ތަފާތު ހިޔާލުތަކާ އެކު ހޫނު ބަހުސްތަކެއް

މިނިމަމް ވޭޖް ކަނޑައެޅުމާ ބެހޭ ގޮތުން އާންމުންގެ ހިޔާލު ހޯދަން ރައްޔިތުންގެ މަޖިލިހުގައި ރޭ ބޭއްވި ބައްދަލުވުމުގައި އެކި މީހުންގެ ކަންބޮޑުވުންތަކާއި ހިޔާލުތައް އޮއްސާލައިފި އެވެ.


ބައެއް މީހުން ސުވާލު އުފެއްދީ މިނިމަމް ވޭޖު ނަގަން މިހާރު ކަނޑައަޅާފައިވާ މިންގަނޑާ މެދުގަ އެވެ. އަނެއް ބަޔަކު ބުނީ މިކަން ކުރަން މިހާރު ވެސް މާ ލަސްވެއްޖެ ކަމަށާއި އިތުރު ވަގުތު ބޭނުންނުވާ ކަމަށެވެ.

ވިޔަފާރިވެރިންގެ ހިޔާލު

މި ބައްދަލުވުމުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްްޓްރީ (މަސީ) ގެ އަދުނާނު އަލީ ވިދާޅުވީ ދިވެއްސަކަށް މަހަކު 6،400ރ. ކުޑަ ނަމަވެސް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީއަކަށް އެވަރުގެ އުޖޫރައެއް ބޮޑު ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ކޮވިޑް-19 ގެ އަސަރު މުޅި ދުނިޔެއިން ވެސް ފެންނަމުންދާ އިރު މިނިމަމް ވޭޖެއް ކަނޑައެޅުން މި ވަގުތު ނިންމުން ރަނގަޅެއް ނޫނެވެ.

އޭނާ ވިދާޅުވީ މިދުވަސްވަރު ޓޫރިޒަމާއި ކޮންސްޓްރަކްޝަން ދާއިރާއަށް ވެސް ނޭދެވޭ އަސަރު ކުރަމުން ދާ ކަމަށެވެ.

މިނިމަމް ވޭޖާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ރޭ ބޭއްވި ބައްދަލުވުމުގައި، އިމާރާތް ކުރުމުގެ ސިނާއަތުގެ އިސް ބޭފުޅެއް ކަމަށްވާ އަދުނާން ވާހަކަ ދައްކަވަނީ.---ފޮޓޯ: މަޖިލީހުގެ އިދާރާ

"އަޅުގަނޑުމެންނަށް އައިއެލްއޯގެ ކޮންސަލްޓެންޓުން ލަފާދޭ ގޮތުގައި އިކޮނޮމިކް ޑައުން ޓާނެއްގައި އެއްވެސް އާ އެއްޗެއް ބަދަލުކުރުމަކީ ނުވަތަ އާ ޓެކްސްއެއް ނެގުމަކީ ކޮށްގެން ވާނެ ކަމެއް ނޫން. އެހެން ނަމަވެސް އިކޮނޮމީ ގްރޯ ވެގެންދާ އިރު އެއީ ކުރުން ވަރަށް ރަނގަޅު ކަންކަން،" އަދުނާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރަނީ ޕްރޮޖެކްޓަކަށް ހުށައަޅާ އެންމެ ކުޑަ އަގު ގަބޫލުކޮށްގެންނެވެ. އެހެންކަމުން ކުއްލިއަކަށް އަގުތައް ބަދަލުކުރުމަކީ އެހާ ފަސޭހަ ކަމެއް ނޫން ކަމަށް ވިދާޅުވެ އޭނާ އެދިވަޑައިގަތީ މިނިމަމް ވޭޖު ކަނޑައެޅުމުގައި ކޮންސްޓްރަކްޝަން ދާއިރާއަށް ވަގުތު ދިނުމަށެވެ.

އިކޮނޮމިކް މިނިސްޓްރީން އެކުލަވާލި ވޭޖް އެޑްވައިޒަރީ ބޯޑުގައި ވެސް އަދުނާނު އިންނަވަ އެވެ.

ތަންތަނުގެ ސެކިއުރިޓީ ބަލަހައްޓައިދިނުމުގެ ވިޔަފާރި ހިންގާ މީހަކު ބުނީ ރަށްރަށުގެ އެކި އިމާރާތްތަކުގެ ސެކިއުރިޓީ މަސައްކަތް ހޯދަނީ 16،000ރ. އާއި 20،000ރ.ގެ އަގެއް ޖަހައިގެން ކަމަށާއި ބިޑު އިއުލާނު ކުރާ އިރު އެކަމަށް މަދުވެގެން ތިން ހަތަރު މީހަކު ގެންގުޅެން ޝަރުތު ކުރާ ކަމަށެވެ. ނަމަވެސް މިހާރު އޮތް ގޮތަށް މިނިމަމް ވޭޖް އަތުވެއްޖެ ނަމަ އެކަން އޭނާއަށް ނުކުރެވޭނެ ކަމަށް ބުންޏެވެ.

