްރައިވަރު ދޭޝް ރާޖްގެ ބޮލުގައި ބަޑި ޖެއްސުމަށް ފަހު، އޭނާ ކިޑްނެޕްކޮށް، ކާރަށް އަރުވައިގެން ގޮސް އެކަހެރި ހަނަފަސް ހިސާބަކަށް ދޫކޮށްލީ ކަމަށް ވިދާޅުވި އެވެ.

"އަހަރެމެން މިހާރު އަންނަނީ ހައިޖެކް ކުރި ޓްރަކާއި އެކަން ކުރި މީހުން ހޯދުމުގެ މަސައްކަތްކުރަމުން،" އުދޭ ވިދާޅުވި އެވެ.

މިފަދަ ހާދިސާތައް ރިޕޯޓް ކުރާ މިންވަރު ވެސް އިތުރުވަމުން ދާތީ އިންޑިއާގެ ސްޓޭޓްތަކުގެ ހައިވޭތަކުގެ ސެކިއުރިޓީ ވެސް މިހާރު އަންނަނީ ވަރުގަދަ ކުރަމުންނެވެ.