ވައިރަސްގެ ސަބަބުން ޗައިނާގެ ޓްރެވެލް އެޖެންސީތަކުގެ ދަތުރުތައް މެދުކަނޑާލަނީ

ހަލުވި ކަމާ އެކު، ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ސަބަބުން ޗައިނާގެ ޓްރެވަލް އެޖެންސީތަކުން ދަތުރުތައް މެދުކަނޑާލުމަށް އެ ގައުމުގެ ޓޫރިޒަމް މިނިސްޓްރީން އަންގައިފި އެވެ.


ޗައިނާގެ ރައީސް ޝީ ޖިންޕިން ސޮއި ކުރައްވައި ނެރުއްވި ސާކިއުލާއަކާ ހަވާލާދީ، އެމެރިކާގެ "ބްލޫމްބާގް" ނޫހުގައި ބުނީ، އެގޮތަށް ނިންމީ ޗައިނާގެ ސިޓީތަކަށާއި އެހެން ގައުމުތަކަށް އެ ވައިރަސް ފެތުރުނަ ނުދޭން ކަމަށެވެ. ޗައިނާގެ ސަރުކާރުގެ މި ނިންމުމާ އެކު، އެޖެންސީތަކުން އިތުރު ދަތުރުތައް ނެގުން މަޑު ޖައްސާލާނެ އެވެ. ނަމަވެސް މިހާތަނަށް ބުކިން ހައްދާފައިވާ ދަތުރުތަކަށް ޗައިނާގެ ސަރުކާރުން ހުރަހެއް ނާޅަ އެވެ.

އެކަމަކު، ޗައިނާގެ ބޮޑެތި ޓުއާ އޮޕްރޭޓަރުން އަންނަނީ ބުކިން ހައްދާފައިވާ ދަތުރުތައް ވެސް ނުކުރުމަށް މަޝްވަރާ ކުރަމުންނެވެ.

ޗައިނާގެ ވޫހާން ސިޓީން ކޮރޯނާ ވައިރަސް ފެނިފައިވާއިރު، އެއީ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ، ޗައިނާގެ ޓުއާ އޮޕްރޭޓަރުން ދަތުރުތައް ހުއްޓާލި ނަމަވެސް އަމިއްލަ އަށް ދަތުރުތައް ކުރަން ބޭނުންވާ ޓޫރިސްޓުންނަށް އަދިވެސް އެ ފުރުސަތު އޮންނާނެ ކަމަށެވެ.

ވެލާަނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޓޫރިސްޓުންތަކެއް މާސްކް އަޅައިގެން-.-- ފޮޓޯ: ހުސެން ވަހީދު /މިހާރު

ޗައިނާ އަކީ ދުނިޔޭގެ ޓޫރިޒަމް ދާއިރާގެ އެންމެ ބޮޑު އެއް މާކެޓަށް ވާއިރު، އެ ގައުމުގެ ޓުއާ އޮޕަރޭޓަރުން ދަތުރުތައް ހުއްޓާލުމުން މުޅި ޓޫރިޒަމަށް ނޭދެވޭ އަސަރު ކުރާނެ އެވެ.

ދުނިޔޭގެ ބައެއް ތަޖުރިބާކާރުންނާ ހަވާލާދީ ބޭރުގެ ނޫސްތަކުގައި ބުނެފައިވަނީ ޗައިނާގެ މި ނިންމުން ދިގު މުއްދަތަކަށް ދަމަހައްޓައިފި ނަމަ އެ ގައުމުގެ ގިނަ ޓުއާ އޮޕްރޭޓަރުން ބަނގުރޫޓުވާނެ ކަމަށެވެ. މިހާރު ލިބޭ ގެއްލުންތައް އެ ކުންފުނިތަކުން ފޫބައްދަމުން އަންނަނީ އިންޝުއަރެންސްގެ ތެރެއިންނެވެ.

ކޮރޯނާ ވައިރަސް ރާއްޖޭގައި ފެތުރުނަ ނުދިނުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ވިޔަފާރި ބަނދަރުތަކުގައި މިހާރު އަންނަނީ ރާއްޖެ އަށް އަންނަ މީހުން ސްކްރީން ކުރަމުންނެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ބުނެފައި ވަނީ ކޮރޯނާ ވައިރަސް އަށް ޝައްކުވާ އެއްވެސް މީހަކު އަދި ރާއްޖެ އިން ނުފެންނަ ކަމަށެވެ.

ކޮރޯނާ ވައިރަސް ގެ ސަބަބުން މިހާތަނަށް 56 މީހުން ވަނީ މަރުވެފަ އެވެ.