ބަޖެޓު އެކުލަވާލުމަށް އިގްތިސާދީ މިންގަނޑުތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފި

އަންނަ އަހަރުގެ ބަޖެޓު އެކުލަވާލުމުގައި، މުޅި އިގްތިސާދާ ގުޅިފައިވާ މިންގަނޑުތަކާ ގުޅޭ ގޮތުން ކަމާބެހޭ ދާއިރާތަކުގެ އެންމެ އިސްވެރިން މިއަދު މަޝްވަރާކުރައްވައިފި އެވެ.


ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު "މިހާރު" އަށް ވިދާޅުވި ގޮތުގައި މެކްރޮއިކޮނޮމިކް ކޯޑިނޭޓިން ކޮމިޓީ (އެމްއީސީސީ)އެއް ގޮތަށް މިއަދު ވަނީ ބައްދަލުވުމެއް ބާއްވާފަ އެވެ. އެ ބައްދަލުވުމުގައި އޭނާއާ އެކު މަރުކަޒީ ބޭންކުގެ ގަވަރުނަރު އަޒީމާ އާދަމާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދު ވެސް ބައިވެރިވެވަޑައިގެންނެވިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"މިސާލަކަށް ޖީޑީޕީ އާއި ޓޫރިސްޓުންގެ އަދަދު ފަދަ ކަންކަން އަންނަ އަހަރު ހުންނާނެ މިންވަރާ މެދު މަޝްވަރާ ކުރެވުނު،" އޭނާ ވިދާޅުވި އެވެ.

އިގްތިސާދާ ގުޅިފައިވާ މިންގަނޑުތަކާ ގުޅޭ ގޮތުން މިއަދު ބޭއްވި ބައްދަލުވުން ކުރިއަށް ދަނީ.-- ފޮޓޯ: ފޭސްބުކު

މުނައްވަރު ފާހަގަކުރެއްވި ގޮތުގައި އެމްއެމްއޭ އާއި ފިނޭންސް އަދި ޓޫރިޒަމް މިނިސްޓްރީގެ އިތުރުން މީރާ އާއި ސްޓެޓިސްޓިކްސް ބިއުރޯގެ ފަންނީ ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމުގައި އެ ކަންކަން ނުއެއް ނިންމަ އެވެ. އެކަމަކު، ވަރަށް އަވަހަށް ފައިނަލް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު އެކުލަވާލުމުގެ މަސައްކަތް ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ސަރުކާރުން މި ހަފުތާގައި ވަނީ ބުނެފަ އެވެ. އަދި މާލިއްޔަތު ގާނޫނާ އެއްގޮތަށް، މި މަސް ނިމުމުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ބަޖެޓާ ގުޅޭ ގޮތުން މަޖިލީހުގެ ގަވާއިދަށް މިދިޔަ އަހަރު ދެ އިސްލާހެއް ވެސް ވަނީ ގެނެސްފަ އެވެ. އެ ގޮތުން، ބަޖެޓް ބަހުސް ފަށަން ވާނީ މަޖިލީހަށް ބަޖެޓު ހުށަހަޅާ ތާރީހުން ފެށިގެން ހަތް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު ކަމަށް ބުނި މާއްދާ އުވާލައި ބަޖެޓު ހުށަހަޅާ ދުވަހު ބަހުސް ފެށޭ ގޮތް ވަނީ ހަދާފަ އެވެ. އަދި ބަޖެޓާ ގުޅޭ ގޮތުން ބޭނުންވާ އިތުުރު މައުލޫމާތު ދެއްވުމަށް ފިނޭންސް މިނިސްޓަރުގެ ކިބައިން އެދިވަޑައިގެންނެވޭނީ ބަޖެޓު ހުށަހަޅާ ތާރީހުން ފެށިގެން ހަތް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު ކަމަށް އޮތް އޮތުން ވެސް ބަދަލުކޮށް، ބަޖެޓު ބަހުސް ކުރިއަށް ދާއިރު އެ މައުލޫމާތު ހޯދަން ހުށަހެޅޭ ގޮތަށް ވަނީ އިސްލާހުކޮށްފަ އެވެ.

މީގެ އިތުރުން، ބަޖެޓަށް ވޯޓު ނުދެއްވާ މެމްބަރުން ހިމެނޭ ސިޔާސީ ޕާޓީތަކަށް ފައިސާ ނުދޭ ގޮތަށް ސިޔާސީ ޕާޓީގެ ގާނޫނަށް އިސްލާހު ހުށަހަޅަން ވެރިކަން ކުރާ ޕީޕީއެމް އިން ވަނީ ތައްޔާރު ވެފަ އެވެ. އެ ގޮތުން، މަޖިލީހުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް އަންނަ ބުރާސްފަތި ދުވަހު ފެށުމާ އެކު އެ އިސްލާހު ހުށަހަޅާނެ ކަމަށް ޕީޕީއެމްގެ މެމްބަރަކު ވަނީ ވިދާޅުވެފަ އެވެ.

މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި މަޖިލީހުން ފާސްކޮށް ދިނީ 27.5 ބިލިއަން ރުފިޔާ އެވެ. އެ ބަޖެޓުގައި، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 22.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ޖަހާފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ 16.8 ބިލިއަން ރުފިޔާއި އެ ނޫން ގޮތް ގޮތުން ލިބޭނެ ކަމަށް ލަފާކޮށްފައިވާ 3.7 ބިލިއަން ރުފިޔާ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ޖަހާފައިވާ 1.5 ބިލިއަން ރުފިޔާ އަދި އާމްދަނީ އިތުރުކުރުމަށް ހުށަހަޅާފައިވާ ކަންކަމުން ލިބޭނެ ކަމަށް ލަފާކޮށްފައިވާ ހަތަރު ބިލިއަން ރުފިޔާ އެވެ.