ލަސްކުރާ އައިފޯނުތަކަށް 25 ޑޮލަރުގެ ބަދަލެއް ދޭން އަމުރުކޮށްފި

އަލަށް އައިފޯނެއް ބާޒާރަށް ނެރުމަށް ފަހު ކުރީގެ މޮޑެލްތަކުގެ ސްޕީޑް ލަސްކުރުވާ މައްސަލާގައި، ލަސްކުރާ ކޮންމެ ފޯނަކަށް 25 ޑޮލަރުގެ ބަދަލެއް ދޭން އެޕަލްގެ މައްޗަށް އެމެރިކާގެ ކެލިފޯނިއާގެ ސެން ޖޯސްގެ ޑިސްޓްރިކްޓް ކޯޓުން ހުކުރު ދުވަހު އަމުރުކޮށްފި އެވެ.


ކޯޓްގެ މި އަމުރާ ގުޅިގެން އެޕަލްގެ ފަރާތުން ބަދަލު ހޯދަން ވަރަށް ގިނަ ބަޔަކު ހުށަހަޅާނެ ކަމަށް ބެލެވޭ އިރު، މިކަމަށް، އެ ކުންފުނިން މަދުވެގެން 500 މިލިއަން ޑޮލަރު ހޭދަކުރަން ޖެހޭނެ ކަމަށް ވިޔަފާރި ދިރާސާކުރާ ފަރާތްތަކުން އަންދާޒާކޮށްފައިވެ އެވެ. އައިފޯނުގެ ކުރީގެ މޮޑެލްތައް ލަސްކުރުވާ މައްސަލާގައި ވަރަށް ގިނަ ބަޔަކު ރުޅިގަދަވެ، ޝަކުވާކުރި ނަމަވެސް އެޕަލް އިން އެކަން ކުރާ ކަމަށް އެއްބަސްވީ ވަރަށް ފަހުންނެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކޯޓްގެ ނިންމުމާ ގުޅިގެން އެތައް ބަޔަކު ބަދަލު ހޯދަން އެދޭނެތީ އެންމެ މަދުވެގެން ވެސް އެޕަލް އިން ބަދަލުގެ ގޮތުގައި 310 މިލިއަން ޑޮލަރު ހޭދަކުރަން ޖެހޭނެ އެވެ.

އެޕަލް އިން އައިފޯނުގެ ކުރީގެ މޮޑެލްތައް ލަސްކުރާކަން ރަސްމީކޮށް އެއްބަސްވެފައި ވަނީ 2017 ގަ އެވެ. އަދި މިކަމާ ގުޅިގެން ކަސްޓަމަރުންގެ ޝަކުވާތައް ބޮޑުވުމުން މާފަށް އެދި ފޯނުގެ ބެޓެރި ބަދަލުކޮށްދޭނެ ކަމަށް ބުނެފައިވެ އެވެ. އޭރު ބުނެފައި ވަނީ ބެޓެރީގެ ރިޕްލެންސްމަންޓަށް 79 ޑޮލަރު ހޭދަކުރާނެ ކަމަށެވެ. އެެކަމަކު 2018ގެ ޖެނުއަރީގައި އެ އަދަދު ވަނީ 29 ޑޮލަރަށް ދަށްކޮށްފަ އެވެ.

ފޯނު ލަސްކުރުވާ މައްސަލާގައި، އައިފޯން ބޭނުންކުރާ ގިނަ ބަޔަކު ޝަކުވާކުރަމުންދާތީ ފްރާންސުން މިދިޔަ މަހު ވަނީ އެޕަލް 25 މިލިއަން ޔޫރޯ (27 މިލިއަން ޑޮލަރު) އިން ޖޫރިމަނާ ވެސް ކޮށްފަ އެވެ.

އެޕަލް އިން ބުނެފައިވާ ގޮތުގައި ކުރީގެ މޮޑެލްތައް ލަސްކުރުވާ މައިގަނޑު ސަބަބަކީ ޒަމާނީ ފީޗާތައް ކުޅެދޭހާ ގާބިލުކަން ބެޓެރީގައި ނެތުމެވެ.

ނަމަވެސް ކޯޓުން ނިންމި ނިންމުމާ ގުޅިގެން މިހާރު ޑިސެމްބަރު 21، 2017 ގައި ގަނެފައިވާ އައިފޯން 6، 6 ޕްލަސް، 6 އެސް، 6 އެސް ޕްލަސް، 7، 7 ޕްލަސް އަދި އެސްއީ ގެންގުޅޭ ކަސްޓަމަރުންނަށް ބަދަލު ހޯދަން އެދެވޭނެ އެވެ.