"އަޅުގަނޑުމެން ޖެހޭނީ ކޮންޓްރެކްޓް ވަގުތުން ދޫކޮށްލަން. އަޅުގަނޑުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބައެއް ފަރާތްތަކުން މިކަން ވަރަށް އަވަހަށް އިމްޕްލިމެންޓް ކުރަން އެދޭކަން. މިކަމުގައި ގާތްގަނޑަކަށް އެއް އަހަރުގެ ޑިލޭއެއް އެބަ ބޭނުންވޭ،" އޭނާ ވިދާޅުވި އެވެ.

އެވަރުގެ މުއްދަތެއް ނުދޭ ނަމަ، އެ ދާއިރާގައި އުޅޭ މީހުންނަށް ބޮޑު ގެއްލުމެއް ކުރިމަތިވާނެ ކަމަށް އޭނާ ދެކެ އެވެ. އެހެންކަމުން އޭނާ ދެން ސުވާލުކުރީ އެފަދަ ކަމެއް ދިމާވެ، ވިޔަފާރި ހުއްޓާލަން ޖެހިއްޖެ ނަމަަ ސަރުކާރަށް ވެދެވޭނެ އެހީއެއް އޮތްތޯ އެވެ.

މިނިމަމް ވޭޖާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ރޭ ބޭއްވި ބައްދަލުވުމުގައި، ބައިވެރިވި ޕެނަލްގެ ބޭފުޅުން.---ފޮޓޯ: މަޖިލީހުގެ އިދާރާ

އެއަށް ޖަވާބު ދެއްވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ މިނިމަމް ވޭޖާ ހެދި ވިޔަފާރިވެރިންނަށް ދިމާވާ ގެއްލުންތަކަށް ސަރުކާރަށް ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށެވެ.

ރޭގެ ބައްދަލުވުމުގައި އެސްއެމްއީ ފެޑެރޭޝަންގެ ރައީސް އަބްދުލް ލަތީފު ވިދާޅުވި ގޮތުގައި ވޭޖް އެޑްވައިޒަރީ ބޯޑުން ބައްދަލުކުރި ނަމަވެސް، އެސްއެމްއީތަކަށް ދިމާވާ މައްސަލަތައް ރިޕޯޓުގައި އެންމެ ފުރިހަމައަށް ނެތް ކަމަށެވެ.

"އަޅުގަނޑުމެންގެ އެދުމެއް، އަޅުގަނޑުމެންގެ އިހުސާސްތައް [އެސްއެމްއީ] ފެންނާނެ ކަމަށް އުންމީދު ކުރަން،" އޭނާ ވިދާޅުވި އެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރާ އެހެން ފަރާތްތަކުން ވެސް ވަނީ އެންމެ ކުޑަ މުސާރައިގެ ގޮތުގައި 6،400ރ. ހަމަޖެއްސުމާ މެދު ކަންބޮޑުވުންތައް ފާޅުކޮށްފަ އެވެ. އެވަރުގެ އުޖޫރައެއް ދޭން ޖެހިއްޖެ ނަމަ ކުދި ވިޔަފާރިތައް ފުޑޭނެ ކަމަށް އެމީހުން ގަބޫލުކުރެ އެވެ.

އާންމުން ދެކޭ ގޮތް ތަފާތު

އާންމު މީހެއް ކަމަށްވާ އަހުމަދު ވަހީދު ދެކޭ ގޮތުގައި މިނިމަމް ވޭޖެއް ކަނޑައަޅައިގެން ދިވެހިންނަށް ވަޒީފާ ލިބޭނެ ގޮތެއް އޭނާއަކަށް ނުވިސްނެ އެވެ. މިހާރު އޮތް ގޮތުން ދިވެހިންނަށް ފައިދާއެއް ނުވުމުގެ އިތުރުން ފައިދާވާނީ ބިދޭސީންނަށް ކަމަށް ވެސް އޭނާ ބުންޏެވެ.

"ސަރުކާރުގައި އުޅޭ މީހުންނާއި ސަރުކާރު ކުންފުނިތަކުގައި އުޅޭ މީހުންނަށް ފައިދާ ވެދާނެ. އެކަމަކު ޕްރައިވެޓް ސެކްޓަރަށް ވާނީ ގެއްލުން،" ވަހީދު ބުންޏެވެ.

