ލުއީ ވިޓޯނުން ސެނިޓައިޒާ އުފައްދަނީ

ކޮވިޑް-19އާ ހެދި ފްރާންސަށް ހޭންޑް ސެނިޓައިޒާގެ ދަތިކަން ކުރިމަތިވެފައިވާތީ އެކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، އެ ގައުމުގެ މަޝްހޫރު ލަގްޒަރީ ކުންފުނި ލުއީ ވިޓޯން (އެލްމްވީއެޗް) އިން ސެނިޓައިޒާ އުފައްދަން ނިންމައިފި އެވެ.


މިކަން އާދީއްތަ ދުވަހު ހިއްސާކުރަމުން އެ ކުންފުނިން ބުނީ ސެނިޓައިޒާ އުފެއްދުމުގެ މަސައްކަތް ކުރިއަށް ދާނީ ލުއީ ވިޓޯންގެ ސެންޓާއި ކޮސްމެޓިކް އުފައްދާ ގޮފީގެ ދަށުން ކަމަށެވެ. އޭގެ ދަށުން ނެރޭ ބްރޭންޑްތަކުގެ ތެރޭގައި ގިވެންޗީ އާއި ކްރިސްޓިއަން ޑިއޯ ހިމެނެ އެވެ.

ލުއީ ވިޓޯނުން ބުނިގޮިތުގައި ސެނިޓައިޒާ އުފެއްދުމަށް ފަހު، އެންމެ ފުރަތަމަ ފޯރުކޮށްދޭނީ ފްރާންސްގެ ސިއްހީ އިދާރާތަކަށެވެ. އަދި އެކަމަށް އެއްވެސް އަގެއް ނުނަގާނެ ކަމަށް ބުންޏެވެ.

ސެނިޓައިޒާ އުފެއްދުމުގެ މަސައްކަތް ވަނީ ހޯމަ ދުވަހު ރަސްމީކޮށް ފަށައިފަ އެވެ. ލުއި ވިޓޯނަކީ ދުނިޔޭގައި ހަތަރު ވަނަ އަށް އެންމެ މުއްސަނދި މީހާ ބާނާޑް އާނޯލްޓްގެ ކުންފުންޏެވެ. އޭނާގެ މިލްކިއްޔާތު 117 ބިލިއަން ޑޮލަރަށް އަރަ އެވެ.

ކޮވިޑް-19 ޖެހިގެން މިހާތަނަށް ފްރާންސްގައި 120 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ. އަދި ބަލި ފެތުރެން ފެށުމާ އެކު އެ ގައުމުން ވަނީ ރައްކާތެރިކަމުގެ ހާއްސަ ފިޔަވަޅުތަކެއް ވެސް އަޅަން ފަށައިފަ އެވެ.