އެހެން މީހަކު ބުނީ އުޒުރެއްގެ ގޮތުގައި ކޮރޯނާ ވައިރަހުގެ ވާހަކަދައްކާ އިރު ސަރުކާރުން ހިންގާ ޕީއެސްއައިޕީ މަޝްރޫއުތައް ހުއްޓޭ މަންޒަރު ނުފެންނަ ކަމަށެވެ.

ރޭގެ ބައްދަލުވުމުގައި ބައިވެރިވި ޒުވާނަކު ވާހަކަ ދެއްކީ ވަޒީފާތަކަށް ރަނގަޅު ދިވެހިން ނުލިބޭ ކަމަށް ބުނާ ބުނުން ދޮގުކޮށްފަ އެވެ. އޭނާ ބުނީ އެ ވާހަކަ ގަބޫލުނުކުރެވޭ ކަމަށެވެ. ދިވެހިން ނުވަނީ، އޭނާ ބުނި ގޮތުގައި، ދިވެހިންނަށް އެކަށީގެންވާ އުޖޫރަ ނުލިބުމުގެ އިތުރުން މަސައްކަތުގެ ރަނގަޅު މާހައުލެއް ފޯރުކޮށްނުދޭތީ އެވެ.

މަސައްކަތްތެރިންގެ ހައްގުގައި ވާހަކަދެއްކި އެހެން މީހަކު ބުނި ގޮތުގައި މިނިމަމް ވޭޖެއް އަންނަން ޖެހެ އެވެ. އޭގެ އިތުރުން ލިވިން ވޭޖެއް ދިނުން ވެސް މުހިއްމު ކަމަށް އޭނާ ބުންޏެވެ.

އެހެން ބައިވެރިޔަކު ބުނި ގޮތުގައި މިނިމަމް ވޭޖު އައުމުން ރާއްޖޭގެ އާބާދީގެ 42 ޕަސެންޓް މީހުންނަށް އޭގެ ހެޔޮ އަސަރު ކުރާ ކަމަށް ދިރާސާތަކުން އެނގޭތީ އެކަން ކުރުން ވަރަށް މުހިއްމެވެ.

"މިދައްކަނީ މިނިމަމް ވޭޖެއްގެ ވާހަކަ. އަސާސީ ހައްގުތަކެއްގެ ވާހަކަ. މިއީ އަހަރެމެން ދައްކަން ޖެހޭ ވާހަކައެއް ނޫން. މިއީ ކޮންމެ ރައްޔިތަކަށް ވެސް ލިބެން ޖެހޭ ހައްގުތަކެއްގެ ވާހަކަ،" އޭނާ ބުންޏެވެ.

ރޭގެ ބައްދަލުވުން ތިން ގަޑިއިރަށް ދެމިގެންދިޔަ އެވެ. އެކަމަކު އަދިވެސް އިތުރު ފުރުސަތަށް ބައެއް މީހުން އެދުނެވެ. ކުރިން ކަނޑައެޅި ގަޑީގައި ނިންމާލަން އުޅުމުން ބައެއް މީހުން ހިތްހަމަނުޖެހުން ފާޅުކުރަން ފެށުމާ އެކު އިތުރަށް 40 ވަރަކަށް މިނެޓް ދިނެވެ.

ހޫނު ގަދަ ބަހުސްތަކެއް ފެނުނު ބައްދަލުވުމުގައި ބައެއް މީހުން ބުނީ އާންމުންގެ އަޑު އެހުމުގެ ބަދަލުގައި މިނިމަމް ވޭޖެއް ކަނޑައެޅުމުގައި ސަރުކާރުން ވިސްނީ ބޮޑެތި ވިޔަފާރިވެރިންނަށް ކަމަށެވެ. އެކަމާ ނުހުރުންވެ، ބައެއް މީހުން ހިޔާލު ފާޅުކުރި އެވެ.

ފައްޔާޒު ވިދާޅުވީ މިނިމަމް ވޭޖްގެ މައްސަލަ އަސްލު އޮންނަން ޖެހޭނީ މީގެ އެތައް އަހަރެއް ކުރިން ނިމިފައި ކަމަށެވެ. ނަމަވެސް އެފަދަ ބޮޑު ކަމެއް ކުރާ އިރު ކުރިމަތިވެދާނެ ނޭދެވޭ އަސަރުތައް ވީހާވެސް ކުޑަވާނެ ގޮތަކަށް ކަންކަން ބައްޓަން ކުރަން ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.